ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 60 ބިން ވިއްކަން ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބީލަމަށް ހުޅުވާލުމުން އެކަން ބަދަލު ކުރުމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ

އެމަނިކުފާނު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭ ސަރަހައްދުގައި ދިރިއުޅޭ އާމްދަނީ މަދު މީހުން ބިން ލިބޭނެ ގޮތެއް ނެތިފައި ވަނިކޮށް، ހުޅުމާލެއިން ބިން ވިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެމަނިކުފާނު ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކަން އެޗްޑީސީ ކަނޑައެޅި ސިޔާސަތު ބަދަލުކުރުމަށް ސަރުކާރަށް ގޮވާލައިފައެވެ.

"މާލޭ ސަަރަހައްދުގައި ދިރިއުޅޭ އާމްދަނީ މަދު މީހުންނަށް ބިން ލިބޭނެ ގޮތެއް ނެތި ހުޅުމާލެއިން ބިން ވިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން، މި ސިޔާސަތު ބަދަލުކުރުމަށް ސަރުކާރަށް ގޮވާލަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެޗްޑީސީން މިއަދުކުރި އިއުލާނެއްގައި ބުނީ، ދެވަނަ ފިޔަވަހިން ވިއްކަން ހުޅުވާލާފައިވަނީ 1،603.07 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ ބޮޑުމިނުގެ 60 ބިމެއް ކަމަށެވެ. ވިއްކަން ހުޅުވާލާފައިވަނީ ބީޗް ފްރޮންޓާއި ބީޗް ސައިޑުގެ ބިންތަކެވެ. އެޗްޑީސީން ބުނީ ބީޗް ފްރޮންޓާއި ބީޗް ސައިޑުގެ ބިންތަކަށް ހުށަހަޅާ ބީލަމުގެ ބިޑް ސެކިއުރެޓީ ގޮތުގައި 320،000 ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާ ވަހިކަމުގެ މައްސަލައަކީ އެމްޑީޕީއިން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގެ އިތުރުން ކައުންސިލް އިންތިހާބުގައި ވެސް އެންމެ ގިނައިން ދެއްކި ވާހަކައެވެ. މާލޭ ރައްޔިތުންނަށް މާލޭ ސަރަހައްދުން ބޯހިޔާ ވަހިކަން ހޯދައިދިނުމަކީ އެމްޑީޕީގެ ވައުދެކެވެ. ރައީސް ނަޝީދު ވެސް ވަނީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާ ވަހިކަމުގެ މައްސަލަ ހައްލުކުރާނެ ކަމަށް އެކިފަހަރު މަތިން ވިދާޅުވެފައެވެ.

މާލޭގެ އެމްޑީޕީ މެންބަރުންނާއެކު ސަލްޓަން ޕާކުގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައިވެސް ނަޝީދު ވަނީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ވާހަކަދައްކަވައިފައެވެ. ނަޝީދު ވަނީ ދައުލަތުން ބޮޑު ދަރަންޏެއް ނުއުފުލައި، ބޯހިޔާވެހިކަން ކަށަވަރު ކުރެވޭނެ ގޮތަކީ މާލޭގެ މީހުންނަށް ގޯތި ދީގެން ކަމަށާއި އެކަން ހާސިލު ވަންދެން މަސައްކަތްޕުޅު ހުއްޓާ ނުލައްވާނެ ކަމަށް ވިދާޅުވެފައެވެ.

ދެވަނަ ފިޔަވަހިން މީގެ ކުރިން ވެސް ބިން ވިއްކަން ހުޅުވައިލިއެވެ. އެކަމަކު މާލޭގެ ތޮއްޖެހުމަށް ލުޔެއް ހޯދަން ހިއްކި ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ބިން ވިއްކުން އިންސާފުވެރި ނޫން ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރުކުރުމުން އެކަން ވަނީ ހުއްޓާލައިފައެވެ.