"2022: ފަތުރުވެރިކަމުގެ ރަން އަހަރު" ގެ ލޯގޯ، އަންނަ އަހަރު ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން ބޭނުންކުރާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، 2022 ވަނަ އަހަރަކީ، ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަން ޔޫބީލް އަހަރު ކަމަށް ވުމާއެކު، އެ އަހަރު ފާހަގަކުރުމުގެ ގޮތުން، 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން "2022 :ފަތުރުވެރިކަމުގެ ރަން އަހަރު" ގެ ލޯގޯ، ސަރުކާރުގެ ހުރިހާ އިދާރާތަކުން ފޮނުވާ ރަސްމީ ސިޓީ ތަކާއި، އީމެއިލް ފުޓާތަކުގައި އެއް އަހަރުގެ މުއްދަތައް ބޭނުން ކުރުމަށް ރައީސް ސޯލިހު ނިންމަވައިފި ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުން ނެރުނު ދެންނެވުމުގައިވަނީ، މިނިސްޓްރީ އޮފް ޓޫރިޒަމުން މި ލޯގޯ ޖެހުމަށް ޓަކައި އެކަމާބެހޭ މައުލޫމާތު، ސަރުކާރުގެ އޮފީސްތަކަށް ދޭނެ ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމުން ސަރުކާރުގެ އޮފީސްތަކުން ލޯގޯ ބޭނުންކުރުމަށްވެސް ބުނެފައި ވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އިޝްތިހާރު ކުރުމުގައްޔާއި، ރާއްޖެއިން ބޭރުގައި އޮންނަ އެކިއެކި ފެއާތަކާއި ބައްދަލުވުންތަކުގައި ރާއްޖެ އިޝްތިހާރު ކުރުމަށް، އިނގިރޭސިބަހުން ޝިއާރު ލިޔެފައިވާ ލޯގޯ ބޭނުން ކުރުމަށް ވެސް މި ދެންނެވުމުގައި އަންގާފައިވެއެވެ.