ދިވެހިރާއްޖޭގެ ތާރީޚު

ފުވައްމުލަކުގެ ދަރީންނޭވެ! ފުވައްމުލައް ދަސްކުރާށެވެ! ބިއްސާވެލީގެ ވައްތަރުތަކާއި އުފެދޭ ގޮތް

މުނީރު ހަސަން، ޏ. ފުވައްމުލައް

ފުވައްމުލަކުގެ ޚާއްސަ ސިފަތަކުގެ ތެރޭގައި ހިމެނޭ 'ބިއްސާވެލި' އަކީ ރަށުގެ އުތުރު ކޮޅުގައި އޮންނަ މަޝްހޫރު ތުނޑީގެ ވެލިގަނޑު އާންމުކޮށް ދައުރުވާ ހިސާބުގައި އުފެދޭ އެއްޗެކެވެ. މި ލިޔުމުގައި އަޅުގަނޑު މީގެ ފަހުން ބިއްސާވެލި މި ނަން ބޭނުން ކުރަމުން ދާނީ ރަށުގައި އެ ބަސް ބޭނުން ކުރާ ގޮތަށެވެ.

އާންމު ގޮތެއްގައި 'ބިއްސާވެލި ލަނީ' ރަށުގެ އުތުރު ބިތުގައި އޮތް ބަޑިޔައިބެއަ ރުއްގަނޑާއި ރަށުގެ ހުޅަނގު ބިތުގައި އޮންނަ ހުރަސް ފަރުގަނޑާ ދެމެދުގައެވެ. އަޅުގަނޑު ހަނދާން ހުންނަން ފެށި އުމުރުގައި ބިއްސާވެލި ލަމުން އައި ގޮތަށް ބިއްސާވެލި މިހާރު ލާ ތަނެއް ނުފެނެއެވެ. ސަބަބެއް ކަމަށް އަޅުގަނޑަށް ވިސްނެނީ ރަށުގެ އުމްރާނީ ތަރައްގީގެ މަސައްކަތުގައި ތުނޑީން ގިނަ އަދަދަކަށް ވެލި ނެގުމާއި ނެރުތަކާއި ބަނދަރު ހެދުމުގެ ސަބަބުން ރަށުގެ ކައިރިން ފަރުމަތީގެ އޮއިވަރަށް ބަދަލު އައުމެވެ. އަދި ގުދުރަތީ ނިޒާމުގެ ތެރެއިން ބިއްސާވެލި ލުމަށް އޮޔާ ވަޔާއެކު އެކަށީގެންވާ އަދަދަކަށް ހިމުންވެލި ހުންނަން ޖެހެއެވެ. 2001 ވަނަ އަހަރު ރަށުގައި ބަނދަރު ހެދުމަށްޓަކައި ރަށަށް ވެހިކަލްތައް ގެނައިއިރު ގެންމިސްކިތް މަގާއި ދިމާލުން ތުނޑީގެ ވެލިގަނޑުގައި ހޭޅިން ފެށިގެން ރާޅުގެ ކޮޅު ފޯރާ ހިސާބާ ދެމެދު 450 ފޫޓު ހުއްޓެވެ. ނަމަވެސް މިހާރު އެ ވެލިގަނޑު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

ބިއްސާވެލީގެ ވައްތަރުގެ ތެރެއިން އެންމެ މަދުން ފެންނަނީ ރަށު މީހުން ކަނޑު ބިއްސާވެލި ކިޔާ ވައްތަރުގެ ބިއްސާވެއްޔެވެ. ކަނޑު ބިއްސާވެލީގެ ބޭރު ވެލިގަނޑު މައްޗަށް ނުދާށޭ ރަށުގެ މުސްކުޅިން ބުނެ އުޅެއެވެ. ސަބަބަކީ ބިއްސާވެލި ލާފައި އޮންނަ ގޮތުން ބިއްސާވެލީގެ ބޭރު ވެލިގަނޑު ކޮންމެ ވަގުތެއްގައި ވެސް ގިރާލާފާނެތީއެވެ. އާންމު ގޮތެއްގައި ބިއްސާވެލި ލަނީ ހުޅަނގު މޫސުމުގެ ފަހުކޮޅު އިރުވައި މޫސުމުގެ ކުރީކޮޅާއި އައްޔޫގު އީރާނާއި ދެމެދުން ބާރަށް ވައިޖެހި ވަޔާއި އެއްކޮށް އުތުރު އޮއި އައިސްގެންނެވެ. އެގޮތަށް ދިމާވުމުން ތުނޑީގައި އޮންނަ ވެލިގަނޑު އުތުރު ފަރާތުން ދަމައިގެން އައިސް ހުދު ފަސްދީ ކުރިޔަށް ގޮސް ރަށުގެ ހުރަސް ނިމި 'ބިއްތަރު' ރަށުގެ ދިގަށް އެނބުރިގަންނައިރު ބޭރުގައި އޮންނަ ވެލިގަނޑު ރަށު ހޭޅި ފެންނަ ހިސާބުން ދާ ދިއުމުގެ ސަބަބުންނެވެ. ބޭރު ވެލިގަނޑު ބަދަލުވާ ގޮތެއްގެ މައްޗަށް ބިނާކޮށް ބިއްސާވެއްޔަށް ނަން ކިޔަތެވެ.

