ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރަށްރަށުގެ އުމްރާނީ ތަރައްގީގެ އެންމެ މުހިންމު ބައިވެރިޔަކީ އެމްޓީސީސީ: ރައީސް ސޯލިހު

އެމްޓީސީސީ އަކީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ ވަރަށް މުހިންމު ބައިވެރިއެއް ކަމަށާއި ހާއްސަކޮށް ރަށްރަށުގެ އުމްރާނީ ތަރައްގީގެ އެންމެ މުހިންމު ބައިވެރިޔަކީ މި ކުންފުނި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، އެމްޓީސީސީއަށް 41 އަހަރޔު ފުރުން ފާހަގަކުރުމަށް ހެންވޭރު ދަނޑުގައި ރޭ ބޭއްވި ހާއްސަ ހަފުލާ ޝަރަފުވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީ ސޯލިހުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި ގޮތުގައި އެމްޓީސީސީއޭ ބުނުމުން މިއަދު އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް އެބަ އޮތެވެ. އެއީ، މިކުންފުންޏާ ހަވާލުކުރާ ކޮންމެ މަޝްރޫއެއްވެސް އޭގެ އެންމެ ރަނގަޅު ފެންވަރުގައި ވަގުތަށް ނިންމައިދޭނެ ކަމުގެ ޔަގީންކަން ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއީ މިއަދު އެމްޓީ.ސީސީއާ މެދު އަޅުގަނޑުމެންގެ ހިތްތަކުގައި އޮތް ޔަގީންކަން. ރައްޔިތުންގެ ހިތްތަކުން އެމްޓީސީސީ ވަނީ އިތުބާރާއެކު ޖާގައެއް ހޯދާފައި." ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމްޓީ.ސީސީއޭ ބުނުމުން، އެއީ ހަމައެކަނި އިމާރާތްކުރުމާއި ދަތުރުފަތުރާއި ކަނޑު އުޅަނދުފަހަރުގެ އިންޖީނު ވިއްކާ ކުންފުންޏެއް ކަމަށް ބައެއް ބޭފުޅުންނަށް ހީފުޅުކުރެއްވިދާނެ ކަމަށާއި އެހެން ނަމަވެސް ކަން އޮތީ އެހެން ނޫން ކަން ރައީސް ފާހަގަކުރެއްވެވި އެވެ. އެ ގޮތުން ބަނދަރު ހެދުން، ބިން ހިއްކުން، ގޮނޑުދޮށް ހިމާޔަތްކުރުން، ޝީޓް ޕައިލްކުރުން، މިއީ މި ކުންފުނީގެ އެންމެ ޒަމާންވީ މަސައްކަތްތައް ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއީ ރަށްރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ލަފާފުރުމުގެ ހިދުމަތާ ގުޅިފައި ހުރި މަޝްރޫއުތައް. އެއާޕޯޓް ހެދުމާއި، މަގު ހެދުމާއި، ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަކީ ވެސް، ރަށްރަށާއި މާލެއާ ދެމެދު ހުރި އަސާސީ ހިދުމަތުގެ ތަރައްގީގެ ފަރަގު ނައްތައިލުމަށް ޓަކައި ހިންގާ ވަރަށް މުހިންމު މަޝްރޫއުތަކެއް." ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ މި ސަރުކާރުން އެންމެ ބޮޑަށް އިސްކަންދޭ ސިޔާސަތަކީ ތަރައްގީވެސް ލާމަރުކަޒު ކުރުން ކަމަށާއި ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އަސާސީ ހިދުމަތްތައް ގާއިމުކުރުން ކަމަށެވެ. ކޮންމެ ކަމެއްގައި މާލެ އަންނަން ނުޖެހި އެމީހަކު ދިރިއުޅޭ ރަށަކުން ނުވަތަ އެ ސަރަހައްދަކުން، އަސާސީ ހިދުމަތްތައް ލިބޭނެ ގޮތް ހެދުން އެއީ ހާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވެވި އެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި ވަނީ އެމްޓީސީސީއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފަ އެވެ. އަދި މިހާރު އެމްޓީސީސީގެ މިސްރާބު މާ ބޮޑެތި މަޝްރޫއުތަކަށް ގެންދިއުމުގެ ވަގުތު ޖެހިއްޖެކަން ފާހަގަކުރައްވައި ރައީސް ވަނީ ބުރިޖު އެޅުމާއި މަގުތައް ހެދުމުގެ އިތުރުން ރާއްޖެއިން ބޭރުގެ މަޝްރޫއުތަކަށް ވެސް އެމްޓީސީސީ އެނބުރުމަށް އެދިވަޑައިގެންފަ އެވެ.