"އިންޑިއާ އައުޓް" ގޮވާ ނަމަ އެ މީހަކަށް ހަމަލާ ދޭން ޖެހޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ފަލާހު މިއަދު އިންޒާރު ދެއްވައިފިއެވެ.
އެމްޑީޕީގެ މާލޭ މީހުންނަށް މިއަދު ބޭއްވި ބައްދަލުވުމުގައި ފަލާހު ވިދާޅުވީ، އިންޑިއާއަކީ ރާއްޖެއަށް އަބަދުވެސް އެހީވާ ގައުމެއް ކަމަށާއި އެހެންވެ، އިންޑިއާ އައުޓްއޭ ނުކިޔޭނެ ކަމަށެވެ. އަދި އިންޑިއާ އައުޓޭ ގޮވާނަމަ ހަމަލާދޭން ޖެހޭނެ ކަމަށާއި އެނޫން ގޮތަކަށް އެކަން ނުހުއްޓުވޭނެ ކަމަށް ވިދާޅުވިއެވެ.
"އިންޑިއާ އައުޓެކޭ ނުގޮވޭނެ. އެ ގޮވާ ކަމަށް ވަންޏާ އަޅުގަނޑުމެން ޖެހޭނެ އެ މީހެއްގެ ކަންފަތް މަތީ ޖަހަން ވެސް. އެ ނޫން ގޮތަކަށް މި ނުހުއްޓުވޭނެ. އެއީ ކުރަން ޖެހޭ ކަމެއް މިހާރު،" ފަލާހު ވިދާޅުވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މަސައްކަތް ކުރައްވަނީ ވަކި ގައުމަކާ އެކީގައި ގުޅުން ބަދަހިކުރުމަށް ކަމަށާއި ދުނިޔެއިން ރާއްޖެ އެކަހެރިކުރުމަށް ކަމަށެވެ.
ފަލާހުގެ އިތުރުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އިންޑިއާ އައުޓޭ ނުގޮވޭނެ ކަމަށާއި އެއީ ޒިންމާދާރުކަމެއް ނޫން ކަމަށް ވިދާޅުވެ، އެކަން ކުރާނަމަ ފުލުހުން ނުކުމެ ހުއްޓުވަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
"އިންޑިއާ އައުޓް" ކެމްޕޭނަކީ އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ރައީސް ޔާމީން އިސްވެ ހުންނަވައި ޕީޕީއެމުން ހިންގާ ހަރަކާތެކެވެ. އެ ހަރަކާތް ފުޅާކުރުމަށް ރައީސް ޔާމީން ގެންދަވަނީ އިންޑިއާ އައުޓް ޖަހާފައިވާ ޓީޝާޓް ތުރުކުރައްވައި އަތޮޅުތެރެއާއި މާލޭގައި ހަރަކާތްތައް ހިންގަވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު