ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޖަލުގައި ހައްޔަރުކޮށްފައި ހުއްޓައި ގދ. ގައްދޫ ކައުންސިލުގެ ރައީސަކަށް އިންތިހާބު ވި ގައްދޫ، ވިންސެންޓް/ މުހައްމަދު އަހުމަދު (އެމްޑީ) ގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވާ ކަމަށް ހުކުމް ކުރުމުން އޭނާ މިނިވަން ވެއްޖެއެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށް ހުކުމް ކޮށްފައި ވަނީ، އިއްޔެ ގައްދޫ ކޯޓުންނެވެ.

އޭނާގެ މައްޗަށް ދައުލަތުން އުފުލީ، ސޯޝަލް މީޑިއާގެ އެޕްލިކޭޝަނެއް މެދުވެރިކޮށް ކުޑަކުއްޖަކަށް އޮރިޔާން މަންޒަރު ދެއްކި މައްސަލައިގައެވެ.

އެ މައްސަލައިގެ ހުކުމްގައި ވަނީ، އެ ދައުވާގައި ބުނާ ސޯޝަލް މީޑިއާ އެކައުންޓަކީ ދައުވާ ލިބޭ މީހާ ބޭނުން ކުރާ އެކައުންޓެއް ކަން އެކަށީގެން ވާ ޝައްކެއް ނެތް މިންވަރަށް ދައުލަތަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށެވެ.

މި މައްސަލަ ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައި ވަނީ ހައިކޯޓުންނެވެ. ހައިކޯޓުން އެކަމަށް އަމުރު ކުރީ މި އަހަރުގެ މެއި މަހުގެ 23 ގައެވެ. އެއީ އޭނާ ބަންދުން ދޫކޮށްލުމަށް ގައްދޫ މެޖިސްޓްރޭޓް ކޯޓުން އެ މަހުގެ ތިންވަނަ ދުވަހު ކުރި އަމުރާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ.

މި ދައުވާގެ އިތުރުންވެސް ޖިންދީ މައްސަލަތަކާބެހޭ އިތުރު ދައުވާތަކެއް މުހައްމަދު އަހުމަދުގެ މައްޗަށް ދައުލަތުން ވަނީ ކޮށްފައެވެ.

އޭގެ ތެރޭގައި ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.

ނިމިދިޔަ ލޯކަލް ކައުންސިލު އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކޮށް، ގައްދޫ ކައުންސިލުގެ ރައީސް ކަމަށް އޭނާ އިންތިހާބު ކުރީ ކ. މާފުށީ ޖަލު ބަންދުގައި ހުއްޓައެވެ.