އަވަހާރަ ވެފއިވާ، ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު ހުސެއިން ވަހީދުގެ ބަދަލުގައި އެފަދަ އެހެން ބޭފުޅަކު އެ ގޮނޑިއަށް އިންތިހާބު ކުރަން ނުދެއްކޭނެ ކަމަށް މޯލްޑިވަސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ، ހުސެއިން ވަހީދު އަވަހާރަ ވުމާ ގުޅިގެން ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްއެންޕީގެ ފަރާތުން ވާދަކުރާ ކޮމަންޑޫއަށް އުފަން އަބްދުލް ހަންނާން އިދުރީސަށް ޓިކެޓް ހަވާލު ކުރުމަށް ރޭ ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ.
ނާޒިމް ވިދާޅުވީ، އެމްއެންޕީއަކަށް އަދި އަބްދުލް ހައްނާނަކަށްވެސް ހުސެއިން ވަހީދު ރިޕްލޭސް ނުކުރެވޭނެ ކަމަށެވެ. އޭނާގެ ބަދަލުގައި މީހަކު ނުދެއްކޭނެ ކަމަށެވެ.
"އަޅުގަނޑުމެންނަކަށް އެމްއެންޕީއަކަށް އަދި އަބްދުލް ހައްނާނަކަށްވެސް ކުރީގެ އިއްޒަތްތެރި މެންބަރު ހުސެއިން ވަހީދެއް ރިޕްލޭސް އެއް ނުކުރެވޭނެ، ނޫނިއްޔާ ބަދަލުގައި އަޅުގަނޑުމެންނަށް މީހަކު ނުދެއްކޭނެ އެހެން ނަމަވެސް އަޅުގަނޑު ދަންނަވަން އޮތީ މި ޕާޓީގެ ފަރާތުން އަޅުގަނޑުމެން ހުސެއިން ވަހީދު ކޮށްދެއްވި ހުރިހާ މަސައްކަތެއް އެއީ ނަމޫނާ އަކަށް ބަލާނަން،" ކަމަށެވެ.
ނާޒިމް އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްކުރާ މެންބަރުންނަކީ ތައުލީމީ ގޮތުން ގާބިލު ކިޔޭ ނުކިޔޭ އެއްޗެއް އެނގޭ ފަދަ ބަޔަކަށް ވުން ވަރަށް މުހިއްމު ކަމަށެވެ. ތައުލީމު ނެތް ބޭފުޅަކަށް މަޖިލީހުގައި ރައްޔިތުންގެ އަޑެއް ނޫފުލޭނެ ކަމަށާއި، އެފަދަ ފަރާތްތަކަށް މަސައްކަތްތަކެއް ނުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެން އެ ދާއިރާގެ ބައި އިލެކްޝަން އަންނަ ފެބްރުއަރީ މަހު ބާއްވަން އިލެކްޝަން ކޮމިޝަނުން ވަނީ ނިންމައިފައެވެ.
އެ އިންތިހާބުގައި ވާދަ ކުރާނެ ކަމަށް މިހާތަނަށް ހަތަރު ޕާޓީއަކުން ބުނެފައިވާއިރު ތިން ޕާޓީއަކުން ވަނީ ކެންޑިޑޭޓުންގެ ނަންވެސް އިއުލާން ކޮށްފައެވެ.
އޭގެ ތެރެއިން އެމްޑީޕީން އެ ގޮނޑިއަށް ވާދަކުރާނީ ށ. ފޯކައިދޫ، މުހައްމަދު ރާޝިދެވެ. ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަކަށް، ހަމަޖެހިފައި ވަނީ ރައީސް ޔާމީންގެ ދައުރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި، މޫސާ ފަތުހީއެވެ. އެމްއެންޕީގެ ފަރާތުން ވާދަކުރާނީ ކޮމަންޑޫއަށް އުފަން އަބްދުލް ހަންނާން އިދުރީސް އެވެ.
މީގެ އިތުރުން ކުރީގެ ނާއިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ)ގެ ޓިކެޓުގައި ކޮމަންޑޫ ދާއިރާއަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ވަނި ހުޅުވައިލައިފައެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީ
މޯލްޑިވްސް ނެޝަނަލް ޕާޓީ
މޯލްޑިވްސް ނެޝަނަލް ޕާޓީ
މޯލްޑިވްސް ނެޝަނަލް ޕާޓީ