ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ކްލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗުވެސް ކާމިޔާބުކޮށް، ކްލަބު ވެލެންސިއާ އިން މޮޅުވުމުގެ ރެކޯޑު ދަމަހައްޓައިފިއެވެ.
ގައުމީ ދަނޑުގައި މިރޭ ކުޅުނު މެޗުން ވެލެންސިއާ މޮޅުވީ 3-1ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ޕްރެސިޑެންޓްސް ކަޕުގައި ވެލެންސިއާ ކުޅުނު ދެ މެޗުވެސް އެޓީމުން ކާމިޔާބު ކޮށްފައިވާ އިރު، މިހާތަނަށް ދެމެޗުން މޮޅުވި ހަމައެކަނި ޓީމުތަކަކީ ވެލެންސިއާއާއި މާޒީޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު އެކަންޏެވެ. މިރޭގެ މެޗަށްވެސް ވެލެންސިއާއިން ނުކުތީ އެޓީމުގެ ފޯވަޑް އަލީ އަޝްފާގު (ދަގަނޑޭ) ނުލައެވެ. ދަގަނޑޭ މިވަގުތު ހުރީ އަނިޔާގައެވެ.
މިރޭގެ މެޗުގެ ކުރީކޮޅުގައި ގްރީން އިން ލީޑު ނެގުމާ ގާތަށް ޖެހިލިއެވެ. ނަމަވެސް އަންސަރު އިބްރާހިމް (އަންކޮ) ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ދަނޑީގައި ޖެހިފައެވެ. އެ ހަމަލާއަށްފަހު ގްރީން އިން އުންމީދުގައި ފެށި ނަމަވެސް ދެން ފެނުނީ ޑިވެންސިވްލީ ދަށް ވަގުތު ކޮޅެކެވެ. މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން އަލީ ފާސިރު (ސެންޓޭ) ފުލުފުލުގައި ޖެހި ދެ ގޯލާއެކު ވެލެންސިއާ އިން ލީޑު ނަގައި، ފުޅާވެސް ކުރިއެވެ.
ވެލެންސިއާ އިން މެޗުގައި ލީޑު ނެގީ 28 ވަނަ މިނެޓުގައެވެ. ކޯނަރެއްގެ އެހީގައި ސެންޓޭ ޖެހި ގޯލާއެކު ވެލެންސިއާއިން ލީޑު ނަގައި، އޭގެ ހަތަރު ވަރަކަށް މިނެޓު ފަހުން ސްޕެއިންގެ ފޯވާޑް ބޯހަސް މާޓިން ދިން ބޯޅައަކުން ސެންޓޭ ވަނީ އޭރިއާ ތެރެއިން ދެވަނަ ގޯލު ޖަހައިފައެވެ.
އޭގެ ފަހުންވެސް ފުރަތަމަ ހާފުގައި މެޗުގެ ނަތީޖާ ފުޅާކުރަން ސެންޓޭއަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރު ވިއެވެ. އޭރިއާ ތެރެއަށް ހުސްކޮށް ވަދެ ސެންޓޭ ޖެހި ބޯޅަ، ކުރިއަށް ޖެހި ދިފާއުކުރީ ގްރީންގެ ގޯލްކީޕަރު އަހުމަދު ރަމީޒެވެ.
ވެލެންސިއާ އިން ވަނީ ދެ ވަނަ ހާފު ފެށިގެން މިނެޓެއްގެ ތެރޭގައި ތިންވަނަ ގޯލެއް ޖަހައިފައެވެ. ސެންޓޭ ނެގި ކޯނަރެއްގައި ގްރީން ސްޓްރީޓްސްގެ ކީޕަރު ރަމީޒް ބޯޅަ ހިފަން އުޅުމުގެ ތެރޭގައި، ގްރީންގެ ކުޅުންތެރިއެއްގެ ގައިގައި ޖެހި ބޯޅަ އަތުން ދޫވުމުން އެ ބޯޅަ ގޯލަށް ވައްދާލީ މިސްރު މިޑްފީލްޑަރު ހަލީލް ޖަމާލްއެވެ.
އޭގެ ފަހުން ބޮޑަށް ފެނުނީ ގްރީންގެ ކޮންޓްރޯލުގައި މެޗު ކުޅުނު ތަނެވެ. ހާއްސަކޮށް ދެވަނަ ހާފަށް ނުކުތް އަލީ ޝާމިސް (ތޮއްޕެ)ގެ ކުޅުން ގްރީންގެ ކުރިން ފާހަގަވި އިރު، މިރޭގެ މެޗަކީ ގްރީންއަށް ބަދަލުވެ ތޮއްޕެ ކުޅުނު ފުރަތަމަ މެޗުވެސް މެއެވެ. މެޗުގައި ގްރީން ޖެހި ހަމައެކަނި ގޯލަށް ޕެނަލްޓީ ހޯދައިދިނުމުގައިވެސް ތޮއްޕެގެ ދައުރު ފެނުނީ ބޮޑުކޮށެވެ.
ގްރީންއަށް ލިބުނު ޕެނަލްޓީއަކީ ވެލެންސިއާގެ ކީޕަރު ފައިސަލް އޭރިއާ ތެރެއިން ތޮއްޕޭއަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
ޕްރެޒިޑެންޓްސް ކަޕުގެ މެޗުތައް ދެން އޮންނާނީ އަންނަ ބުދަ ދުވަހުއެވެ. އެ ދުވަހު ހަވީރު ވެލެންސިއާ ކުޅޭނީ ދަ ގްރާންޑޭއާ އެވެ. އެރޭ ގްރީން ސްޓްރީޓްސް ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އާ އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު