ޕްރެޒިޑެންޓްސް ކަޕްގައި މިރޭ ކުޅުނު މެޗުގައި ކްލަބް އީގަލްސްވެސް ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ދެވަނަ މެޗުވެސް ކާމިޔާބު ކޮށްފިއެވެ.

މިރޭ ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ސީޒަންގައި ކުޅުނު ތިން މެޗުވެސް މާޒިޔާއިން ކާމިޔާބު ކޮށްފައިވާ އިރު، ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި އެޓީމުން ވަނީ ކްލަބު ވެލެންސިއާ ކައިރިން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާ ކުޅުނު ފުރަތަމަ މެޗުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކުރީ 2-0 އިންނެވެ.

މިރޭގެ މެޗު ފެށިގެންވެސް ވަރުގަދަކޮށް ފެނުނީ މާޒިޔާއިންނެވެ. މެޗުގެ ކުރީކޮޅުގައި ހަމްޒާ މުހައްމަދު (ހަމްޕު) އަދި ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ފޮނުވާލި ހަމަލާތައްވީ ނާކާމިޔާބެވެ. މާޒިޔާއިން ލީޑު ނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. އޭރިއާ ތެރެއިން ހަމްޕުއަށް ލިބުނު ބޯޅައިގައި އީގަލްސްގެ އަހުމަދު ވިޖުދާން (ވިޖުއްކޮ) އާއި ކީޕަރު ތޯހާ ކައިރިން ނައްޓާފައި ހަމްޕު ޖެހި ބޯޅަ ވަނީ ދަނޑީގައި ޖެހިފައެވެ.

ދެ ވަނަ ހާފުގައި އީގަލްސްވެސް ކުރިއަށް ޖެހިލިއެވެ. އީގަލްސްއިން އެޓޭކް ކުރަން ކުރިއަށް ޖެހިލިނަމަވެސް އެޓީމަށް ނަތީޖާ ހަމަހަމަ ކުރަން އުނދަގޫވީ މެޗުގެ 71 ވަނަ މިނެޓްގައި މާޒިޔާއިން ލީޑުފުޅާ ކުރުމުންނެވެ. ހަމްޕު ނެގި ހުރަހަކުން ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހުސެއިން ނިހާން (ނިހާޓް) އެވެ.

މެޗަށް އަނބުރާ ވަނުމަށް ކުރި މަސައްކަތުގައި އީގަލްސް އިން ވަނީ 85 ވަނަ މިނެޓްގައި ގޯލެއް ޖަހައިފައެވެ. ހަސަން ރާއިފް އަހުމަދު (ހަންނަ) ހުސްކޮށްލާފައި ދިން ބޯޅަ އެ ޓީމުގެ ކުރިއަށް ކުޅޭ އަލީ އަޒްވާން އަބްދުލް އަޒީޒް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

ޕްރެޒިޑެންޓްސް ކަޕްގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ކުޅޭނީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އާ ދެކޮޅަށެވެ.