މާލޭގައި ނުރައްކާތެރިކޮށް ސައިކަލުދުއްވަމުން ދަނިކޮށް، އެކަން ހުއްޓުވަން މަސައްކަތް ކުރި ޓްރެފިކް ޕޮލިހަކަށް ހަމަލާދިން ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ މާލޭގައި ހަރަކާތްތެރިވާ ގްރޫޕަކަށް ނިސްބަތްވާ ހަތަރު މީހަކު ދެ ސައިކަލެއްގައި މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި އާންމުގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް، ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި މަޖީދީ މަގާއި ދިލްބާހަރު މަގު ގުޅުނު ހިސާބުގައި ސައިކަލު ދުއްވާފައިވާ ކަމަށެވެ. އަދި އެ މީހުން ހުއްޓުވަން މަސައްކަތް ކުރި ފުލުހަށް ހަމަލާ ދިނުމަށް ފަހު ބިރު ދައްކާފައިވާ ކަމަށެވެ.

އެ ސަރަހައްދުގައި ޓްރެފިކް ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުސް މީހާއަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ތިން މީހަކު ވަނީ އިއްޔެ ހައްޔަރުކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ސ. ފޭދޫ، ވީނަސްވިލާ، މުހައްމަދު ވިއާމް (27) އާއި ސ. ހިތަދޫ، ފާނަފިލާގެ، ހަސަން އަލީމް (22) އަދި ދަފްތަރު ނަމްބަރު 2841، ޝާން އަބްދުﷲ (20)އެވެ.

އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުގައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފައެވެ. އެ ތިން މީހުންނަކީ ކުށުގެ ރެކޯޑު އޮންނަ ބައެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

މާލޭގެ މަގުތަކުގައި އަމާންކަން ގެއްލުވާލައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ގްރޫޕު ހަދައިގެން އެފަދަ އަމަލުތައް ހިންގާ މީހުންނާމެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅައި، އެފަދަ ކުށްތައް ހުއްޓުވުމަށް ގާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.