"ވެކްސިނޭޓެޑް ޓްރެވަލް ލޭން (ވީޓީއެލް)ގެ ދަށުން ސިންގަޕޫރަށް ދަތުރުކުރަން ހުޅުވާލައިފައި އޮތް އޮތުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ކޮވިޑް19 ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ސިންގަޕޫރަށް ދަތުރުކުރެވޭ ގޮތަށް ހަމަޖައްސާފައިވާ ވީޓީއެލް ގެ އިންތިޒާމުގެ ދަށުން ޓިކެޓް ވިއްކުން ވަގުތީ ގޮތުން މެދުކަނޑައިލީ ދުނިޔޭގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 "އޮމިކްރޮން" ވޭރިއެންޓާ ގުޅިގެން ކަމަށެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ، ދުނިޔޭގައި މި ވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 "އޮމިކްރޮން" ވޭރިއެންޓާ ގުޅިގެން ސިންގަޕޫރުގެ ސަރުކާރުން އަންނަނިވި ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

  • 22 ޑިސެމްބަރު 2021 ވާ ބުދަ ދުވަހުގެ 23:59 ން ފެށިގެން 20 ޖެނުއަރީ 2020 ގެ 23:59 (ސިންގަޕޫރު ގަޑިން) ގެ ނިޔަލަށް އެ މުއްދަތުގައި ދަތުރުކުރާގޮތަށް ވީޓީއެލް އަށް ހާއްސަކޮށްފައިވާ ފްލައިޓުތަކުން ޓިކެޓް ވިއްކުން ހުއްޓާލުން. މި މުއްދަތުގައިވެސް، 21 ޖެނުއަރީ 2022 ގެ ފަހުން ދަތުރުކުރާ ގޮތަށް މި ފްލައިޓުތަކުން ޓިކެޓް ވިއްކުމަށާއި، ނަމަވެސް ވިއްކާ ޓިކެޓުގެ އަދަދު %50 އިންސައްތަ މަދުކުރުން
  • 22 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ ސިންގަޕޫރު ގަޑިން 23:59 ގެ ކުރިން ވީޓީއެލް ފްލައިޓުތަކުން ޓިކެޓް ނަގާވާފައިވާ، ވީޓީއެލް ގެ ޝަރުތުތައް ފުރިހަމަ ވާ ފަރާތްތަކަށް ކަރަންޓީނުވުމާ ނުލައި ދަތުރު ކުރެވުން

މި ފިޔަވަޅު ތަކަކީ ވީޓީއެލް އިންތިޒާމު ހުއްޓާލުން ނޫން ކަމާއި، "އޮމިކްރޮން" ވޭރިއެންޓާ ގުޅިގެން މި ފިޔަވަޅުތައް މުރާޖައާކުރަމުން ގެންދާނެކަން ސިންގަޕޫރުގެ ސަރުކާރުން އަންގާ ކަމަށް މިނިސްޓްރީން ބުންޏެވެ.