ބޮޑެތި ކުށްތައް ނުކުރާ މީހުން ޝަރީއަތް ނިމެންދެން ޖަލަށް ލުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވިއެވެ.

އޮންލައިން ނޫސް "ދިޔަރެސް" އަށް ދެއްވި ހާއްސަ އިންޓަވިޔުއެއްގައި ރައީސް ޔާމީން ރޭ ވިދާޅުވީ، ބޮޑެތި މައްސަލަތަކުގައި ހުކުމް ކޮށްފައި ތިބި މީހުން ފިޔަވައި އެހެން މީހުންނަށް އިސްތިއުނާފީ މަރުހަލާ ނިމެންދެން ކަފާލާތުގެ ދަށުން ދޫކުރެވޭނެ ނިޒާމެއް ގާއިމު ކުރަން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނުގައި އެކަން ހިމަނާފައި ނުވާ ނަމަ އެކަން ގާނޫނުގައި ހިމަނަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"މިދަންނަވަނީ ތަންތަން ފަޅާ، މީހުން ކަތިލާ، ތަންތަން ރޯކުރާ މީހުންނަށް ބެއިލްދޭ ވާހަކައެއް ނޫން. އެމީހުންނަށް ބެއިލް ދޭކަށް ނުޖެހޭ." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ބޮޑެތި ކުށްތައް ނުކުރާ މީހުން ޝަރުއީ މަރުހަލާ ނިމެންދެން ޖަލަށް ލުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެއީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމެއް ނޫން ކަމަށެވެ.

"ވަރަށް ލިމިޓެޑް ކަމަކަށް ނޫނިއްޔާ ޝަރީއަތް ނިމެންދެން ޖަލަށް ހުކުމްކޮށްގެނެއް ނުވާނެ" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި ބައެއް މީހުންގެ ޝަރީއަތްތައް ނުހިނގާތާ ތިން އަހަރާއި އަށް އަހަރުވެފައި ތިބި މީހުންވެސް ޖަލުގައި އެބަ ތިބި ކަމަށެވެ. އެއީ ތަހުގީގު ފުރިހަމަ ނުވާތީ ކަމަށާއި ފުލުހުންގެ ކެޕޭސިޓީ އިތުރުކޮށްގެންވެސް އެނޫން ގޮތަކަށް ކަންކަން ކުރެވެން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން އެއްވެސް ދިވެހި ރައްޔިތަކު ތަހުގީގު ފުރިހަމަ ނުކުރެވިގެން ދެ މަސް ދުވަހަށްވުރެ ގިނަ ދުވަހު ޖަލުގައި ތިބެން ޖެހޭނެ ކަމަކަށް" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، މައްސަލަތަކުގައި މީހުންނަށް މުއްދަތު ޖަހާއިރު ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަށް ބެލުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ އިންޓެލިޖެންސް ރިޕޯޓަކީ ފުލުހުންގެ ބޭފުޅުން ބޭނުން ގޮތަކަށް ބަދަލު ކުރެވޭނެ އެެއްޗަކަށްވާތީ ކަމަށެވެ.