އިންޑިއާ ކަނޑުގައި އުފެދެމުން އަންނަ ވާދަވެރިކަމުގައި ދިވެހިރާއްޖެ އަށް މިވަނީ ހައްސާސް އަދި އެހާމެ ނާޒުކު ހަތަރު އަނގޮޅިއަކަށް ހުއްޓެން ޖެހިފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ ދައުރުން ބޭރުން މިއަދު ބާއްވަމުން ގެންދާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދުގެ ހާއްސަ ޖަލްސާއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް، އަންނަ ބުދަ ދުވަހު ފުރަމާނަ ދަތުރުފުޅެއްގައި ބަންގުލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ރާއްޖެ ވަޑައިގަންނަވާއިރު، ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތް ކުރައްވައި އެ މަޖިލީހުގެ ޖަލްސާގައި ތަގުރީރު ކުރެއްވުމުގެ ދައުވަތު އެރުއްވުމާމެދު ގޮތެއް ނިންމުމަށް ބޭއްވި ޖަލްސާއެކެވެ.
މި ޖަލްސާގައި މަޖިލިސް ރައީސް ވިދާޅުވީ، އިންޑިއާ ކަނޑުގެ ވާދަވެރިކަމުގައި ރާއްޖެ ހަތަރުއަނގޮޅިއަކަށް ހުއްޓިފައިވާއިރު، އިތުރު ރަހުމަތްތެރިންނާ ގުޅުން ބަދަހި ކުރަން، ދިވެހިން ބޭނުންވާ ކަމަށެވެ.
މިހާލަތުގައި އެތެރެވަރީ ގައުމުތަކުގެ ދައުރެއް ރާއްޖޭގައި ނެތް ކަމަށް ބުނުމަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށާއި، އެއީ ދިވެހިންނަށް ނިކަމެތިކަން ލިބި ދެރަ ގޮތްތައް މެދުވެރި ކުރާނެ ވާހަކައެއް ކަމަށްވެސް ވިދާޅުވިއެވެ.
"އެއްވެސް ގައުމެއްގެ ދައުރު އަދި ވަކިން ހާއްސަކޮށް އަވައްޓެރި ގައުމު ތަކުގެ ތެރެއިން އެތެރެވަރީގެ ގައުމުތަކުގެ ދައުރެއް ރާއްޖޭގައި ނެތް ކަމަށް ބުނުމަކީ، ހަމައެކަނި އަޅުގަނޑަށް ފެންނަ ފެނުމުގައި ހަގީގަތާ ހިލާފު ވާހަކައެއް ނޫން، އެހާމެ ދިވެހިންނަށް ނިކަމެތިކަން ލިބޭނެ ދެރަ ގޮތްތައް މެދުވެރިކުރާނެ ބުނުމެއް، ފިކުރެއް، ފަލްސަފާއެއް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ދިވެހިންގެ ދައުރު އިންޑިއާ ކަނޑުގައި ވަރަށް ބޮޑު ކަމަށެވެ. އެގޮތުން ދިހަހާހަށްވުރެން ގިނަ އުޅަނދުގައި ފަންސާސްހާހަށްވުރެން ގިނަ ދިވެހިން އަބަދުވެސް މި އިންޑިއާ ކަނޑުގައި ދަތުރު ކުރާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ދިވެހިންގެ އެންމެ ބޮޑު މަސްލަހަތަކީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަމަށްވެސް މަޖިލިސް ރައީސް ތަކުރާރު ކުރެއްވިއެވެ. ރާއްޖެއަށް ލިބޭ ރިޒުގެއް މި ލިބެނީ އިންޑިއާ ކަނޑުން ކަމަށްވެސް ވިދާޅުވިއެވެ.