ވައިގެ މަގުންނާއި ކަނޑު މަގުން ރާއްޖެއާއި ބަންގްލަދޭޝް ސީދާ ގުޅާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެގައުމުގެ ބޮޑުވަޒީރު ޝައިހް ހަސީނާ މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް އިއްޔެ ރާއްޖެ ވަޑައިގެންނެވި ޝައިހް ހަސީނާއާއެކު ރައީސް ސޯލިހު މިއަދު ވަނީ ރައީސް އޮފީހުގައި ރަސްމީ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމަށްފަހު ދެ ގައުމުގެ ވެރިން ވަނީ ގުޅިފައިވާ ބަޔާނެއް ދެއްވައިފައެވެ.

ރައީސް ސޯލިހުގެ ބަޔާނުގައި އެމަނިކުފާނު ވަނީ, ދެގައުމުގެ ދެމެދު ވައިގެ ދަތުރުފަތުރު އިތުރުކުރުމާ ގުޅޭ ގޮތުން ޝައިހް ހަސީނާއާ މަޝްވަރާ ކުރެއްވި ކަމަށް ވިދާޅުވެފައެވެ.

އެކަމަށް އިޝާރާތް ކުރައްވައި ޝައިހް ހަސީނާ ދެއްވި ބަޔާނުގައި ވިދާޅުވީ, ބަންގްލަދޭޝްގެ އެންމެ ބޮޑު އަމިއްލަ އެއާލައިން, ޔޫއެސް-ބަންގްލާ އެއާލައިނުން ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފަށާފައިވާ އިރު, ބަންގްލަދޭޝްގެ ގައުމީ އެއާލައިން, ބިމާން ބަންގްލަދޭޝް އެއާލައިނުންވެސް ޑާކާއާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ފަށާން ވިސްނަމުން އަންނަ ކަމަށެވެ.

"އޭގެ އިތުރުން ބަންގްލަދޭޝް އާއި ރާއްޖެއާ ދެމެދު ދަތުރުކުރާނެ ޑައިރެކްޓް ޝިޕިން ލައިނެއް އުފެއްދުމާ ގުޅޭ ގޮތުން މަޝްވަރާކުރިން," އެކަމަނާ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަންގްލަދޭޝަށް މިއަހަރުގެ މާޗް މަހުގެ ތެރޭގައި ކުރެއްވި ދަތުރުފުޅުގައިވެސް ޝައިހް ހަސީނާ ވަނީ ބިމާން އެއާލައިންގެ ދަތުރުތައް ފައްޓަވާނެކަން އިއުލާން ކުރައްވައިފައެވެ. އަދި އެކަމުގެ ސަބަބުން ދެގައުމުގެ މެދުގައި ވައިގެ މަގުން ކުރާ ދަތުރުފަތުރަށް އިތުރު ދޮރެއް ހުޅުވި ވައިގެ މަގުން ދެގައުމު ގުޅުވައިދިނުމަށް އެހީތެރިވާނެ ކަމަށް ވިދާޅުވިއެވެ.