މަގާމުން ވަކިކުރަން ނިންމާފައިވާ މައްސަލައަށް ޖަވާބުދާރީވާން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުންނަށް ފުރުސަތު ދީފައި ވަނިކޮށް، އުސޫލާ ހިލާފު ކަންތައްތަކެއް ހިންގަމުންދާ ކަމަށް ބުނެ ކުރާ ތުހުމަތުތައް އެ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ދޮގުކުރައްވައިފިއެވެ.

އޭސީސީގެ މެމްބަރުން އުސޫލާ ހިލާފު ކަންތައްތަކެއް ހިންގަމުންދާ ކަމަށް ބުނެ މައްސަލައެއް ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހަޅައިފައެވެ. އެ މައްސަލައާ ގުޅިގެން ކޮމިޓީގެ ބައްދަލުވުމެއް މިރޭ 8:00 ގައި ބާއްވަން ވަނީ ނިންމައިފައެވެ.

ކޮމިޓީގެ މެމްބަރަކު ނަން ނުޖެހުމަށް އެދި "ވަން" އަށް މިއަދު ވިދާޅުވީ ކުއްލި ގޮތަކަށް ކޮމިޓީގެ ބައްދަލުވުމެއް މިރޭ ބާއްވަން ނިންމީ އޭސީސީގައި ތިއްބެވި މެމްބަރުން އުސޫލާ ހިލާފު ކަންތައްތަކެއް ކުރަމުންދާ ކަމަށް ބުނެ ތިން މެންބަރަކު ސޮއި ކުރައްވައި ކޮމިޓީއަށް ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން ކަމަށެވެ.

އެކަމާ ގުޅިގެން ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އުސޫލާ ހިލާފު ކަންތައްތަކެއް ހިންގަމުންދާ ކަމަށް ބުނެ ކުރަމުންދާ ތުހުމަތުތަކަކީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.

"ގަނޑުކޮށް މައްސަލަ ބަލާކަށް ނޫޅޭ، އަދި އުސޫލާ ހިލާފަށް އެއްވެސް ކަމެއް ނުކުރާނެ. ނުވެސް ކުރެވޭނެ،" ޝިއުނާ ވިދާޅުވިއެވެ.

މަސައްކަތްތައް އެކަށީގެންވާ ސްޕީޑުގައި ކުރިއަށްނުދާތީ އޭސީސީގެ މެމްބަރުން ވަކިކުރަން ނިންމައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޖިލީހަށް ހުށަހެޅުމުން އެ މައްސަލަ ދިރާސާ ކުރުމަށް އަލުން ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

އެކަމާ ގުޅިގެން ގާނޫނުގައި ބުނެފައިވާ ގޮތަށް އޭސީސީ މެމްބަރުންނަށް ލިޔުމުން ޖަވާބުދާރީވާން ފަސް ދުވަހުގެ މުއްދަތެއް ކޮމިޓީން އެ މެންބަރުންނަށް ވަނީ ދީފައެވެ. އެ މުއްދަތު ހަމަވާނީ އަންނަ އާދިއްތަ ދުވަހަށެވެ.

އޭސީސީ މެމްބަރުން ވަކި ކުރަން ކޮމިޓީން ނިންމުމާ ގުޅިގެން އެ ކޮމިޝަންގެ ބައެއް މެމްބަރުން ވަނީ އިސްތިއުފާ ދެއްވައިފައެވެ. އެއީ އިބްރާހިމް ޝަކީލް އާއި އަލީ އަޝްރަފްއެވެ.

އެހެންކަމުން ފަސް މެމްބަރުން ހިމެނޭ އެ ކޮމިޝަންގައި މިހާރު ތިއްބެވީ، ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތުމަތު އަނޫލާގެ އިތުރުން މެމްބަރު އައިޝަތު އަބްދުﷲ އެވެ.