ޚަބަރު

އިންޑިއާ އައުޓް ކެމްޕޭނަށް ޔާމީން ނިލަންދުއަށް ވަޑައިގަންނަވަނީ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރަން ގޮވާލައި އިދިކޮޅުން ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕޭން ހަރަކާތްތައް ފުޅާކުރަން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުالله ޔާމީން ފ. ނިލަންދުއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ އިންޑިއާ އައުޓް ކެމްޕޭނަށް ރައީސް ޔާމީން ނިލަންދުއަށް ވަޑައިގަންނަވާނެ ކަމަށެވެ. އެމަނިކުފާނު ނިލަންދުއަށް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ.

ހީނާ ވިދާޅުވީ އެދުވަހު ހަވީރު އެރަށުގައި ބާއްވާ ހަރަކާތްތަކުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭ އެރަށުގައި އޮންނަ ޖަލްސާގައިވެސް ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް ޔާމީން، ނިލަންދުއަށް ވަޑައިގަންނަވާއިރު، އެމަނިކުފާނު ވަނީ މިދިޔަ ބުރާސްފަތި އަދި ހުކުރު ދުވަހު ކ. ގުރައިދޫ އާއި އެއަތޮޅު ތުލުސްދުއަށް ވަޑައިގަންނަވައި، އިންޑިއާ ކެމްޕެއިންގެ ހަރަކާތްތައް އެ ދެރަށުގައި ހިންގަވައިފައެވެ.

އެގޮތުން ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޔާމީން ވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް ނަފުރަތު ކުރާ ކަމަށާއި މިކަމާ ދެކޮޅަށް ގައުމު ދެކެ ލޯބިވާ ހުރިހާ ރައްޔިތުން ނުކުންނަން ޖެހޭ ކަމަށް ގޮވާލައްވައިފައެވެ. އަދި ތަކުރާރުކޮށް ވަނީ އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައްވައިފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ދައުވަތު ނުދެނީސް އިންޑިއާ ސިފައިން ރާއްޖޭ ތިބުމުން، އެ މީހުން ތިބީ ރާއްޖެ ހިފަން ކަމާމެދު ސުވާލުއުފެދޭ ކަމަށް ވިދާޅުވެފައެވެ. ޔާމީން ވަނީ އިންޑިއާ ސިފައިންގެ އަދަދާއި އިންޑިއާ ސިފައިން ރާއްޖޭގެ ތިބި މުއްދަތާ ގުޅޭގޮތުން ވެސް ސުވާލު އުފައްދަވައިފައެވެ.

އިދިކޮޅުން ދަނީ އިންޑިއާ އައުޓް ކެމްޕޭން ފުޅާކޮށް، ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދަމުންނެވެ. މިދިޔަ ހުކުރު ދުވަހުވެސް ވަނީ ސައިކަލު ބުރެއް ބޭއްވުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އެ ސައިކަލު ބުރުގައި ހަމަނުޖެހުން ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ ފުލުހުން ވަނީ އެކަން ހުއްޓުވައިފައެވެ.