އިނގިރޭސި ޕްރިމިއާ ލީގުގެ "ބޮކްސިން ޑޭ" ގައި މިރޭ ކުޅުނު މެޗުތަކުން އާސެނަލް އާއި މެންޗެސްޓާ ސިޓީވެސް މޮޅުވެއްޖެއެވެ.

ލީގުގެ އެންމެ ފޯރިގަދަ މެޗުތަކުގެ ގޮތުގައި އަބަދުވެސް "ބޮކްސިން ޑޭ" ގެ މެޗުތައް ފާހަގަވެފައި އޮންނަ އިރު، މިރޭގެ މެޗުތަކުންވެސް ފެނުނީ ތާރީހީ ނަތީޖާތަކެކެވެ. އާންމުކޮށް "ބޮކްސިން ޑޭ" ގެ މެޗުތަކަކީ ގޯލު ގިނަ މެޗުތަކެއްގެ ގޮތުގައި ފާހަގަވާ އިރު، ސިޓީން މިރޭ ލެސްޓާ ބަލިކުރީ 6-3 ގެ ނަތީޖާއަކުންނެވެ. އަނެއްކޮޅުން އާސެނަލުން ނޯވިޗް ބަލިކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

އޭގެ އިތުރުން ޓޮޓެންހަމްއިން ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް މިރޭ ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ޓޮޓެންހަމް ކާމިޔާބުކުރި އިރު، ސައުތުހޭމްޓަންއިން ވެސްޓްހަމް ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މިރޭ ކުޅެން އޮތް ލީގުގެ ތިން މެޗެއް ކޮވިޑްގެ ސަބަބުން ފަސްކުރަން ޖެހިފައިވެއެވެ. އޭގެ ތެރޭގައި ސިޓީގެ ފަހަތުން ލީގުގެ ދެވަނައިގައި ހިފަހައްޓަމުން އަންނަ ލިވަޕޫލުން ލީޑްސްއާ ދެކޮޅަށް ކުޅެން އޮތް މެޗުވެސް ހިމެނެއެވެ.

ސިޓީން މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ވަނީ ހަތަރު ގޯލު ޖަހައިފައެވެ. އެޓީމަށް ފުރަތަމަ ހާފުގައި ގޯލުތައް ޖެހީ ކެވިން ޑިބްރޭނާ އާއި އިލްކޭ ގުންޑޮގަންގެ އިތުރުން ރިޔާދު މަހަރޭޒް އާއި ރަހީމް ސްޓާލިންނެވެ. އޭގެ ތެރެއިން މަހަރޭޒް ޖެހި ގޯލަކީ ޕެނަލްޓީއެކެވެ.

ސިޓީން ފުރަތަމަ ހާފުގައި ބޮޑު ލީޑެއް ނަގައި ހަމަޖެހިލި ނަމަވެސް، ކުޅުމުގެ ސްޓައިލް ބަދަލުކޮށްލައި ލެސްޓާއިން ދެވަނަ ހާފުގެ ކުރީކޮޅުގައި ތިން ގޯލު ޖެހިއެވެ. އެޓީމުގެ ގޯލުތައް ޖެހީ ޖޭމްސް މެޑިސަން އާއި އަޑެމޯލާ ލުކްމަން އަދި ކެލެޗީ އިލަނާޗޯއެވެ. އެ ގޯލުތަކާއެކު ސިޓީން ކޮންމެވެސް ވަރަކަށް ހާސް ކަމަށް ދިޔަ ނަމަވެސް އެމެރިކް ލަޕޯޓް އަދި ސްޓާލިންގެ އިތުރު ގޯލަކާއެކު ސިޓީން ނަތީޖާ ޔަގީން ކުރިއެވެ.

އާސެނަލްއިން ރަށުން ބޭރުގައި ކުޅުނު މެޗުގައި ނޯވިޗް ކޮޅަށް ގޯލުތައް ޖަހައިދިނީ ބުކަޔޯ ސަކާ އާއި ކީރަން ޓިއާނީގެ އިތުރުން އެލެކްސެންޑްރާ ލަކަޒެޓާއި އެމީލް ސްމިތު ރޯވީއެވެ. މެޗުގައި ސަކާ ވަނީ ދެ ގޯލު ޖަހައިފައެވެ. ލަކަޒެޓް ކާމިޔާބުކުރީ ޕެނަލްޓީއެވެ.

ސިޓީ މިވަގުތު ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 19 މެޗުން 47 ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި އޮތް ލިވަޕޫލަށް 18 މެޗުން 41 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ޗެލްސީއަށް ލިބެނީ 18 މެޗުން 38 ޕޮއިންޓެވެ. ޗެލްސީން މި ހަފުތާގައި ކުޅޭ މެޗުގައި މިރޭ ނުކުންނާނީ އެސްޓޮން ވިލާއާ ދެކޮޅަށެވެ. މިރޭގެ މެޗުން މޮޅުވެ އާސެނަލްއަށް ވަނީ 19 މެޗުން 35 ޕޮއިންޓް ލިބިފައެވެ. އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތަރު ވަނައިގައެވެ.