ބޭރު ވެލިގަނޑު ކުރިން ދެންނެވި ގޮތަށް ހޭޅި ފަށުން ދާއިރު އެއްގަމުގައި ރަށުގެ ފަސްގަނޑާ ގުޅިގެން އޮންނަ ވެލިގަޑު އޮންނާނީ ގޮނޑުދޮށުގައެވެ. ބޭރު ވެލިގަނޑު ގޮސް ރަށުގެ ހުރަހަށް ވެ ރަށާ ގުޅުމުން އެތެރެ އޮންނާނީ ވެވެއްގެ ސިފައިގައެވެ. މި ބިއްސާވެލީގައި ތަފާތު ވައްތަރުގެ ފަރުމަސް ވެސް ހުރެއެވެ. ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވަނީ ބިއްސާވެލި ލުމަށްޓަކައި ވެލިގަނޑު ބަދަލުވަމުންދާ ގޮތެވެ. މި ވެލިގަނޑު މިގޮތަށް ބަދަލުވެފައި މިވަނީ 2019 އޮކްޓޫބަރު މަސް ތެރޭގައެވެ. އޭރު ވެލިގަނޑަށް ބަދަލު އައި އިރު ބޮޑަށް ވައްތަރީ ކަނޑު ބިއްސާވެއްޔަކާއެވެ. ސަބަބަކީ އެ ފަހަރު ވެލިގަނޑު ދަމައިގެން އައިސް ރަށުގެ މަޝްހޫރު 'އައްޔަނި ގަލް' އޮންނަ ހިސާބުގައި ވެސް ވެލިގަނޑު އޮތުމެވެ. 'އައްޔަނި' ގަލާއި ރަށުގެ ގޮޑުދޮށާ ދޭތެރެއިން ދޯނިފަހަރު ފަލިޖަހާފައި ވެސް އަދި ރިޔަލުގައި ވެސް ދަތުރު ކުރިއެވެ. އަޅުގަނޑު ވެސް ޒުވާން ދުވަސްވަރު މި ދެގޮތަށް ވެސް ވަދު ދޯނިފަހަރުގައި ދަތުރު ކުރީމެވެ.

ކަނޑު ބިއްސާވެއްޔެއް އެންމެ ފަހުން ލާފައި ވަނީ މީގެ 76 (ހަތްދިހަ ހަ އަހަރު ކުރިން 1945މ) ގައެވެ. މި ދެންނެވި ބިއްސާވެލީގެ ބޭރު ވެލިގަނޑަށް ދަޑިމަގު ވަށަނިއެގޭ އަލްމަރުޙޫމާ އާމިނާ މަނިކެ އާއި ދަޑިމަގު ބަތަގެދަރު އަލްމަރުޙޫމާ އެޅަދައިތަ (ފުރިހަމަނަންނޭނގޭ) އާއި އެޅަދައިތަގެ އަންހެންދަރި ދޮންއައިސަ ދިޔައެވެ. އެމީހުން އެތަނަށް ދިޔައީ އެތަނުގެ ނުރައްކާ އިހުސާސް ނުކުރެވޭތީ އާއި އޭރު އެ ސަރަހައްދުގައި އެކަން އެނގޭ މީހަކު ވެސް ނެތުމުންނެވެ.

އޭރު ބިއްސާވެލީގެ އެތެރޭގައި ކުޑަ ކުދިންގެ އާދައިގެ މަތިން އުމުރުން ނުވަ އަހަރުގެ ހަސަން އަހުމަދު، ރަންބުސްތާނުގެ، އެ ފުރާވަރުގެ ކުދީން މަޖާ ކުރަން ތިއްބެވެ. ޙަސަން އަޙުމަދަށް ކުއްލިކަށް ހައިރާންކަން ލިބުނީ ބަޔަކު މީހުން މާ ބާރަކަށް ހަޅޭއްލަވާ އަޑުގަދަކުރާ އަޑު އިވުމުންނެވެ. ބަލައިލިއިރު ބިއްސާވެލީގެ ބޭރު ދޮންވެލިގަނޑު މަތީގައި ތިބި ތިން މީހުންގެ ތެރެއިން ފެންނަން ތިބީ ދެ މީހުންނެވެ. އަނެއް މީހާ އޮތީ ބިއްސާވެލީގެ ތެރޭގައެެވެ. ހަޅޭއްލަވަމުން އައި މީހުން އަވަހަށް އެއްގަމަށް އަންނާށޭ ތީ ނުރައްކާތަނެކޭ ބުނެ ހުރަސް ވެލިގަނޑުން އެޅަދައިތަމެނާ ދިމާލަށް ދުވެފައި ވެސް ދެއެވެ. އަނެއް ބަޔަކު ފަތާފައި ވެސް އެދިމާލަށް ދާން މަސައްކަތް ކުރެއެވެ.

