ހިޔާ ފްލެޓުތަކުގެ ލިފްޓަށް ދިމާވާ މައްސަލަތައް ހައްލުކޮށް ލިފްޓު ބެލެހެއްޓުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.
އެޗްޑީސީއިން ބުނީ، ހުޅުމާލެ ފޭސް ދޭއްގައި ހިޔާ ޕްރޮޖެކްޓުގެ ދަށުން އިމާރަތް ކޮށްފައިވާ ހައުސިން ޔުނިޓުތަކުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް އެ ކުންފުނީގެ ފަރާތުން ގިނަ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ލިފްޓުތަކަށް ދިމާވާ މައްސަލަތައް ބަލައި ހައްލުކުރުމުގެ މަސައްކަތް ކުރުމަށް މި މަޝްރޫއުގެ ކޮންޓްރެކްޓާގެ ފަރާތުން ވަނީ ކޮންޓެކް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްފައި ކަމަށެވެ.
ކޮންޓެކް ކުންފުނީގެ ހިދުމަތް 24 ގަޑއިރު ލިބެން ހުންނާނެ ކަމަށް އެޗްޑީސީއިން ބުންޏެވެ. އަދި އެ ކުންފުނީގެ ހޮޓްލައިން ނަމްބަރު 9672696 އަދި އީމެއިލް [email protected] މެދުވެރިކޮށް ހިދުމަތްތަކާއި ބެހޭ މުއާމަލާތް ކުރެވެން ހުންނާނެެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
މީގެ އިތުރުން ލިފްޓު ބޭނުންކުރުމުގައި ރައްކާތެރިވެ އުޅުމަށާއި ލިފްޓު ފަދަ ހިދުމަތްތައް ބޭނުންކުރުމުގައި ކަނޑައެޅިފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ސަމާލުކަން ދިނުމަށް އެޗްޑީސީން އިލްތިމާސްކުރެއެވެ. އެޗްޑީސީން ބުނީ އެކުންފުނީގެ އަމާޒަކީ ހުޅުމާލެ ފޭސް ދޭއްގައި ދިރިއުޅެމުން އަންނަ ފަރާތްތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށްދީ ފަސޭހަވާނެ ގޮތަކަށް ކަންކަން ރާވައިދިނުން ކަމަށެވެ.
ހިޔާ ފްލެޓުތަކުގެ ލިފްޓަށް މައްސަލަ ދިމާވާކަމުގެ ޝަކުވާ އެޗްޑީސީއަށް ހުށަހަޅާފައިވަނީ އޮކްޓޫބަރު މަސް ތެރޭގައެވެ. އެޗްޑީސީއަށް ލިފްޓުތަކާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ޝަކުވާއަކީ ލިފްޓުން ކަރަންޓު ކަނޑައިގެން ދިޔުމާއި ބައެއް ފްލޯތަކަށް ނުހުއްޓި ދާ ކަމުގެ ޝަކުވާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު