މުޅި ރާއްޖެއަށް ހުޅުވާލައިގެން އެފްއޭއެމުން ބާއްވަން ފަށާފައިވާ ވުމަންސް އިންވިޓޭޝަނަލް ކަޕުގެ ފުރަތަމަ މުބާރާތް މިއަދު ޅ. އަތޮޅު ނައިފަރުގައި ފަށައިފިއެވެ.
މި ސީޒަންގެ އަންހެން ފުޓުބޯޅަ މުބާރާތް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ކުރިއަށް ގެންދަން އެފްއޭއެމުން ނިންމާފައިވާ އިރު، އިންވިޓޭޝަނަލް މުބާރާތްތައް ބާއްވާނީ ނައިފަރާއި ލ. އަތޮޅުގެ އިތުރުން ހދ. ކުޅުދުއްފުށި އަދި ފުވައްމުލަކާއި މާލޭގައެވެ. މާލޭގައި ކުޅޭ ބައިގައި ވާދަކުރާނީ ފުރަތަމަ ޑިވިޝަންގެ ޓީމުތަކުގެ އަންހެން ޓީމުތަކުންނެވެ.
މިއަދު ނައިފަރުގައި ފެށި މުބާރާތުގައި ހަ ޓީމަކުން ވާދަކުރާނެއެވެ. އެއީ ހިންނަވަރު އެފްސީ، ކުރެންދޫ އެފްސީ، އެޕެކްސް ސްޕޯޓްސް ކްލަބް، ޑޮޓްކޮމް ސްޕޯޓްސް ކްލަބް، އައިޑިއަލް މޫވްމަންޓް އަދި ބަޒޫކާ ސްޕޯޓްސް ކްލަބެވެ. މިއަދުގެ ފުރަތަމަ މެޗުގައި ބަޒޫކާ ސްޕޯޓްސް ކްލަބުން ނުކުތީ ޑޮޓްކޮމް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މެޗު 6-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޑޮޓްކޮމް ސްޕޯޓްސް ކްލަބެވެ.
މެޗުގައި ޑޮޓްކޮމް ސްޕޯޓްސް ކްލަބުގެ ގޯލުތައް ޖަހައި ދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޝަހުލާ ތައުފީގާއި މަރިޔަމް ނޫރާ އަދި ފާތިމަތު ޝަދީގާގެ އިތުރުން ހަންނަތު މުހައްމަދެވެ. ޝަހުލާއާއި ނޫރާ ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު މެޗުގައި ޖަހައިފައެވެ. އެ ދެކުޅުންތެރިންނަކީވެސް ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ދެ ކުޅުންތެރިންކަން ފާހަގަކޮށްލެވެއެވެ.
މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ އައިޑިއަލް މޫމަންޓް އަދި ކުރެންދޫ އެފްސީއެވެ. މެޗުތައް އޮންނާނީ ނައިފަރު ޓާފް ދަނޑުގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު