ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައްޔިތުންގެ ހިތްތަކުން އެމްޓީސީސީ ޖާގަހޯދައިފި، ފެންވަރުގައި މަސައްކަތް ނިންމާނެކަމުގެ ޔަގީންކަން ހޯދައިފި: ރައީސް

ރައްޔިތުންގެ ހިތްތަކުން އެމްޓީސީސީ މިއަދު ޖާގަ ހޯދައިފި ކަމަށާއި ރަނގަޅު ފެންވަރުގައި ވަގުތަށް މަސައްކަތްތައް ނިންމާނެކަމުގެ ފުރިހަމަ ޔަގީންކަން އެ ކުންފުނީން ހޯދައިފި ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، އެމްޓީސީސީއަށް 41 އަހަރޔު ފުރުން ފާހަގަކުރުމަށް ހެންވޭރު ދަނޑުގައި ރޭ ބޭއްވި ހާއްސަ ހަފުލާ ޝަރަފުވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. ރޭގެ ހަފުލާގައި ރައީސް ވަނީ އެމްޓީސީސީގެ ހިންގުމަށް މިދިޔަ ދެތިން އަހަރު ތެރޭ އައި ހެޔޮ ބަދަލު ފާހަގަ ކުރައްވައި ވަރަށް ބޮޑަށް އެކަމަށް ތައުރީފު ކުރައްވައިފަ އެވެ. އެ ކަމަށް ޓަކައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމަށާއި ބޯޑު މެންބަރުން އަފދި ކުންފުނީގެ އެންމެހައި މުވައްޒަފުންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

"އެމްޓީސީސީ އޭ ބުނުމުން މިއަދު އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް އެބަ އޮތް. އެއީ، މިކުންފުންޏާ ހަވާލުކުރާ ކޮންމެ މަޝްރޫއެއްވެސް އޭގެ އެންމެ ރަނގަޅު ފެންވަރުގައި، ވަގުތަށް ނިންމައިދޭނެ ކަމުގެ ޔަގީންކަން. މިއީ މިއަދު އެމްޓީސީސީއާ މެދު އަޅުގަނޑުމެންގެ ހިތްތަކުގައި އޮތް ޔަގީންކަން. ރައްޔިތުންގެ ހިތްތަކުން އެމްޓީސީސީ ވަނީ އިތުބާރާއެކު ޖާގައެއް ހޯދާފައި." ރައީސް ސޯލިހު ވިދާޅުވި އެވެ.

ރޭގެ ހަފުލާގައި ރައީސް ސޯލިހު ފާހަގަކުރެއްވި ގޮތުގައި، އެމްޓީސީސީގެ މިސްރާބު މުޅިން އެހެން އަމާޒަކަށް ސީދާކުރަންވީ ވަގުތު ޖެހިއްޖެ އެވެ. އެގޮތުން ކައިރީގައި ހުރި ރަށްރަށް ބުރިޖުތަކުން ނުވަތަ ކޯޒްވޭއަކުން ވިޔަސް ގުޅުވައިލުމަށް އެމްޓީސީސީ ތައްޔާރުވާން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ނަޒަރުގައި މިހާރު މިއޮތީ މި ކުންފުނީގެ މިސްރާބު މުޅިން އެހެން އަމާޒަކަށް ސީދާކުރަންވީ ވަގުތު ޖެހިފައި. ދެން ރާއްޖޭގެ އަތޮޅުތަކުގެ އުމްރާނީ ތަރައްގީއަށް ޓަކައި ކުރަން ޖެހޭނެ ކަންތައްތަކުގެ ގޮތުގައި އަޅުގަނޑަށް ގަބޫލު ކުރެވެނީ މަގުތައް ހެދުމާއި އެއްރަށް އަނެއްރަށް ކަނޑުމަގުން ގުޅުމާއި ބްރިޖާއި ކޯސްވޭތަކުން ގުޅައިލުން. މިކަމަށް އެމްޓީސީސީން ތައްޔާރުވާން ޖެހޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ އެދިވަޑައިގަތުމަކީ ޒަމާނީ ޓެކްނޮލޮޖީ އާއި ތަމްރީނު ހޯދައިގެން އެމްޓީސީސީން މި ކަންކަމަށް ތައްޔާރުވުން ކަމަށެވެ. އެމަނިކުފާނުގެ ފުރިހަމަ އިތުބާރު އެމްޓީސީސީއަށް އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ އަސާސީ ހިދުމަތްތައް މިހާރު އެ އަންނަނީ ރަށްރަށުގައި ފުރިހަމަވަމުން ކަމަށާއި ބޯފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމާއި ބަނދަރު ހެދުމުގެ މަޝްރޫއުތަކާއި ރަށްރަށުގެ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ދިނުމުގެ މަޝްރޫއުތައް ވެސް ނިމުމުން އަންނަ ކަމަށެވެ. އަދި ކޮވިޑުގެ ފުރަތަމަ އަހަރުގެ ތެރޭގައި ވެސް އެމްޓީސީސީގެ ހަރަކާތްތައް ހުއްޓުމެއް ނެތި ކުރިއަށްދިޔަ ކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.