އަޅުގަނޑުމެން (ސިޔާސީ މީހުން) ރައްޔިތުންނަށް ހިދުމަތް ކުރުމާ ހަވާލުވީ، ރައްޔިތުންނަށް ބޭނުންވާ ވަރަށް ގިނަ އަސާސީ އަދި އިޖުތިމާއީ ހިދުމަތްތަކެއް، ވަކި މުއްދަތުތަކެއްގައި ފުރިހަމަކޮށްދޭން ވައުދުވެގެން ކަމަށާއި، އެކަން ހަނދާނުން ފޮހެވިގެންދިޔަ ދީގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހިންގުމުގެ ދާއިރާގެ އިސް މުވައްޒިފުންގެ ހުނަރާއި ގާބިލުކަން އިތުރު ކުރުމުގެ ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގއި އޮފީހުގައި މިއަދު ބޭއްވި ބައްދަލުުމުގައި ސިޔާސީ މަގާމު ތަކުގައި ތިއްބެވި އިސް ފަރާތްތަކާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ، "އަޅުގަނޑުމެން މި މަގާމުތަކުގައި މިތިބީ، ރައްޔިތުން އަޅުގަނޑުމެންނާ ހަވާލުކުރި ވަރަށް މުހިންމު މަސްއޫލިއްޔަތުތަކެއް އަދާކުރުމަށް. މިއަދު ބޭނުންވަނީ މި ދެންނެވި މަސްއޫލިއްޔަތު އަޅުގަނޑުމެންނަށް އަދާކުރެވުނީ ކިހާވަރަކަށްތޯ ބަލައިލަން. އަޅުގަނޑުމެން މިއުޅެނީ އެ މަސްއޫލިއްޔަތުގެ ދަށުން އިތުރަށް ރަނގަޅު ކުރަން ހުރި ކަންކަން ދެނެގަނެ އެކަންކަން ފުރިހަމަކުރަން،" ކަމަށެވެ.

ސިޔާސީ މަގާމެއްގައި ހުރުމަކީ، ހަމައެކަނި ވަޒީފާއެއް އަދާކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށް، އެއްވެސް ބޭފުޅަކު ދެކިވަޑައިނުގަންނަވާނެކަން ޔަގީން ކުރައްވާ ކަމަށާއި، ކޮވިޑް 19ގެ ފުރަ ބަންދަށްފަހު، ސަރުކާރު އަލުން ހުޅުވުމާއެކު، އެންމެ ބޮޑު އިސްކަމެއް ދެނީ ސަރުކާރުގެ ހިންގުން ހަރުދަނާ ކުރުމަށް ޓަކައި އޮފީސްތަކުގެ ހާލަތު ދެނެގަތުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މަސައްކަތް ކުރަނީ، ވަކިވަކި އޮފީސްތަކެއްގެ ގޮތުގައި ކަމަށްވިޔަސް، މިއީ އެއް ސަރުކާރެއް ކަމަށެވެ. އޮންނާނީ އެއް ސިޔާސަތެއް ކަމަށާއި، ހާސިލުކުރަން ބޭނުންވަނީ އެއް ނަތީޖާއެއް ކަމަށެވެ. ނަމަވެސް، އެ ނަތީޖާ ނެރެވޭނީ ސަރުކާރުގެ ހުރިހާ މުއައްސަސާތައް ގުޅިގެން، އެއް މިސްރާބަކަށް ދަތުރުކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުގައި ރައީސް ވިދާޅުވީ، ކޮވިޑުގެ ނުރައްކާ ކުރިމަތިވުމާއެކު، އެ ވަބާއިން ރައްކާތެރިވުމަށް ދުރާލައި މަސައްކަތް ފެށި ކަމަށާއި، އެ ބަލިން ރައްކާތެރިވުމަށް އަޅާނެ ފިޔަވަޅުތައް ކަނޑައެޅީ، ވަރަށް ގިނަ މުއައްސަސާތައް އެއްތަން ވެގެން ކަމަށެވެ. އަދި ތަފާތު ފިކުރާއި، ތަފާތު ވިސްނުމުގެ އަދި ތަފާތު ފަންނުގެ އެތައް ބަޔަކު މަޝްވަރާކޮށް ހިޔާލު ބަދަލުކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.

