ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، އާސަންދަ މޮބައިލް އެޕްލިކޭޝަން އިފްތިތާހު ކޮށްދެއްވައިފިއެވެ.

ނައިބު ރައީސް އާސަންދަ މޮބައިލް އެޕްލިކޭޝަން އިފްތިތާހު ކޮށްދެއްވާފައިވަނީ އާސަންދަ ކުންފުނީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ހިރިޔާ ސްކޫލްގައި ބޭއްވެވި ހަފުލާގައެވެ.

ރޭގެ ހަފުލާގައި ނައިބު ރައީސް ވަނީ އާސަންދަ ކުންފުނީގައި 10 އަހަރު ދުވަހު މަސައްކަތްކުރެއްވި މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދިން އެވޯޑްތައް އެ މުވައްޒަފުންނާ ހަވާލުކޮށްދެއްވާފައެވެ. އެ ހަފުލާގައި އާސަންދަ ކުންފުނީގެ ފަރާތުން ނައިބު ރައީސަށް ވަނީ ހަނދާނީ ފިލައެއް ވެސް އަރުވާފައެވެ.

ރައީސް އޮފީހުން ބުނިގޮތުގައި އެ ހަފުލާގައި އެމަނިކުފާނު ވަނީ ހިދުމަތްތައް ދިނުމުގައި އެއީ ދައުލަތުން އެއްވެސް ރައްޔިތަކަށް ދޭން ޖެހޭ ހިދުމަތެއް ކަމުގައި ވަނީނަމަ އެމީހަކީ ކޮންމެ މީހަކު ކަމުގައި ވިޔަސް ތަފާތު ކުރުމެއް ނެތި އެ ހިދުމަތެއް ފޯރުކޮށްދޭން ޖެހޭ ކަމަށް ވިދާޅުވެފައި ކަމަށެވެ. އެގޮތުން ހިދުމަތް ދިނުމުގައި ކުންފުނިތަކާ އަދި ދައުލަތުން ހިދުމަތްދޭ ހުރިހާ ފަރާތްތަކުން ވެސް އިހުލާސްތެރިކަމާއެކު، ކޮންމެ ރައްޔިތަކަށް ވެސް ހިދުމަތް ދިނުމަށާއި އެއީ އަވަހަށް ކޮށްދޭން ޖެހޭ ކަމެއްކަމުގައި ވާނަމަ ލަސް ނުކޮށް އެކަމެއް ކޮށްދިނުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވި ކަމަށެވެ.

އޭގެ އިތުރުން ކޮވިޑް-19ގެ ޕެންޑަމިކްގެ ތެރޭގައި ސިއްހީ ހިދުމަތް ހޯދުމުގައި، ހާއްސަކޮށް އަވަސް ފަރުވާއަށް ބޭރަށް ފޮނުވަން ޖެހޭ ފަރާތްތައް ފޮނުވުމުގައި ކުރިމަތިވި ގޮންޖެހުންތަކަށް ވެސް އަލިއަޅުވައިލެއްވި ކަމަށެވެ.

އެގޮތުން ނައިބު ރައީސް ވަނީ މި ބަލިމަޑުކަމާ ގުޅިގެން އަވަށްޓެރި ގައުމުތަކުގެ ބޯޑަރުތައްވެސް ބަންދުކޮށްފައި އޮއްވައި އަވަސް ފަރުވާއަށް އިންޑިޔާއަށް ދާން ޖެހޭ ފަރާތްތަކަށް އެ ފުރުސަތު ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި މަސައްކަތްފުޅު ފާހަގަކުރައްވައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ހަމައެހެންމެ، އިންޑިޔާގެ ބޯޑަރު ބަންދުކޮށްފައި އޮވެމެ، ރާއްޖެއިން އަވަސްފަރުވާއަށް އިންޑިޔާއަށް ދާން ޖެހޭ ފަރާތްކަށް ހާއްސަ ހުއްދައެއްގެ ދަށުން އެ ފުރުސަތު ފަހިކޮށްދެއްވީތީ އިންޑިޔާ ސަރުކާރާއި އެކަމުގައި މަސައްކަތްކޮށްދެއްވި ފަރާތްތަކަށްވެސް ވަނީ ޝުކުރު އަދާކުރައްވައުފައެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ ނައިބު ރައީސް ވަނީ ބޭސްފަރުވާއަށް އާސަންދަ މެދުވެރިކޮށް ކޮންމެ އަހަރަކު، ރާއްޖޭގެ އާބާދީގެ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބޭސްފަރުވާ ކުރަމުންގެންދާކަން ފާހަގަކުރައްވައި، ބަލި ޖެހުމުގެ ކުރިން ރައްކާތެރިވެ ތިބުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައި ކަމަށެވެ.