މި އަހަރުގެ މިހާތަނަށް ވައްކަމާއި ފޭރުމުގެ 4،930 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ މިއަހަރުގެ މިހާތަނަށް ވައްކަމުގެ 4562 މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި ފޭރުމުގެ 368 މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެފަދަ ކުށްތައް ތަކުރާރުކޮށް ކުށްކުރާ ފަރާތްތައް އެބަތިބި ކަމަށެވެ. އަދި ވައްކަމާއި ފޭރުން އިތުރުވެފައިވަނީ ދޭން ޖެހޭ ވަރަށް ސަމާލުކަން ނުދިނުމުގެ ސަބަބުންނާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅިފައި ނެތުމުގެ ސަބަބުން ކަމަށެވެ.
އެންމެ ގިނައިން ފުލުހަށް ރިޕޯޓު ކޮށްފައިވަނީ ސައިކަލު ވަގަށްނެގުމާއި ސައިކަލުން ވައްކަންކުރުމުގެ މައްސަލަތަކެވެ. ފުލުހުން ބުނީ ސައިކަލު ވަގަށް ނަގާ މީހުން ގިނަ ފަހަރަށް އެކަން ކޮށްފައި ހުރީ ކޮންމެވެސް ދިމާއަކަށް ދަތުރުކޮށްލުމުގެ ބޭނުމުގައި ކަމަށެވެ. ނުވަތަ ސައިކަލުގެ ސްޕެއާއެއް ބޭނުންވެގެންނެވެ.
ވަގަށް ނަގާފައިވާ ސައިކަލުތަކުގެ ތެރޭގައި ގިނައީ ހޮންޑާ 125 ބްރޭންޑުގެ ސައިކަލެވެ. ގިނަ ސައިކަލަކީ ޕާކުކުރުމަށްފަހު ހުންގާނު ތަޅު ނުލައި ހުންނަ ސައިކަލެވެ. އަދި ޝަޓާ ލޮކް ނުކުރާ ސައިކަލުތައް ކަމަށްވެސް ފުލުހުން ބުންޏެވެ.
ގެދޮރާއި އޮފީހާއި ފިހާރަތަކުން ވައްކަން ކޮށްގެން ހުށަހެޅޭ މައްސަލަތައްވެސް ގިނަ ކަމަށް ފުލުހުން ބުންޏެވެ. އެހެންކަމުން ގެއަށް ވަންނަ މީހުންނަށް ފެންނަ ގޮތަށް ހާމައަށް އަގުހުރި މުދާ ނުބެއްޓުމަށާއި ސީސީޓީވީ ހަރުކުރުމަށް ފުލުހުން ވަނީ އިރުޝާދުދީފައެވެ.
މަގުފޭރުމުގެ މައްސަލަތައްވެސް އިތުރުވެފައިވާކަން ފާހަގަކޮށް ފުލުހުން ބުނީ އެފަދަ މައްސަލަތައް އިތުރުވެފައިވަނީ މަގުމައްޗަށް ސަމާލުކަން ނުދީ ފޯނަށް ދެވޭ ސަމާލުކަން އިތުރުވުމުން ކަމަށެވެ. އަދި މަގުން ހިނގާއިރު މަގަށް ސަމާލުކަން ދޭން ޖެހޭ ކަމަށާއި އަނދިރި ތަންތަނުގައި މަޑުކޮށްގެން އެކަނި ނުހުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.
މީގެ އިތުރުން މަގުމަތީގައި ހިނގާފައި ދާއިރު ނުވަތަ ދުއްވާފައި ދާއިރު، ފަހަތު ޖީބަށް ފޯނާއި ވޮލެޓު ނުލުމަށާއި ދަބަސް އެލުވާލައިގެން ނުވަތަ މަގާވީ ފަރާތަށް ދަބަސް ހިފައިގެން ނުދިއުމަށްވެސް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު