ސިވިލް ކޯޓް

ރިސޯޓު ތަރައްގީ ކުރަން އަލިކޮއި ހަވާލު ނުކުރި މައްސަލައިގައި ޓޫރިޒަމްގެ މައްޗަށްކުރި ދައުވާ ބާތިލުކޮށްފި

އިބްރާހިމް ޒަކީ

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އއ. އަލިކޮއި ނުދިން މައްސަލައިގައި ބަދަލު ހޯދުމަށް ޓޫރިޒަމް މިނިސްޓްރީގެ މައްޗަށް އެމްއާރުއާރު ސެމްރޮކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކުރި ދައުވާ ސިވިލްކޯޓުން ބާތިލު ކޮށްފިއެވެ.

މި މައްސަލައަކީ ސެމްރޮކް ކޮމްޕެނީން ސަރުކާރަށް ހުށަހެޅި ހުށަހެޅުމާ ގުޅިގެން ރިސޯޓެއްގެ ގޮތުގައި އެ ރަށް ތަރައްގީ ކުރުމަށް ދައްކަން ޖެހޭ ލީސް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެއްމިލިއަން ޑޮލަރު ދެއްކުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޮމްޕެނީ (އެމްއެމްޕީއާރުސީ) އިން އަންގާފައިވާ ގޮތަށް އެ ފައިސާ ދައްކާފައިވާ އިރުވެސް އެފަރާތަށް ރަށް ހަވާލު ކޮށްފައި ނުވާ ކަމަށް ބުނެ އެކަމުގެ ސަބަބުން ލިބެމުންދާ ގެއްލުމުގެ ބަދަލު ހޯދުމަށް ޓޫރިޒަމް މިނިސްޓްރީއަށް ރައްދުވާ ގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ސެމްރޮކް ކޮމްޕެނީން ކޮށްފައިވާ ދައުވާއެކެވެ.

މި ދައުވާގައި ބުނެފައި ވަނީ، އެ ކަމަށް ޓަކައި އެމްއެމްޕީއާރުސީ އަށް ދައްކަން ޖެހޭ އެންމެހާ ފައިސާ ދައްކާފައި ވަނީ ސެމްރޮކް ކޮމްޕެނީގެ އިންވެސްޓަރު އަދި ވިޔަފާރި ޕާޓުނަރު ކަމަށްވާ މަނަސް އެސޮސިއޭޓް ލިމިޓެޑް މެދުވެރިކޮށް ކަމަށެވެ.

ނަމަވެސް އެފަރާތާ ރަށް ހަވާލު ކޮށްފައި ނުވާ މައްސަލަ އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީ އަށް ހުށަހެޅުމުން، އެކަމާބެހޭ އެއްވެސް ފައިސާއެއް ލިބިފައި ނުވާ ކަމަށާއި، އެ ކަމުގެ ސަބަބުން އޮފާލެޓާ ބާތިލު ވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން އަންގާފައިވާ ކަމަށްވެސް ދައުވާގައި ބުނެފައިވެއެވެ.

އެހެންކަމުން ދައުވާގައި ވާ ގޮތުން، މި މައްސަލަ ހުށަހަޅާފައި ވަނީ އެކަމުގެ ސަބަބުން ސެމްރޮކް ކޮމްޕެނީ އަށް ލިބެމުންދާ ގެއްލުމުގެ ބަދަލު ހޯދުމަށެވެ.

މި މައްސަލަ ބައްލަވައި ގާޒީ ފައްޔާޒު ޝާތިރު އއިްޔެ ކުރެއްވި ހުކުމްގައި ވަނީ، 17 ނޮވެމްބަރު 2021 ގެ 10:00 އަށް ދައުވާއާ ގުޅޭ ހެކި ލިސްޓު ހުށަހެޅުމަށް ސެމްރޮކް ކޮމްޕެނީއަށް ސިވިލްކޯޓުން އަންގާފައިވާ ކަމަށެވެ. އަދި އޮކްޓޫބަރު 31 އަށް އެ މައްސަލައިގައި ކޯޓަށް ޖަވާބު، ނުވަތަ ބަޔާން ފޮނުވުމަށް، ދައުވާ ކުރާ ސެމްރޮކް ކޮމްޕެނީގެ ބަދަލުގައި ކޯޓަށް ހާޒިރު ވާން އައްޔަން ކޮށްފައިވާ އަބުދުﷲ ހުސެއިނަށް އަމުރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އަމުރާ އެއްގޮތަށް އަމަލު ކޮށްފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އެ މައްސަލައިގައި ހެކި ލިސްޓް މެއިލް ކުރުމަށް އެންގި އެންގުމަށް އަމަލު ކޮށްފައި ނުވާތީ އާއި، ސެމްރޮކް ކޮމްޕެނީގެ ބަދަލުގައި ކޯޓަށް ހާޒިރު ވުމަށް އަބުދުﷲ ހުސެއިން އަށް ކޮށްފައިވާ އަމުރާ އެއްގޮތަށް އަމަލު ކޮށްފައި ނުވާތީ މި މައްސަލައިގެ ދައުވާ ފޯމު ބާތިލުކޮށް ގާޒީ ފައްޔާޒު ޝާތިރު އިއްޔެ ވަނީ ހުކުމް ކުރައްވައިފައެވެ.