ދިރިއުޅުމުގައި ކުރިމަތިވާ ކޮންމެ ކަމެއްގައި ވެސް ކަންކުރަންވީ ގޮތުގެ ފުރިހަމަ ނަމޫނާ ލިބިގަންނަން ޖެހޭނީ ލޮބުވެތި ނަބިއްޔާގެ ހަޔާތްޕުޅުން ކަމަށާއި އެއީ ކާމިޔާބު ވުމުގެ އަސާސް ކަމަށް ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ ލިބޭ ފުރުސަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފަން ޖެހޭ ކަމަށާއި ހެޔޮ އަމަލުތައް ގިނަކޮށް، ނުބައި ކަންތައްތަކުން ދުރުހެލިވާން ޖެހޭ ކަމަށެވެ. އަދި ލޮބުވެތި ނަބިއްޔާ ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް އަމަލުތައް ބަހައްޓަން ޖެހޭ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

"ދިރިއުޅުމުގައި ކުރިމަތިވާ ކޮންމެ ކަމެއްގައި ވެސް ކަންކުރަންވީ ގޮތުގެ ފުރިހަމަ ނަމޫނާ ލިބިގަންނަން ޖެހޭނީ ލޮބުވެތި ނަބިއްޔާގެ ހަޔާތްޕުޅުންނެވެ. އެއީ ކާމިޔާބުވުމުގެ އަސާސެވެ. ރެއާއި ދުވާލަކީ އިންސާނާ ގޮވައިގެން އޭނާގެ އަޖަލާ ދިމާލަށް ދަތުރުކުރާ އުޅަނދެކެވެ. ދުރުގައިވާ ކޮންމެ އެއްޗެއް ކައިރިކުރަމުންނެވެ. އާ ކޮންމެ އެއްޗެއް ބާކުރަމުންނެވެ." ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ ފާއިތުވެދާ އެއްވެސް ވަގުތަކީ ދެން ހަޔާތަށް އެނބުރި އަންނާނެ ވަގުތެއް ނޫންކަން ހަނދާންކުރަން ޖެހޭ ކަމަށާއި މާދަމާގެ ދިރިއުޅުން ބާއްޖަވެރިކުރުމަށް ވެވުނު މިންވަރަކުން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

"ދުވަސްތައް ހަފުތާއަކަށް ބަދަލުވެ، ހަފުތާތައް މައްސަރުތަކަށް ބަދަލުވެ، މައްސަރުތައް އަހަރުތަކަށް ބަދަލުވެ، މާޒީވަމުން މިދަނީ އަޅުގަނޑުމެންނަށް ވަރަށް ގިނަގުނަ ފިލާވަޅުތަކާއި އިބުރަތްތަކެއް ދެމުންނެވެ. މީގެ ތެރެއިން އަޅުގަނޑުމެން ހަނދާންކުރަން ޖެހޭ ކަންތައްތަކާއި ލިބިގަންނަން ޖެހޭ ފިލާވަޅުތައް އެބަހުއްޓެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނީ ޣާފިލުކަމުން ހޭލައި، ފާފަތަކުން ތައުބާވެ، ﷲ ގެ ހަޟުރަތަށް އެނބުރި ރުޖޫއަވާން ޖެހޭ ކަމަށާއި ކޮންމެ ވަގުތެއްގައި ވެސް މަރު އަތުވެދާނެކަމަށް ޓަކައި މާތްﷲ އަށް ބިރުވެތިވެ ހެޔޮ އަމަލުކުރުން ގިނަކުރަން ޖެހޭ ކަމަށެވެ.