ފަހުން އެނގުނު ގޮތުގައި ބިއްސާވެލީގެ ބޭރު ވެލިގަނޑުގައި ތިބި ތިން މީހުންގެ ތެރެއިން ބިއްސާވެލީގެ ތެރޭގައި އޮތީ އެޅަދައިތައެވެ. މީހުނަށް އެހިސާބަށް ދެވުނުއިރުއިރު އެޅަދައިތަ ވަނީ ނިޔާވެފައެވެ. ބިއްސާވެލީގެ ވެލިގަނޑު މަތީގައި ތިބި އަލްމަރުޙޫމާ ދޮން އައިސަ އާއި އަލްމަރުހޫމާ އާމިނާ މަނިކެ ބިއްސާވެލީގެ އެތެރެ ފަރާތުން ބިއްސާވެލީގެ އެތެރެއަށް ގަނބައިގަތުމުން އެ ދެ މީހުން ސަލާމަތް ކުރުމަށް އެޅަދައިތަ ވެސް އެމިހުން ކައިރިއަށް ގޮސް ކުރި މަސައްކަތުން އެ ދެމީހުން މައްޗަށް އެރުވުނު ނަމަވެސް އަމިއްލަ ފުރާނަ ސަލާމަތް ކުރުމަށް ކުރި މަސައްކަތް ކާމިޔާބު ނުވީއެވެ. މި ބިއްސާވެއްޔަކީ އައްޔަނި ގަލުން ފެށިގެން ގެންމިސްކިތް ފަންނާ ދެމެދު އޮތް ބޮޑު ބިއްސާވެއްޔެކެވެ. ކުރިން ދެންނެވި ދޮން އައިސަގެ އާއިލާއެއް ނެތެވެ. ނަމަވެސް އާމިނާމަނިކެގެ އާއިލާ އެބައޮތެވެ.

އެއިގެ ފަހުން އަދި ކަނޑުބިއްސާވެއްޔެއް ނުލައެވެ. ނަމަވެސް ފަރު ބިއްސާވެއްޔާއި ވެލި ބިއްސާވެލި ލައެވެ. އެންމެ ބޮޑު ފަރު ބިއްސާވެއްޔެއް އެންމެ ފަހުން ލާފައިވަނީ 1982 ވަނައަހަރުގައެވެ. ބިއްސާވެލި އޮތީ މެދު ފަންނުން ފެށިގެން އުތުރަށް ގޮސް ކޮށީމަގު ޒިޔާރަތާ ދެމެދުގައެވެ. ފަރު ބިއްސާވެލި ލާފައި އޮންނައިރު ބިއްސާވެލީގެ ބޭރުވެލިގަޑު އޮންނާނީ ރާޅު ބިންދާލާ ހިސާބުގައެވެ. އެއްގަމު ވެލިގަޑު އޮންނަނީ ރަށުގެ ގޮނޑުދޮށުގައެވެ. ވެލި ބިއްސާވެލި މަދުމަދުން މިހާރުވެސް ލައެވެ ނަމަވެސް ލަނީ ވަރަށް ކުޑަކުޑަ ބިއްސާވެއްޔެވެ. ވެލި ބިއްސާވެލި ލަނީ ރަށުގެ ގޮނޑުދޮށާއި ހޭޅިފަށާއި ދެމެދުގައެވެ. މިގޮތުން 2015 ގައިވެސް ކުޑަ ބިއްސާވެއްޔެއް ވަނީ ލައިފައެވެ. އަދި 2008 ގައި އެއަށްވުރެ ތަންކޮޅެއް ބޮޑު ބިއްސާވެއްޔެއް ވަނީ ލައިފައެވެ. މި ދެ ބިއްސާވެލި ވެސް ލާފައިވަނީ އައްޔަނިގަލާއި ގެން މިސްކިތް ފަންނާ ދެމެދުގައެވެ.

އެޑިޓަރުގެ ނޯޓު: މުނީރު ހަސަން އަކީ ފުވައްމުލަކު ކަތީބު ކަމާއި ބޮޑުކަތީބުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ފުވައްމުލަކު ދަޑިމަގު އަވަށު ކައުންސިލުގެ ޒިންމާދާރުވެރިޔާކަމުގެ މަގާމުވެސް ފުރުއްވި އެވެ. އޭގެ ކުރީން ރަށުކައުންސިލްތަކުގެ ޒިންމާދާރުވެރިޔާގެ މަގާމުވެސް އަދާކުރެއްވި އެވެ. އޭނާއަކީ ފުވައްމުލަކުގެ ތާރީހު ދިރާސާ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި މި ވަގުތު ފުވައްމުލަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ރަށުގެ ތާރީހީ މައުލޫމާތު އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާ މަދު ބޭފުޅުންގެ ތެރޭގައި މުނީރު ހިމެނިވަޑައިގަންނަވައެވެ.