އެ ފިޔަވަޅުތައް ތަންފީޒުކުރުމާ ހަވާލުވީވެސް، ތަފާތު މުއައްސަސާތަކުގެ ތަފާތު ބޭފުޅުން ކަމަށާއި، ކޮންމެ މުއައްސަސާއަކުން ތަންފީޒު ކުރަން ޖެހޭ ކަންކަންވެސް ތަފާތު ކަމަށާއި، އަޅަން ޖެހޭ ފިޔަވަޅުތައްވެސް ވަރަށް ތަފާތު ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް، އެ ހުރިހާ މުއައްސަސާތަކުންވެސް ތަންފީޒު ކުރީ، ސަރުކާރުން ކަނޑައެޅި އެއް ސިޔާސަތު ކަމަށް ރައީސް ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން ކޮވިޑް ބަލި ފެތުރެން ފެށިތާ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި، ފުރަބަންދުގެ ހާލަތު މުޅިން އުވާލައި، އިގުތިސޯދީ ހަރަކާތްތަކާއެކު، އަލުން ހިންދެމިލާނެ ފުރުސަތު ލިބުނީ، އެއް ސިޔާސަތު ތަންފީޒު ކުރުމަށް އެންމެން ގުޅިގެން، އެއް އަމާޒަކަށް މަސައްކަތް ކުރުމުން ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

"ކޮވިޑުގެ ހާލަތު އެންމެ ގޯސްވި ދުވަސްވަރު، އަޅުގަނޑުމެންގެ ލީޑަރުންގެ ކިބައިން ފެނުނީ، ބިރުވެރިކަމެއް، ވަރުބަލިކަމެއް ނެތި، ރެޔެއް ދުވާލެއް ނުބައްލަވައި މަސައްކަތް ކުރެއްވި ތަން. ކެތްތެރިކަމާއި ހިތްވަރާއެކު، ކޮންމެ ކަމެއްގައިވެސް އިސް ސަފުގައި ހަރަކާތްތެރިވި ތަން،"

ހަމަ އެ ރޫހުގައި އެއް އިދާރާ އަނެއް އިދާރާއާ ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކޮންމެ ވަގުތެއްގައިވެސް، އެކުގައި ހަރަކާތްތެރިވާ ވަރުގަދަ ޓީމެއްގެ ގޮތުގައި ކޮންމެ ކަމަކާވެސް ކުރިމަތިލެއްވުމަށް ރައީސް ގޮވައިލެއްވިއެވެ.

ރައީސް ވިދާޅުވީ، ގައުމީ ތަރައްގީއާ ގުޅިފައިވާ މަޝްރޫއުތައް މިހާރުވެސް ކުރިއަށް އެބަދާ ކަމަށެވެ. ނަމަވެސް އެއީ ހަމައެކަނި ސިޔާސަތެއް ކަނޑައަޅައިގެން ހާސިލުކުރެވޭނެ ކަމެއްނޫން ކަމަށެވެ.

އެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި އެންމެ ކުރީ ސަފުގައި ތިއްބެވީ ސިޔާސީ މަގާމުތަކަށް އައްޔަނު ކޮށްފައި ތިއްބެވި ބޭފުޅުން ކަމަށާއި، ސިޔާސީ މީހުންނަކީ، ހަމައެކަނި ކަންކަމުގައި ބަސްކިޔައި، ގޮތް ނިންމަން ތިބޭ ބައެއް ނޫން ކަމަށައި، އަމަލީ ގޮތުން ކަންކަން ކުރުމަކީ އެ ފަރާތްތަކުގެ އެންމެ އިސް މަސްއޫލިއްޔަތު ކަމަށްވެސް ވިދާޅުވިއެވެ.

"ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި އެހީތެރިވެދޭން ތިބޭ ބަޔަކީ، ސިވިލް ސަރވިސްގެ މުވައްޒަފުން. އެ މުވައްޒަފުންގެ ހަކަތަ އިތުރުވާނީ، ތިޔަބޭފުޅުންގެ ހަރަކާތް އިތުރުކުރިވަރަކުން. ސަރުކާރުގެ ސިޔާސަތެއް ތަންފީޒު ނުވުމުން، އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ، އެ އޮފީހެއްގައި ތިބޭ ސިވިލް ސަރވިސް މުވައްޒަފުން އެކަންޏެއް ނޫން،" ރައީސް ވިދާޅުވިއެވެ.