8.2 މިލިޔަން ރުފިޔާގެ ބަޖެޓަކާއެކު މާލޭ ސިޓީގެ އިހްތިސޯސް ހިމެނޭ، މާލޭ ސަރަހައްދުގައި ޓްރެފިކު ވާޑުން ތައާރަފު ކުރަން މާލޭ ސިޓީކައުންސިލުން މިއަދު ފާސްކޮށްފި އެވެ.
މާލޭ ސިޓީކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި ޓްރެފިކް ވާޑުން އުފައްދައި ހިންމުގެ އުސޫލާއި އެކަމަށް ބޭނުންވާ ބަޖެޓު ހުށަހެޅުއްވީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ.
ޑރ. މުއިއްޒު ވިދާޅުވީ، ޓްރެފިކް ވާޑުންގެ ވަޒީފާތަކުގެ ތެރެއިން ޖޫނިއާ ވާޑުންގެ މުސާރައަކީ 10000 ރުފިޔާ ކަމަށާއި، ސުޕަވައިސަރުންގެ މުސާރައަކީ 15000 ރުފިޔާ ކަމަށެވެ. އެ ވަޒީފާތަކަށް ހަމަޖެހިފައި އޮންނާނީ ކަނޑައެޅޭ ވަކި ވަގުތެއް ކަމަށާއި އެެހެންކަމުން އެ މަގާމުތަކަށް އޯޓީ ހަމަޖެހިފައި ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޑރ. މުއިއްޒު ވިދާޅުވީ، އެކަމަށް ޓަކައި ޖޫނިއާ ވާޑުންގެ މަގާމުތަކަށް 45 މީހުން ނަގަން ޖެހޭ ކަމަށާއި، ސުޕަވައިޒަރުންގެ މަގާމަށް 15 މީހުން ބޭނުންވާނެ ކަމަށެވެ.
އެ މަގާމުތަކުގައި ތިބޭ މީހުންގެ މަސްއޫލިއްޔަތަކަށް ވާނީ، ޓްރެފިކާ ގުޅޭ ކަންތައްތަކާއި، ޕާކިންއާ ގުޅޭ ކަންތައްތައް ބެލެހެއްޓުމާއި، މަގުމައްޗަށް ކުނިއަޅާ މައްސަލަތައް ބަލައި އެކަންކަން ހައްލު ކުރުމާއި، މަގު ބަންދު ކުރުމާއި، މަގުމަތީގައި އާއްމުންނަށް އުނދަގުވާ ހުރިހާ ކަމެއް ބެލުން ކަމަށެވެ.
ޓްރެފިކު ވާޑުންގެ ވަޒީފާގެ ޝަރުތު ތަކާއި އެމީހުންގެ މަސްއޫލިއްޔަތުތައް ހިމެނޭ ގޮތަށް، ޓްރެފިކް ވާޑުން އުފައްދައި ހިންމުގެ އުސޫލާއި އެކަމަށް ބޭނުންވާ ބަޖެޓް ކައުންސިލްގެ މިއަދުގެ ބައްދަލުވުމުން ވަނީ ފާސްކޮށްފައެވެ.
މި އުސޫލާއި ބަޖެޓު ފާސްކުރީ އެމްޑީޕީ މެންބަރުން ހިމެނޭ ގޮތަށް ކައުންސިލް ބައްދަލުވުމުގައި ތިއްބެވި 17 މެންބަރުންގެ އިއްތިފާގުންނެވެ.
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް