އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނާ ދެކޮޅު ކަމަށާއި ރާއްޖޭގައި ބޭރުގެ ސިފައިން ތިބި ކަމަށް ނިންމޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ބުނެފިއެވެ.
އިންޑިއާ އައުޓް ކެމްޕޭން ކުށްވެރިކޮށް މިއަދު ޖޭޕީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ބޭރުގެ ގައުމެއްގެ ސިފައިން ބޭތިއްތުބާއި ބޭރު ގައުމެއްގެ ސިފައިންގެ މަރުކަޒެއް ގާއިމުކުރުމަށް ދިނުމަކީ ގާނޫނީއަސާސީގައި ވާގޮތުން އެއްވެސް ވެރިކަމަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖޭގެ އެއްވެސް ތަނެއް ބޭރުގެ ބަޔަކަށް މިލްކު ކޮށްދިނުމާއި ނުވަތަ މިލިޓަރީ ބޭނުމަށް ދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެން ކަމަށެވެ.
ޖޭޕީއިން ބުނީ އާ ގާނޫނުއަސާސީގެ ދަށުން އެކުލަވައިލި އެއްވެސް މަޖިލީހަކުން ރާއްޖޭގެ އެއްވެސް ތަނެއް އަސްކަރީ ބޭނުމަށް ދިނުމަށް ފާސްކޮށްފައި ނުވާތީ ރާއްޖޭގައި ބޭރުގެ ސިފައިން ތިބި ކަމަށް ނިންމޭނެ ގާނޫނީ ހަމައެއް އޮތް ކަމަކަށް ނުދެކޭ ކަމަށެވެ.
ދޭދޭ ގައުމުތަކުގެ މެދުގައި އުފައްދާ ބައިލެޓްރަލް ގުޅުންތަކުގެ ތެރެއިން ދެ ގައުމުގެ މެދުގައި ވެވޭ އެއްބަސްވުންތަކުގެ ދަށުން ހިންގާ ތަމްރީނުތަކުގެ ބޭނުމަށާއި ތައުލީމާއި ހުނަރު އިތުރު ކުރުމުގެ ބޭނުމާއި ކާރިސާތަކުން ސަލާމަތްވުމަށް ކުރިއަށް ގެންދެވޭ ހަރާކާތްތަކަށާއި ދެ ގައުމުގެ ސަލާމަތާއި ގުޅިފައިވާ ބޯޑަރު ބެލެހެއްޓުމާއި ބައިނަލްއަގުވާމީ ގާނޫނުތައް ތަންފީޒު ކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދެވޭ އެކިއެކި ހަރާކާތްތަކާއި ހުއްޓުމެއް ނެތި ކުރަންޖެހޭ އެކި ތަމްރީނު ތަކާ ގުޅިގެން ވަކި މުއްދަތަކަށް އެއް ގައުމުގެ ސިފައިން އަނެއް ގައުމުގައި ތިބުމަކީ ދެ ފަރާތަށް ފައިދާ ލިބޭ ކަމެއް ކަމަށްވެސް ޖޭޕީން ބުންޏެވެ.
ޖޭޕީން ބުނީ ހަތިޔާރާ ނުލައި ޔުނީފޯމުގައި އެހެން ގައުމެއްގެ ސިފައިން ހަރަކާތްތެރިވުމަކީ އަސްކަރީ ހަރަކާތެއް ކަމަށް ސިފަކުރުމަކީ ގިނަ ފަހަރަށް އިދިކޮޅު ޕާޓީތަކުން ސިޔާސީ ބޭނުމަށް ކޮށް އުޅޭ ކަމެއް ކަމަށެވެ. އެހެންވެ އިންޑިއާ މިލިޓަރީ އައުޓްގެ ނަމުގައި ކުރިއަށްދާ ކެމްޕޭނަކީ ވަކި ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް އިދިކޮޅު ފަރާތްތަކުން ހިންގާ ކެމްޕޭނެއް ކަމަށް ބެލުމުގެ ޖާގަ އެބައޮތް ކަމަށެވެ.
ޖޭޕީން އިތުރަށް ބުނީ ބަވަނަ ވެފައިވާ މިއަދުގެ ދުނިޔޭގައި ދެބަސް ނުވެވޭ ހަގީގަތަކީ ހުރިހާ ގައުމަކުން ވެސް އެ ގައުމެއްގެ އަވަށްޓެރި ގައުމުތަކާއި ކުދި ބޮޑު އެންމެން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ބުނީ އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ރާއްޖެއަށް ދިގުމުއްދަތަކަށް ގެއްލުން ލިބުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި މި ގައުމުގެ ސަލާމަތާއި މިނިވަންކަން ދެމެހެއްޓުމުގައި ފާރަވެރިއެއްގެ ގޮތުގައި ޖޭޕީ އަބަދު ވެސް އޮންނާނެ ކަމަށެވެ.
އިންޑިއާ އައުޓް ކެމްޕޭނަކީ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެގައުމަށް ފޮނުވާލުމަށް ފަށާފައިވާ ކެމްޕޭނެކެވެ.
ކުރިން މާލޭގައި ކުރިއަށް ގެންދިޔަ މި ކެމްޕޭނު، ރާއްޖޭގެ އެކި ހިސާބުތަކުގައި ފުޅާ ކުރުމުގެ މަސައްކަތް ރައީސް ޔާމީން ވަނީ ފަށައިފައެވެ. އެގޮތުން އެންމެ ފުރަތަމަ އެ ކެމްޕޭނުގެ ހަރަކާތް ބޭއްވީ ފުވައްމުލަކު ސިޓީގައެވެ. އެފަހުން ކ. ގުރައިދޫ އާއި ކ. ތުލުސްދޫ އަދި ފ. ނިލަންދޫގައި މި ކެމްޕޭން ވަނީ ރައީސް ޔާމީންގެ ބައިވެރިވުމާއެކު ކުރިއަށް ގެންގޮސްފައެވެ.
މިދިޔަ ހުކުރު ދުވަހު ވަނީ އިންޑިއާ ސިފައިން ގާއިމުވެ ތިބޭ އައްޑޫ ސިޓީގައި ވެސް އިންޑިއާ އައުޓް ކެމްޕޭން ކުރިއަށް ގެންގޮސްފައެވެ.