މަގާމުން ވަކިކުރަން ނިންމާފައިވާ މައްސަލައަށް ޖަވާބުދާރީވާން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުންނަށް ފުރުސަތު ދީފައި ވަނިކޮށް، އުސޫލާ ހިލާފު ކަންތައްތަކެއް ހިންގަމުންދާ ކަމަށް ބުނެ އިތުރު މައްސަލައެއް ބަލަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފިއެވެ.
މި ބައްދަލުވުން ބާއްވަން ހަމަޖެހިފައި ވަނީ މިރޭ 8:00 ގައެވެ.
ކޮމިޓީގެ މެމްބަރަކު ނަން ނުޖެހުމަށް އެދި "ވަން" އަށް މިއަދު ވިދާޅުވީ ކުއްލި ގޮތަކަށް ކޮމިޓީގެ ބައްދަލުވުމެއް މިރޭ ބާއްވަން ނިންމީ އޭސީސީގައި ތިއްބެވި މެމްބަރުން އުސޫލާ ހިލާފު ކަންތައްތަކެއް ކުރަމުންދާ ކަމަށް ބުނެ ތިން މެމްބަރަކު ސޮއި ކުރައްވައި ކޮމިޓީއަށް ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން ކަމަށެވެ.
މަސައްކަތްތައް އެކަށީގެންވާ ސްޕީޑުގައި ކުރިއަށްނުދާތީ އޭސީސީގެ މެމްބަރުން ވަކިކުރަން ނިންމައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޖިލީހަށް ހުށަހެޅުމުން އެ މައްސަލަ ދިރާސާ ކުރުމަށް އަލުން ކޮމިޓީއަށް ފޮނުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އެކަމާ ގުޅިގެން ގާނޫނުގައި ބުނެފައިވާ ގޮތަށް އޭސީސީ މެމްބަރުންނަށް ލިއުމުން ޖަވާބުދާރީވާން ފަސް ދުވަހުގެ މުއްދަތެއް ކޮމިޓީން އެ މެންބަރުންނަށް ވަނީ ދީފައެވެ. އެ މުއްދަތު ހަމަވާނީ އަންނަ އާދިއްތަ ދުވަހަށެވެ.
އޭސީސީ މެމްބަރުން ވަކި ކުރަން ކޮމިޓީން ނިންމުމާ ގުޅިގެން އެ ކޮމިޝަންގެ ބައެއް މެމްބަރުން ވަނީ އިސްތިއުފާ ދެއްވައިފައެވެ. އިސްތިއުފާ ދެއްވި މެމްބަރުންނަކީ އިބްރާހިމް ޝަކީލް އާއި އަލީ އަޝްރަފްއެވެ.
އެހެންކަމުން ފަސް މެމްބަރުން ހިމެނޭ އެ ކޮމިޝަންގައި މިހާރު ތިއްބެވީ، ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތުމަތު އަނޫލާގެ އިތުރުން މެމްބަރު އައިޝަތު އަބްދުﷲ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު