ބަންގުލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި، މިމަހުގެ 22 އިން 23 އަށް ރާއްޖެ ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ބަންގުލަދޭޝް ބޮޑުވަޒީރުގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަހަރުގެ މާޗް މަހު ބަންގުލަދޭޝަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެރުވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

‎އެކަމަނާގެ މި ދަތުރުފުޅުގައި ރައީސްއާ ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި މި ވާހަކަފުޅުތަކުގައި، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރައްވާނެއެވެ. އަދި ދެ ގައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ފަހުމުނާމާތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މަސްވެރިކަމާއި މީހުން ބިނާކުރުމާއި ތައުލީމަކީ މިހާރުވެސް ދެ ގައުމުގެ ދެމެދު ގާތް ގުޅުމެއް އޮންނަ ބައެއް ދާއިރާތަކެވެ. ދެ ގައުމު ދެމެދު ސޮއިކުރެވޭ މި އެއްބަސްވުންތަކާއެކު ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެ ހަރަދަނާވެގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

‎ރާއްޖެއާއި ބަންގުލަދޭޝްއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރީ 22 ސެޕްޓެމްބަރު 1978 ގައެވެ.