ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ބޯ ކަނޑައިލަދޭނެ މީހަކު ހޯދަން ހ. ލައިޓްނައިޓް، އިސްމާއީލް ޔާފިސް އުޅުނުކަމަށް ދައުލަތުން ބުނެފިއެވެ.

މިދިޔަ ސެފްޓެމްބަރު 21 ވަނަ ދުވަހު ޔާފިސް ހައްޔަރު ކުރީ ނަޝީދު ރާއްޖެ ވަޑައިގެންފިނަމަ "ބަދުރު ދުވަހު އަބޫ ޖަހުލަށް ހަދާލި ގޮތް ހަދާނެ" ކަމަށް ބުނެ އިންޒާރުކޮށް ފޭސްބުކުގައި ޕޯސްޓެއް ކުރުމުންނެވެ. އަދި "ހައެއް ފަހެއް"ގައި ރައީސް ނަޝީދަށް ދިން ހަމަލާއަށްވުރެ ވަރުގަދަ ހަމަލާއެއް ދޭނެ ކަަމުގެ އިންޒާރުވެސް އޭނާ ދީފައިވެއެވެ.

ޔާފިސް ހައްޔަރުކުރުމަށްފަހު އެންމެ ފުރަތަމަ ބަންދުގެ މުއްދަތު ޖަހަން ގެންދިޔައީ ރ. އުނގޫފާރު ކޯޓަށެވެ. އުނގޫފާރު ކޯޓުގެ ހުރުމަތް ކަނޑާލައިގެން 15 ދުވަހަށް ޖަލަށް ލާން ހުކުމް ކުރިއެވެ.

އެފަހުން ކުރިމިނަލް ކޯޓަށް ޔާސިފު ހާޒިރު ކުރުމުން އޭނާ ވަނީ ނަޝީދު އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރުދީފައެވެ. ޔާފިސުގެ އަމަލަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި ގާޒީ އަލީ އާދަމް ނިންމެވީ އެއް މަހަށް ޖަލަށް ލުމަށް ހުކުމް ކުރާށެވެ. އެއް މަސް ދުވަހަށް ޖަލަށް ލާން ހުކުމް ކުރުމުންވެސް ޔާފިސު ބުނީ ނަޝީދު އަވަހާރަކޮށްލާނެ ކަމަށެވެ.

މިއަދު އޮތީ ޔާފިސު ރައީސް ނަޝީދު އަވަހަރާކޮށްލާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލައިގެ އަޑުއެހުމެވެ. އެ މައްސަލައިގެ ޔާފިސްއަށް ވަނީ ތިން ދައުވާއެއް އުފުލައިފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރަން ހިތްވަރު ދިނުމުގެ ދައުވާ، ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުމުގެ ދައުވާ، އަދި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރި ކަމުގެ ދައުވާއެވެ. މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާތައް އިއްވައިފައެވެ.

ދައުވާތައް އިއްވަމުން ދައުލަތުން ވިދާޅުވީ، 90 ވަރަކަށް މީހުން ތިބި ވައިބާ ގްރޫޕަކަަށް ޔާފިސް ފޮނުވި މެސެޖެއްގައި "އުޖޫރައެއް ދީގެން ވެސް ކާފަރު އަންނިގެ ބޯ ކަނޑާލާނެ މީހަކު ބޭނުންވޭ" އެއީ "އިސްލާމް ދީނަށް ޓަކައި" ބުނެފައިވާ ކަމަށެވެ. ދައުލަތުން ވިދާޅުވީ، ޔާފިސް އުޅޭ ގެ ބަލައިފާސް ކުރުމުގެ އުޅުމުގެ ތެރެއިން ފުލުހުންނަށް ހަ މޯބައިލް ފޯނާއި، ހަތަރު ސިމް ކާޑާއި، ދެ ޕެން ޑްރައިވް އާއި ދެ މައިކްރޯ އެސްޑީ ކާޑު ފެނިފައި ކަމަށެވެ. އެ އެއްޗެހި ފެނުނު ކަން ސާބިތުކުރަން ދައުލަތުން ވަނީ ފުލުހަކު ހެކިވެރިއެއްގެ ގޮތުގައި ހުށަހަޅައިފައެވެ.

ޔާފިސްއާ ދެކޮޅަށް ދެން ދައުލަތުން ހުށަހެޅީ މާލޭ ޓެކްސީ ސެންޓަރެއްގެ މުވައްޒަފެކެވެ. ރައީސް ނަޝީދުގެ ބޯ ކަނޑާލަދޭނެ މީހަކު ބޭނުންވާ ކަމަށް ބުނެ ޔާފިސް މެސެޖް ފޮނުވީ، އެ ޓެކްސީ ސެންޓަރުގެ ވައިބާ ގްރޫޕަށެވެ.

މީގެ އިތުރުން ފުލުހުންގެ ތަހުގީގަށް ފާހަގަ ކުރެވުނު ގޮތުން، ޔާފިސްގެ ނަމުގައި ހިންގާ ފޭސްބުކް އެކައުންޓަކާއި ޓުވިޓާ އެކައުންޓަކުން ކޮށްފައިވާ ޕޯސްޓްތަކުގެ ތެރޭގައި އޭނާ އައިއެސް ޖަމާއަތަށް ތާއީދު ކުރާ ކަމާއި، ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއް ކަން ދޭހަވާ އިބާރާތްތަކުން ޕޯސްޓް ކޮށްފައިވާ ކަމަށް ވެސް ދައުލަތުން ވިދާޅުވިއެވެ. އަދި މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިނުމުން ހިތްހަމަޖެހުން ލިބުނު ކަމަށް ފުލުހުންގެ ތަހުގީގަށް އޭނާ ބުނި ކަމަށް ދައުލަތުން ވިދާޅުވިއެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ ޓުވިޓާ އެކައުންޓް ޓެގްކޮށް "މި ޔަހޫދީ ޕަޕެޓް، ކަލޭގެ ބޯ ކަލެއާ ވަކިކުރަން ޖެހޭ،" ކަމަށް ޔާފިސް ލިޔުނު ކަމަށް ވެސް ދައުލަތުން ދައުވާ އިއްވަމުން ވަނީ ވިދާޅުވެފައެވެ.

ދައުވާތައް އިއްވައި ނިމުމުން ޔާފިސް ބުނީ، ދައުވާތަކަށް އިންކާރު ކުރާ ކަމަށެވެ. އަދި ދިފާއީ ވަކިލެއްގެ ހައްގު ބޭނުންވާ ކަމަށާއި ދިފާއުގައި ހުށަހަޅާނެ ހެއްކެއް ނެތްކަމަށް ބުނެފައެވެ. އަދި ވަނީ އޭނާއަކީ 2013 ވަނަ އަހަރާ ހަމައަށް ނަފުސާނީ ބައްޔަކަށް ބޭސްކުރި މީހެއްކަމަށް ބުނެފައެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން 2020 ވަނަ އަހަރު ވެސް ނަފުސާނީ މައްސަލަަތަކަށް ފަރުވާ ހޯދިކަމަށް އޭނާ ބުންޏެވެ. ނަމަވެސް ދައުލަތުން ވިދާޅުވީ ޔާފިސްގެ ނަފުސާނީ މައްސަލައެއް ނެތް ކަމަށެވެ.

އެ ވާހަކަތަކާ ގުޅިގެން ގާޒީ ވިދާޅުވީ، މައްސަލައިގެ އަޑުއެހުމެއް ދެން ބާއްވާނީ ޔާފިސްގެ ނަފުސާނީ ހާލަތު ދެނެގަތުމަށްފަހު ކަމަށާއި، އެހެންކަމުން ދައުލަތުން އެކަން ސާފުކުރައްވަން ޖެހޭނެ ކަމަށެވެ. ގާޒީ އެހެން ވިދާޅުވުމުން ޔާފިސު ވަނީ އޭނާ ދޫކޮށްލި ދިފާއީ ވަކީލަކު އައްޔަން ކުރުމުގެ ހައްގު އަލުން ބޭނުންވާ ކަމަށް ބުނެފައެވެ. ގާޒީ ވިދާޅުވީ އެޓާނީ ޖެނެރަލް އޮފީހުން ވަކީލަކު އައްޔަން ކޮށްދެއްވާނެ ކަމަށެވެ.

މި މައްސަލަ ބައްލަވަނީ ގާޒީ ދީބާނާޒް ފަހުމީއެވެ.