ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ނޭޕާލް ފުޓުބޯޅަ ޓީމުން އެދިއްޖެއެވެ.
ނޭޕާލުން އެދިފައި ވަނީ އެގައުމަށް ރާއްޖޭގެ ގައުމީ ޓީމު ގޮސް، ދެ މެޗެއް ކުޅުމަށެވެ. އަންނަ މަސް ތެރޭގައި ދެމެޗު ކުޅެން މަޝްވަރާ ކުރަމުން އަންނަ އިރު، އެފްއޭއެމްއިން ބުނެފައި ވަނީ އެ އިދާރާއިން އެދިފައި ވަނީ ނޭޕާލް ޓީމު ރާއްޖެ އައިސް ދެމެޗު ކުޅޭ ގޮތަށް ހަދައިދިނުމަށް ކަމަށެވެ.
"ނޭޕާލުން އެދިފައި ވަނީ އެކުވެރިކަމުގެ ދެމެޗު ކުޅުމަށް. އެފްއޭއެމްއިން ރިކުއިސްޓް ކޮށްފައި ވާނީ ރާއްޖެއަށް ނޭޕާލް ޓީމު އައިސް އެދެމެޗު ކުޅުމަށް،" އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު (ޖަވާ) "ވަން" އަށް ވިދާޅުވިއެވެ.
މެޗު ކުޅޭނެ ކަމާމެދު އަދި ވަކި އެއްޗެއް ނިންމާފައެއް ނުވެއެވެ. އެހެން ނަމަވެސް އެ މެޗުތައް ކުޅުމަށް ރާއްޖޭގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބޭނުންވެއެވެ. އެއީ ގައުމީ ޓީމަށް ތަޖުރިބާގެ ގިނަ މެޗުތަކެއް މުހިއްމު ވާތީ އެވެ.
އެންމެފަހުން ނޭޕާލާއި ރާއްޖެ ވާދަކުރި މެޗަކީ މިފަހަރު ސާފް ޗެމްޕިއަންޝިޕްގައި ދެޓީމުން ގައުމީ ދަނޑުގައި ކުޅުނު މެޗެވެ. އެ މެޗު ނޭޕާލުން ވަނީ 1-0 އިން ކާމިޔާބު ކޮށްފައެވެ. އެއީ ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލުން ރާއްޖެ ކައިރީ ހޯދި ފުރަތަމަ މޮޅެވެ. އަދި އެއީ ގައުމީ ދަނޑުގައި ނޭޕާލުން ގައުމީ ޓީމު ކައިރިން ހޯދި ފުރަތަމަ މޮޅުވެސް މެއެވެ.
ރާއްޖެ އާއި ނޭޕާލް އެންމެ ފަހުން ނޭޕާލުގައި ކުޅުނީ 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައެވެ. ކަތުމަންޑޫގެ ދަސްރަތު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ނޭޕާލް މޮޅުވީ 2-1 އިންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު