ފުޓްބޯޅަ ކްލަބްތަކަކީ ގޭންގުތަކެއް ކަމަށް ދޭހަވާ ގޮތަށް ބުނުމުން އެވާހަކަ ބަލައި ނުގަނެވޭނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.
ބައްސާމް މިއަދު ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ކްލަބުތަކަކީ ފުޓުބޯޅައިގެ "ބެކްބޯން" ކަމަށާއި އެތަކެއް ދަތި އުނދަގޫ ކަންތައްތަކުގެ ތެރެއިން ކްލަބުތަކުން ކުރަމުން އަންނަ ބުރަ މަސައްކަތް ބަލައިގަންނަ ކަމަށެވެ.
ބައްސާމް މިހެން ވިދާޅުވެފައި މިވަނީ، "މިހާރު" ނޫހުގައި އޮޕީނިއަން ކޮލަމްއެއް ލިޔުއްވަމުން ގެންދަވާ އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ހާމިދު އަބްދުލްޣަފޫރުގެ ކޮލަމްގައި ލިޔެފައިވާ ވާހަކަތަކަކަށް އަމާޒުކޮށެވެ.
އެ ވާހަކަތަކުގެ އިތުރުން އެހެން ބައެއް ހެޑްލައިންތަކާ މެދުވެސް ހިތްހަމަ ނުޖެހޭ ކަމަށް ބުނެ، ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަކުން "މިހާރު" ނޫސް ބޮއިކޮޓް ކުރުމަށް ސްޓޭންޑެއްވެސް ނަގާފައިވެއެވެ. "މިހާރު" ނޫސް ބޮއިކޮޓް ކުރަން ކްލަބުތަކުން ނިންމި ސަބަބެއް ކަމަށް އެ ކްލަބުތަކުން ބުނެފައި ވަނީ ކުޅިވަރުގެ ރޫހާ ހިލާފު ހަބަރުތައް ގެނެސްދީ، ފިތުނަ ފަސާދަ އުފެދޭ ގޮތަށް ވާހަކަތައް ދެކެވޭތީ ކަމަށެވެ.
އެ ބޮއިކޮޓް ސްޓޭންޑާ ގުޅިގެން މީގެ ކުރިން އެފްއޭއެމުން އަދި ބަހެއް ބުނެފައިނުވާ އިރު، ބައްސާމްގެ ވާހަކައިން ކްލަބުތައް ދިފާއު ކޮށްފައިވެއެވެ.
ބައްސާމް ވިދާޅުވީ ކްލަބްތަކާއި ފުޓްބޯޅަ އާއިލާއަށް އަމާޒުކޮށް ބިނާކުރަނިވި ފާޑުކިޔުން ކިޔާ ނަމަ އަބަދުވެސް ބަލައިގަންނާނެ ކަމަށާއި ނަމަވެސް ކްލަބުތަކަކީ ގޭންގުތައް ކަމަށް ސިފަކޮށް، ހަބަރުތަކުގެ ސުރުހީ އޮޅުވާލައި، ކަންކަމުގައި މާނަ އޮޅޭ ގޮތަށް އަމަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ބައްސާމް ވިދާޅުވީ ފުޓްބޯޅަ އާއިލާއާއި ކްލަބުތަކުން އަބަދުވެސް މީޑިއާއާއި ނޫސްވެރިންނަށް އިހުތިރާމް ކުރާ ކަމަށެވެ. އެގޮތުގެ މަތިން ނޫސްވެރިންވެސް ފުޓްބޯޅަ އާއިލާއަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށާއި ފުޓްބޯޅަ އާއިލާއިން ދެކެނީ ނޫސްވެރިންނަކީވެސް އެ އާއިލާގެ މެމްބަރުންގެ ގޮތުގައި ކަމަށް ބައްސާމް ވިދާޅުވިއެވެ.
ބައްސާމް ވިދާޅުވީ، ހިޔާލު ތަފާތުވުންތައް ދޫކޮށްލައި ފުޓްބޯޅައިގެ ރަނގަޅަށްޓަކައި އެކުގައި މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ.
ފުޓުބޯޅަ ކްލަބުތަކުން އަދިވެސް "މިހާރު" ނޫހުން ބައިވެރިވާ ޕްރެސްތައް ބޮއިކޮޓް ކުރަމުންދާ އިރު، އެ ނޫހުން ބުނެފައި ވަނީ ބޮއިކޮޓް ކުރުމުގެ ކުރިން ކަމެއް ގޯސްވެގެން އެއްވެސް ކްލަބަކުން އެ ނޫހުގެ އެޑިޓޯރިއަލްއާ ހަމައަށް އެކަން ގެނެސްފައި ނުވާ ކަމަށާއި އެފަދަ ނިންމުމެއް ކުއްލިއަކަށް އައުން ވީ ޝޮކަކަށް ކަމަށެވެ.
"ނޫސްވެރިޔަކަށް ގޯސްކޮށް އެއްޗެއް ލިޔެވިފައިވާނަމަވެސް އެކަން ފާހަގަވެގެން ގޮސް، އެކަން ލިޔެވިގެން މިކަހަލަ ނިންމުމެއް އަންނާނެ ކަމަށް ބެލެވުނީ، އެހެން ނަމަވެސް އެގޮތަށް ކަމެއް ފާހަގަވެފައެއްވެސް ނެތް. ފެކްޓް އެރާއެއް ކަހަލަ ކަމެއް އެނގިފައެއް ނެތް. އެއްވެސް އިދާރާއަކަށް މައްސަލައެއް ހުށަހެޅިފައެއްވެސް ނުވޭ. އެއީ ބަލައިގަންނަން ފަސޭހަ ނިންމުމެއްވެސް ނޫން. ފާޑު ކިޔައި، ކަންކަމުގެ އިސްލާހަށް ނޫހުން މަސައްކަތް ކުރާނެ." "މިހާރު"ގެ ޗީފް އެޑިޓަރު އިސްމާއިލް ނަސީރު (އިސްމަ) "ވަން" އަށް ބުނެފައިވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު