މީގެ ހަ އަހަރު ކުރީން ޗެމްޕިއަންސް ލީގުގައި ޗެލްސީން މެކަބީ ތެލްއަވީވާ ދެކޮޅަށް ކުޅެން އޮތް މެޗެއްގެ ކުރިން އޮތް ޕްރި މެޗު ޕްރެސް ކޮންފަރެންސަކަށް ވިސްނައިލަމާ ހިނގާށެވެ. އެންމެ ޑްރާމާ ބޮޑު ކޯޗު ޖޯސޭ މޮރީނިއޯއާ ނޫސްވެރިޔަކު ކުރި ސުވާލެކެވެ. "އަބަދުވެސް ތިންވަނަ ސީޒަނުގައި މޮރީނިއޯގެ ޓީމުތައް ހަލާކުވެގެން ދާނެ،" ކަމަށް ބުނެ ކުރި ސުވާލެކެވެ. ޗެމްޕިއަންސް ލީގާ ގުޅުމެއް ނެތް ސުވާލެއް ކަމުން މޮރީނިއޯ ކުޑަކޮށް ހިތްހަމަ ނުޖެހުނު ސުވާލަކަށް ވާނެވެސް ސުވާލެކެވެ.

އެހެން ނަމަވެސް، އޭނާ ޖަވާބު ދިނީ ވަރުގަދަ "ފެކްޓް" ތަކަކާ އެކުގައެވެ. "ކުރިން ހުރި ޕޯޓޯއާއެކު ތިންވަނަ ސީޒަނެއް ނުލިބޭ. އިންޓައާއެކު ދެ ސީޒަނަށްފަހު ޗެލްސީއަށް ދިޔައީ. ޗެލްސީއާއެކު ތިންވަނަ ސީޒަނުގައި ޗެމްޕިއަންސް ލީގު ސެމީ ކުޅެ، ކާލިން ކަޕާއި އެފްއޭ ކަޕް ހޯދިން. ރެއާލްއާއެކު އަހަރެން ހޭދަކުރި ތިންވަނަ ސީޒަނުގައި ސުޕަ ކަޕް ހޯދައި، ކަޕް ފައިނަލަށް ގޮސް، ޗެމްޕިއަންސް ލީގު ސެމީގައި ކުޅުނިން. އެހެންވީމަ ގޫގަލް ކޮށްގެންވެސް ރަނގަޅު މައުލޫމާތު ހޯދަން ވާނެ،" ޔޫރަޕްގެ އެންމެ ވަރުގަދަ އެއް ކޯޗު މޮރީނިއޯ ބުންޏެވެ.

ކޮންމެއަކަސް ބަވަނަވެފައިވާ ފުޓުބޯޅަ މާހައުލަކުން ނޫސްވެރިންގެ އެތައް ކަހަލަ ސުވާލުތަކަކާ ކޯޗުންނާއި ކްލަބުތަކަށް ކުރިމަތިލާން ޖެހޭނެއެވެ. މީޑިއާއަކީ އެއީއެވެ. ސަނާ ކިޔުމާއި ފާޑު ކިޔުމަށް މީޑިއާ ބިނާވެއެވެ. މޮރީނިއޯވެސް ރުޅީގައި މީޑިއާއާ ޖަދަލުކުރި އެތައް ފަހަރެއް އައިސްފައިވެއެވެ. ހަމަ އެހެން ކޯޗުންވެސް މެއެވެ. އެހެން ނަމަވެސް މީޑިއާއާ ގުޅުން ކަނޑާލާކަށް ނުވިސްނައެވެ. އެއީ ހައްލު ހޯދަން ސަޕޯޓަރުން ދޭ މެސެޖު ގެނެސްދޭނެ ބަޔަކީ މީޑިއާ ކަމަށްވާތީއެވެ. ތަޖުރިބާކާރުންގެ ލަފާގެ މައްޗަށް ބިނާކޮށް ލިޔާ ލިޔުންތަކުގައި ކޮންމެ ވާހަކައެއްވެސް ހުރެދާނެއެވެ. އެއީ ފުޓުބޯޅައިގެ ނަޒަރުން އެންމެ ކަމުދާ ވާހަކަ ނޫން ނަމަވެސް މީޑިއާގެ ހަބަރު ފެތުރުމުގެ ނަޒަރުން އެއީ މައްސަލައަކަށް ނުވާނެއެވެ. އެއީ ފާޑު ކިޔުމެވެ. އެ ކަންކަމަށް ޖެހޭނީ ކުރިތިލާށެވެ.

ދުވަހު ނޫސް، "މިހާރު" ބޮއިކޮޓް ކުރަން ފުރަތަމަ ޑިވިޝަންގެ ފުޓުބޯޅައިގައި ކުޅޭ ކްލަބުތަކަކުން ނިންމި ނިންމުމަކީ ވާހަކަދައްކަން ޖެހޭ މައްސަލައެކެވެ. ފުޓުބޯޅަ ހަބަރުތަކާއި ގުޅުން ހުރި އެހެން ރިޕޯޓުތައް ގެނެސްދޭ ގޮތާމެދު ހިތްހަމަ ނުޖެހޭ ކަމަށް ބުނެ، ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ހަތް ކްލަބަކުން ދުވަހު ނޫސް "މިހާރު" ބޮއިކޮޓް ކުރި ކުރުމުން ހަގީގަތުގައި މުޅި ފުޓުބޯޅައިގެ މަންޒަރަށް ކިލަނބުކަން ވެރިވެއްޖެއެވެ. އެ ބޮއިކޮޓް ކުރީކީ "ފެކްޓް" ގޯސްކޮށް މިހާރުގައި ލިޔެގެނެއްވެސް ނޫނެވެ. ހަމައެކަނި ނަޒަރިއްޔާތުގައި ކްލަބުތަކާއި މިހާރާ ދެބަސްވެގެންނެވެ. ހާއްސަކޮށް މިހާރަށް ލިޔާ ތަޖުރިބާކާރެއްގެ "އޮޕީނިއަން" ކޮލަމަކުން ދެއްކި ވާހަކައަކަށް ބިނާކޮށެވެ.

"ޕްރެސްއަކަށް ދިޔައިރު އެންމެ ކްލަބެއްގެ ކޯޗުން ފިޔަވައި އެހެން ހުރިހާ ކްލަބެއްގެ ކޯޗުންގެ ފަރާތުން އެއް ޑިސިޝަނެއް، ކުއްލިއަކަށް އެހެން އައިމަ އެއީ ވަރަށް ބޮޑު ޝޮކެއް. އަޅުގަނޑުމެންގެ ނޫސްވެރިޔަކަށް ގޯސްކޮށް އެއްޗެއް ލިޔެވިފައިވާނަމަވެސް އެކަން ފާހަގަވެގެން ގޮސް، އެކަން ލިޔެވިގެން މިކަހަލަ ނިންމުމެއް އަންނާނެ ކަމަށް ބެލެވުނީ، އެހެން ނަމަވެސް އެގޮތަށް ކަމެއް ފާހަގަވެފައެއްވެސް ނެތް. ފެކްޓް އެރާއެއް ކަހަލަ ކަމެއް އެނގިފައެއް ނެތް. އެއްވެސް އިދާރާއަކަށް މައްސަލައެއް ހުށަހެޅިފައެއްވެސް ނުވޭ. އެއީ ބަލައިގަންނަން ފަސޭހަ ނިންމުމެއްވެސް ނޫން. ފާޑު ކިޔައި، ކަންކަމުގެ އިސްލާހަށް ނޫހުން މަސައްކަތް ކުރާނެ." "މިހާރު"ގެ ޗީފް އެޑިޓަރު އިސްމާއިލް ނަސީރު (އިސްމަ) "ވަން" އަށް މިއަދު ބުންޏެވެ.

ކޯޗުން ޕްރެސްއަށް ވަދެ ބުނީ ކްލަބު މެނޭޖުމަންޓުން އެދިގެން "މިހާރު" ބޮއިކޮޓް ކުރުމަށް މުޅި ޕްރެސް ބޮއިކޮޓް ކުރީ ކަމަށެވެ. ހަގީގީ މައްސަލަ ސާފުކޮށް ދީފައެއް ނުވެއެވެ. އެ މައްސަލައިގައި އެފްއޭއެމްގެ ބަހެއްވެސް ނުލިބެއެވެ. "މިހާރު" ނޫހުގެ ނަޒަރުގައި މައްސަލަ އުޅެނީ އެ ނޫހަށް ކޮލަމް ލިޔަމުން އަންނަ ފުންނާބު އުސް ފަރާތެއް ކަމަށްވާ، ހާމިދު އަބްދުލް ގަފޫރުގެ ނަޒަރިއްޔާތާ މެދުގައެވެ.

"އަޅުގަނޑުމެންގެ ނޫހުގައި މިހާރު އޮޕީނިއަން ފާޅުކުރަމުން، ކޮންސްޓްރަކްޓިވްކޮށް ހިޔާލުފާޅުކުރައްވަމުން އެބަ ގެންދަވާ ހާމިދު އަބްދުލް ގަފޫރު. އަޅުގަނޑަށް ހީވަނީ އެއިޝޫހެން މި އަންނަނީ. ހީވަނީ އެތެރޭގައި މަސައްކަތް ކުރާ ނޫސްވެރިންގެ އިޝޫއެއް ނާންނަހެން އަދި. ހަގީގަތުގަ ކޮން ކަމަކާ ގުޅިގެން ކްލަބުތަކުން އެޅި ފިޔަވަޅެއް ކަމެއްވެސް ނޭނގެ. ގޯސްވީ ކޮން ކަމެއް ކަމެއްވެސް ނޭނގެ،" އިސްމަ ބުންޏެވެ.

އިސްމަ ބުނީ ސާފް ޗެމްޕިއަންޝިޕް ތެރޭގައިވެސް ދެ މައްސަލައެއްގައި ކީ ފާޑަކަށް ކޮންމެވެސް ވަރަކަށް ނުރުހުން އަމާޒު ވި ކަމަށާއި، ގައުމީ ކޯޗާ "މިހާރު"ގެ ނޫސްވެރިޔަކު ކުރި ސުވާލެއް ގޯސްވެ އެކަމަށްވެސް ނުރުހުން އަމާޒުވި ކަމަށެވެ. އެހެން ނަމަވެސް އޭގެ އިތުރުން "ބަހުގެ އެއްވެސް ހަމަލާއެއް،" ބަދަލުވެފައި ނުވާ ކަމަށް އިސްމަ ބުންޏެވެ. އިސްމަގެ ނަޒަރުގައި ކްލަބުތަކު ނިންމުމަކީ "ޝޮކެކެވެ."

އެފްއޭއެމްއިން އަދި "މިހާރު" ނޫހަށް ވަކި އެއްޗެއް އަންގާފައެއްވެސް ނުވެއެވެ. ބަޔާނެއްވެސް ނެރުމެއް ނެތި ކްލަބުތަކުން ނެގި ސްޓޭންޑަށް ކްލަބުތަކުން ކޮންމެވެސް ސިފައެއްގައި ބަސް ބުނިވެސް މެއެވެ. ޖުމުލަކޮށް މައްސަލައަކީ ލިޔާ ލިޔުންތަކެކެވެ. ކޮންމެ ގޮތަކަށް ނިންމުން ސާފުކޮށްދިން ނަމަވެސް، އެ ނިންމުމުން ދިނީ ގޯސް މެސެޖެކެވެ.

"ޕްރެސް ބޮއިކޮޓް ކުރީ ސްޓޭންޑެއް ނެގުމަށް. މިހާރު ނޫހުގައި ފިތުނަ އުފެދޭ ގޮތަށް ބައެއް ވާހަކަތައް ގެނެސްދީފައިވާކަން ފާހަގަވޭ. ހާއްސަކޮށް ފުޓުބޯޅައަށް ގެއްލުންވާނެ ވާހަކަތައްވެސް އެބަހުރި ގެނެސްފައި. އެހެންވެ ކްލަބުތަކުން ނިންމީ ބޮއިކޮޓް ކުރަން،" ކްލަބެއްގެ މީޑިއާގައި މަސައްކަތް ކުރާ އިސް އޮފިޝަލަކު ވަން އަށް ބުންޏެވެ. އެކަމަކު އެ ބުނަނީ ކޮން ކޮންޓެންޓެއްގެ ވާހަކައެއް ކަމެއް ނޭނގެ އެވެ. ނުބުނެއެވެ.

އެ ސްޓޭންޑް ކަމުދޭތޯ އެއީ ކުރެވޭ ސުވާލެކެވެ. ބައިނަލްއަގުވާމީ މީޑިއާގެ ފިލޯސަފީއަށް ޖެހިލާއިރުވެސް މާ ފާޅުކޮށް އަންނަނީ އަބަދުވެސް ފާޑު ކިޔަމުންނެވެ. ފޭން ބޭސްއާއި ފުޓުބޯޅަ ގުޅުވައިލަދޭ ވަސީލަތަކީ މީޑިއާތައް ކަމަށްވާއިރު، މީޑިއާއަށް ކުޑައިމީސް ކުރުމަކީ ކުރަން ހެޔޮވާނެ ކަމެއް ނޫން ކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ. ހާއްސަކޮށް ކަމެއްގެ "ފެކްޓެއް" ނޯޅޭ ހާލަތެއްގައި ހިޔާލެއް ހުއްޓުވަން ބޮއިކޮޓްގެ ބޮޑު ސްޓޭންޑެއް ނެގުން އެއީ ފެންނަ ނުބައި ނަމޫނާއެކެވެ.

"މީޑިއާ އަކީ ވަރަށް މުހިއްމު އެއްޗެއް. ވާ ކަމެއް އެހެން މީހުންނާ ހަމައަށް ގެންދަން ބޭނުން ކުރާ ވަސީލަތަކީ އެއީ. ސްޕޯޓްސް ކްލަބެއްގެ މެސެޖުތައް. މުހިއްމު ދައުރެއް އަދާކުރެވޭނެ. ބޭނުންވާ ކަމެއް، ފޭނުންނާ ހަމަށް ގެންދަން މެދުވެރިއަކަށް ވަނީ މީޑިއާ. އަނެއް ސައިޑަށް ބަލާ ކަމަށް ވަންޏާ، ފެނޭ ހަމަ، ކުޅުންތެރިންނާއި ކޯޗުންނާ ބެހޭގޮތުން ފާޑުފާޑުގެ ވާހަކަތައް ލިޔާތަން. ޓެބްލޮޮއިޑް ސްޓައިލުގައި ނުބައި މެސެޖުތައްވެސް އެބައާދޭ. ސީދާ މައްސަލައަށް ކޮމެންޓެއް ކުރަން ބޭނުން ނޫން ނަމަވެސް މީޑިއާގެ ހަގީގީ ބޭނުމަކީ ކީ މެސެޖު ދިނުން އަސްލު ސްޕޯޓްސްގައި،" ކުޅިވަރު، އަދި ހާއްސަކޮށް ފުޓުބޯޅައިގައި މީޑިއާގެ މަންޒަރު މައުރޫފް އަހުމަދު (މާއްޓޭ)ގެ ނަޒަރުގައި "ވަން"އާ ހިއްސާކުރިއެވެ.

"މިހާރު" ނޫހުގެ މައްސަލައިގައި ކޮމެންޓެއް ދޭން މާއްޓޭ ސީދާ ބޭނުން ނޫން ނަމަވެސް، މާއްޓޭ ވަނީ އުސޫލެއްގެ ގޮތުން ޔޫރަޕާއި ރާއްޖޭގެ ފުޓުބޯޅައިގައި މީޑިއާ ދައުރުގެ ތަފާތަށް ނަޒަރު ހިންގާލައިފައެވެ.

"ޔޫރަޕްގައި އޮންނަނީ ތަފާތު މާހައުލެއް. ތަފާތަކީ މިތަނުގައި މި އޮންނަނީ ވަރަށް ސެންސިޓިވް މާހައުލެއް ކްރިޓިކަލް ތިންކިންއަށް. އެއީ އަންނަން ޖެހޭ އެއްޗެއް. ކްރިޓިކަލް ވިސްނުން ގެންނަން ޖެހޭ. ނެގެޓިވިޓީވެސް އަންނާނެ ޕޮޒިޓިވިޓީވެސް އަންނާނެ. އެކިއެކި ގޮތްގޮތުން ވާހަކަ ދެއްކުން އެކަމުގައި އޮންނާނީ. މީޑިއާއަކީ ވަރަށް ފްރީ އެއްޗެއް. ލިޔުނަސް އެ ކަންކަމަށް ދެކެން ވީ ޕޮޒިޓިވްކޮށް، ރީޗްވީމަ އެ ވާހަކަ އެބަ ދެއްކޭ. އެއީ ފޭން ބޭސްއިން ބުނާ ބަސް މި އަންނަނީ. ސޯޝަލް މީޑިއާއިން މެނޭޖުކުރާ ގޮތާއި އެ ހުރިހާ ކަމެއްވެސް ތަފާތުވާނެ. އެކަމަކު މީޑިއާ ބޭނުންކޮށް މެސެޖު ދިނުން އެބަ އޮތް. ސަޕޯޓަރުންނަށް ދޭން ޖެހޭ މެސެޖު ދޭނީ ހަމަ މީޑިއާ ކޮންމެތަނެއްގައިވެސް،" މާއްޓޭ ވިދާޅުވިއެވެ.

މަންޒަރުން ފެނުނު ގޮތުގައި ކޯޗުންނަށްވުރެ ބޮޑަށް މީޑިއާ ބޮއިކޮޓް ކުރަން ނިންމީ މެނޭޖުމަންޓްތަކުންނެވެ. އެހެން ނަމަވެސް ކޯޗުންވެސް އެކަމުގައި ބުނަން ބޭނުންވި ވާހަކަތަކެއް ހުއްޓެވެ. ޓީސީގެ ކޯޗު މުހައްމަދު ނިޒާމް ފޭސްބުކްގައި ލިޔުނު ޕޯސްޓެއްގައި ބުނެފައި ވަނީ އިއްޔެގެ މެޗަށްފަހު އޭނާ ދެއްކި ވާހަކައިން "މިހާރު" ނޫހުގެ ނޫސްވެރިޔާ ހެދި ހަބަރު އޭނާއަށް ކަމުނުދާ ކަމަށާއި، އެއީ "އެޅުވި މަޅިއެއް" ކަމަށެވެ. އެ މަޅިން ސަލާމަތް ކޮށްދޭންވެސް ނިޒާމްބެ އެދިފައިވެއެވެ.

އިއްޔެ އޮތް މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "މިހާރު"ން ބައިވެރިވިއެވެ. އަދި ނިޒާމް ވަނީ "މިހާރު"ން ކުރި ސުވާލުތަކަށް ޖަވާބު ވެސް ދީފައެވެ. އަދި ކުރީ ދުވަހު ޓީސީން "މިހާރު" ބޮއިކޮޓްކުރީ ކީއްވެތޯ އެހުމުން، އޭނާ ޖަވާބު ދިނީ މެނޭޖްމަންޓާ އެ ސުވާލުކުރުމަށެވެ.

"އަޅުގަނޑަށް ރަނގަޅީ މެޗާ ބެހޭ ގޮތުން ސުވާލުކުރިއްޔާ. އެހެން ސުވާލުތަކަށް އަޅުގަނޑަށް ޖަވާބެއް ނުދެވޭނެ،" ނިޒާމް ބުނި ކަމަށް "މިހާރު" ނޫހުގައި ރިޕޯޓުކޮށްފައި އޮތެވެ.

އެ ވާހަކައަށް ބިނާކޮށް މިހާރުގައި ޖެހީ ބޮއިކޮޓްކުރުމަށް ފަހު އަލުން ޓީސީން "މިހާރު"ގެ ނޫސްވެރިންނާ ވާހަކަ ދެއްކި ކަމަށެވެ. ނިޒާމްގެ ޝަކުވާއަކަށްވީ "މިހާރު"ގައި އޭނާ މެޗާ ގުޅޭ ގޮތުން ދެއްކި ވާހަކަ ނުހިމަނައި، "ޕޮލިޓިކްސް" ނަޒަރަކުން ސުރުހީ ގެނެސްގެންނެވެ. އެހެން ނަމަވެސް ހާލަތަށް ބަލައި އެއީ މުޅިން ގޯސް ހަބަރެކޭ ބުނެވޭކަށް ނެތެވެ.

ގަބޫލުކުރަން ޖެހޭ ހަގީގަތްތައް އެބަހުއްޓެވެ. ފުޓުބޯޅައާއި، ކްލަބު ފުޓުބޯޅަވެސް އޮތީ ފާޑު ކިޔަން ޖެހޭ، އިސްލާހު ކުރަން ޖެހޭ ހާލަތުގައި ކަމެވެ. އެ ފާޑު ކިޔުންތަކަށް ޖަޒުބާތު ވާން ވެއްޖެނަމަ ހެޔޮ ބުނެދޭނެ މީހުންނެއް ނުތިބޭނެއެވެ. ބުނާ ކޮންމެ ވާހަކައަކީ ޒާތީ ވާހަކައެއް ކަމަށް ދެކޭ ދެކުން ހުއްޓާލަން ޖެހިއްޖެ ދުނިޔެއަކަށް މިހާރު ލޯ ހުޅުވެން ވެއްޖެއެވެ.

އެކިއެކި ނުފޫޒުތަކާއި ޖަޒުބާތުތަކުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާއި ކްލަބުތަކުންވެސް އެއްކިބާވެ، ނޫސްތަކުން ކިޔާ ފާޑުކިޔުންތައް ޒިންމާދާރު ގޮތެއްގައި ބަލައިގަންނަން މޯލްޑިވްސް އެޑިޓާސް ގިލްޑުން ވަނީ ގޮވާލައިފައެވެ. އެ ޖަމިއްޔާއިން ވަނީ "މިހާރު" ބޮއިކޮޓް ކުރުން ކުށްވެރިވެސް ކޮށްފައެވެ.

"ފުޓްބޯޅަޔަސް އަދި ކްލަބްތަކުގެ ވާހަކަ ކަމަށް ވިޔަސް، ނޫނީ އެފްއޭއެމުން ހިންގާ އެކިއެކި ކަންތައްތައް ކަމަށް ވިޔަސް ނޫސްތަކުން ފަތުރާ ހަބަރުތަކާއި ކިޔާ ފާޑުކިޔުންތަކަކީ ޒިންމާދާރުކަމާއެކު ކިޔާ ފާޑުކިޔުންތަކެކެވެ. ބުނެވި ދިޔަ މައުޟޫގައި ޕްރެޒިޑެންޓްސް ކަޕްގައި ވާދަކުރާ ކްލަބްތަކުގެ ޕްރީ މެޗް ޕްރެސް ކޮންފަރެންސްތަކުގައި ދުވަހު ނޫސް "މިހާރު" ބައިވެރިވާތީ މިހާރު ނޫސް ބަދުނާމުކޮށް ހަތް ކްލަބަކުން އެ މީޑިއާ ބޮއިކޮޓް ކުރުމަކީ ޒިންމާދާރު ގޮތެއް ނޫނެވެ. އަދި އެކަން އެހެން ކުރުމަކުން، ފުޓުބޯޅައިގެ އެކިއެކި ހަބަރުތަކާއި އެފްއޭއެމުން ކުރާ ކަންކަން ގެނެސްދިނުން ހުއްޓިގެނެއްވެސް ނުދާނެއެވެ." އެޑިޓާސް ގިލްޑުން ބުނެފައިވެއެވެ.

މިއީ ނޫސްވެރިކަމުގެ ނަޒަރުން އެ މައުލޫއަށް ދެވެން އޮތް ފުރިހަމަ ރައުޔެއް ކަމަށް ބުނެވިދާނެއެވެ. ކުރިން ފުޓުބޯޅައިގައި ހަރަކާތްތެރިވި ފަރާތްތަކުންވެސް ކްލަބުތަކުގެ ނިންމުމަށް ވިސްނުން ގެންގޮސްފައިވާ އިރު، މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އާޒިމް ވިދާޅުވީ ނޫސްތައް ބޮއިކޮޓް ކުރުމަކީ އެފްއޭއެމްގެ ވެރިން ކްލަބްތަކަށް އަންގަވައިގެން ކުރުވާ "ހަޑިމުޑުދާރު" އަމަލެއް ކަމަށެވެ.

"މިހާރު" އާ ވާހަކަ ދައްކަވަމުން އާޒިމު ވިދާޅުވި ކަމަށް އެ ނޫހުން ބުނެފައިވަނީ ކުރައްވަނީ ތަހުމަތެއް ނޫން ކަމަށާއި "އެއީ ހަގީގަތް" ކަމަށެވެ.

"ޔަގީނެއްނު. އެއްވެސް ޝައްކެއް ވެސް ނެތެއްނު،" ޓުވިޓާގައި އެފްއޭއެމް އަށް ކުރެއްވި ތުހުމަތުތަކާ ގުޅޭގޮތުން އާޒިމް "މިހާރު" އަށް ވިދާޅުވި ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

"އެންމެންނަށް ވެސް އެނގޭނެ އެހެންކަން އެކަން އެވަނީ. މީގެ ކުރިން ވެސް އެބަހުރި އެފްއޭއެމަށް ނެގެޓިވް އެއްޗިހި ލިޔަންޏާ ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް ވެސް ކަންތައް ހިންގާފައި. ބިރު ދައްކައިފައި. ނެގެޓިވްކޮށް ލިޔަންޏާ އެފްއޭމްގެ އިވެންޓްތަކަށް ނުވައްދާނެ. ގަލޮޅު ދަނޑަށް ވަންނާކަށް ފާހެއް ނުދޭނެ. މިއީ މީގެ ކުރިން ކޮށްފައި ހުރި ކަންކަން." އާޒިމް ވިދާޅުވެފައިވެއެވެ.

އެ ވާހަކަތަކަށް އެފްއޭއެމްއިން އިންކާރު ކުރެއެވެ. އެފްއޭއެމްއިން މައްސަލަ ބަލާކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

ފުޓުބޯޅައިގެ ހާލަތަށް ސަޕޯޓަރުން ކަންބޮޑުވެ މާޔޫސްވާ ހާލަތުގައި ފާޑު ކިޔާނީވެސް ހަމަ މީޑިއާއެވެ. އެ ފާޑުކިޔުން ބިނާކުރަނިވި ފާޑު ކިޔުމަކަށްވެސް ވާން ޖެހެއެވެ. ޒާތީ ފާޑު ކިޔުން ގޯސްވެސް މެއެވެ. އެ ހާލަތްތަކުގެ ތެރެއިން ކްލަބުތަކުން މީޑިއާ ބޮއިކޮޓް ކުރި ކުރުމާއެކު ޖަޒުބާތީ ހާލަތަކަށް ކަންކަން ގޮސްފި އެވެ. ހައްލު ހޯދަން ޖެހެއެވެ. ކޮލަމަކަށް ބިނާކޮށް ނޫހެއް ކުށްވެރި ކުރުމަކީ ނާތަހުޒީބު އަމަލެކެވެ. ކުރާ ސުވާލު ހުއްޓަން ވިސްނައިގެންވެސް ނުވާނެއެވެ. މިއީ ތަހުޒީބީ ފުޓުބޯޅަ ޒަމާނެކެވެ. ހައްލު އޮތީ ފާޑު ކިޔުމަށް ފުރުސަތު ދީގެންނެވެ.