ހިޔާ ފްލެޓްތަކުން ކުލިނެގުން އިތުރު ތިން މަހަށް ފަސްކޮށްދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
ފްލެޓްތަކުން ކުލި ނެގުން ފަސްކޮށްފައި އޮތް މުއްދަތު މިމަހުގެ ނިޔަލަށް ހަމަވާނެއެވެ. އެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ހިޔާ ފްލެޓްތައް ލިބުނު ބައެއް ފަރާތްތަކުން މިފަހުން ވަނީ އިހްތިޖާޖުވެސް ކޮށްފައެވެ.
ޖުމްހޫރީ މައިދާނުގައި މިހާރު ކުރިއަށްދާ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ރައީސް ވިދާޅުވީ ދިވެހިންގެ މެދުގައި އެއްބައިވަންތަކަން ދެމެހެއްޓުމަކީ ސަރުކާރުގެ ވަރަށް އިސް ސިޔާސަތެއް ކަމަށާއި އެ ސިޔާސަތު ދެމެހެއްޓޭނީ ރައްޔިތުންގެ އަޑު އަހައިގެން ކަމަށެވެ. އަދި ރައްޔިތުން އެދޭ އެދުންތަކަށް އިޖާބަދީގެން ކަމަށެވެ.
ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ އަޑު އަހައި ރައްޔިތުން އެދޭ ގޮތަށް ކަންކަން ފުރިހަމަ ކޮށްދޭން ކަމަށެވެ. އެގޮތުން ހިޔާ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ ކަންބޮޑުންތައް އެބަހުރި ކަމަށާއި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ހިޔާ ފްލެޓްތަކަށް ބަދަލުވާ މީހުންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދިނުމަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ހިޔާ ފްލެޓްތައް ލިބުނު މީހުންނަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ ފްލެޓްތަކުގައި ދިރިއުޅެން ފެށޭވަރު ނުވަނީސް، ކުލި ދައްކަން ފަށަން ޖެހުން ކަމަށާއި އެ މުއްދަތު އިތުރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިކަމަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން، ސަރުކާރުން މިހާރު ނިންމާފައި މިވަނީ، ފްލެޓްތައް ނިންމުމަށްޓަކައި، ކުލި ނުނަގައި އިތުރު ތިން މަސްދުވަސް، ފްލެޓްތަކުގެ ވެރިންނަށް ދޭން." ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އުންމީދަކީ އަންނަ މާޗު މަސް ނިމޭއިރު ފެލްޓްތައްވެސް ނިމި އެތަނުގައި ދިރިއުޅެން ފެށޭވަރުވުން ކަމަށެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު