އަރަބިއްޔާ ސްކޫލުގެ ދަރިވަރުން އެހެން ސްކޫލަކަށް ބަދަލު ކުރަން ނިންމުމުން، އެ ސްކޫލްގެ ދަރިވަރުންގެ ބެލެނިވެރިން އިހުތިޖާޖު ކޮށްފިއެވެ.
އަރަބިއްޔާ ސްކޫލުގެ އިމާރާތުގައި ރެނދުލާފައިވާ މައްސަލައިގައި އެ ސްކޫލުގެ ބެލެނިވެރިން ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައެވެ. އެޑިއުކޭޝަނުން އެ މައްސަލަ ބެލުމަށްފަހު ނިންމީ، އެސްކޫލުގެ ދަރިވަރުން ވަގުތީ ގޮތުން އިޒުއްދީން ސްކޫލަށް ބަދަލު ކުރުމަށެވެ. އަދި ހުޅުމާލޭގައި އިމާރާތް ކުރަމަށް ނިންމާފައިވާ ސްކޫލުތަކުގެ ތެރެއިން އެއް ސްކޫލު އަރަބިއްޔާއަށް ހާއްސަ ކުރުމަށެވެ.
ނަމަވެސް އެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން ބެލެނިވެރިން ވަނީ މިއަދު ހަވީރު އެ ސްކޫލް ދޮށުގައި އިހުތިޖާޖުކޮށްފައެވެ. ބެލެނިވެރިން އިހުތިޖާޖުކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިންނާއެކު އަރަބިއްޔާ ސްކޫލުގެ އިސްވެރިން އެ ސްކޫލުގައި ބައްދަލުވުމެއް ބާއްވަމުންދިޔަ ވަގުތުގައެވެ.
ބެލެނިވެރިން މުޒާހަރާކުރަމުން ދިޔައީ އެކިއެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ވެސް ހިފައިގެންނެވެ. އެގޮތުން "ބޭނުންވަނީ ނުވެއްޓޭ ކަލަ އިމާރާތެއް" ކަމަށާއި "އަރަބިއްޔާ ސްކޫލުގެ ހައިބަތާއި ހައިސިއްޔަތު ގެއްލުނަ ނުދީ" އަދި "މުސްތަގިއްލު އިމާރާތެއް" ފަދަ ޝިއާރުތައް ބޯޑުތަކާއި ކަރުދާހުގައި ލިޔެފައިވެއެވެ.
ސްކޫލުގެ އިސްވެރިންނާއެކު މއިަދު ހަވީރު ބޭއްވި ބައްދަލުވުން ނިންމާލުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މިއަދުގެ ބައްދަލުވުމަކީ ބެލެނިވެރިންގެ ކަންބޮޑުވުންތައް ގާތުން އަޑުއަހާލުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއް ކަމަށެވެ. އަދި ވިދާޅުވީ ބެލެނިވެރިންގެ ޝަކުވާތަކަށް ހައްލު ހޯދައިދޭނެ ކަމަށެވެ.
ބެލެނިވެރިން ބޭނުންވާ ގޮތަށް މާލެއިން އަރަބިއްޔާ ސްކޫލަށް ބިމެއް ހޯދަން ދަތިވާނެކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ހުޅުމާލެއިން އަރަބިއްޔާ ސްކޫލަށް ހާއްސަ ކޮށްފައިވަނީ 60،000 ހެކްޓަރުގެ ބިމެއް ކަމަށެވެ. އަދި އަރަބިއްޔާގެ ސްކޫލުގެ މަރާމާތަށް ކޮންމެ އަހަރުކުވެސް ފައިސާ ދެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އަރަބިއްޔާ ސްކޫލުގެ ކިޔެވުން އިއްޒުންދީން ސްކޫލަށް ބަދަލުކުރިޔަސް ކިޔެވުމަށް ބުރޫ ނާރާނެ ކަމަށާއި ދަރިވަރުން ސްކޫލަށް ނުފޮނުވާނެ ކަމަށް ބެލިނިވެރިން ބުންޏަސް، އެއީ ބެލެނިވެރިންނަށް އޮތް "ޗޮއިސް" އެއް ނޫން ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ އަރަބި އަދި އިސްލާމް ކުރިއަރުވަން ކަމަށާއި ހަފުތާއެއްގެ ތެރޭގައި އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް އިއްޒުންދީނުގައި ކިޔަވައިދޭން ފަށާނެ ކަމަށެވެ.
އަރަބިއްޔާގެ ސްކޫލުގެ ބެލެނިވެރިންގެ ޔޫނިއަނުން މީގެ ކުރިން ބުނެފައިވަނީ ހުޅުމާލޭގައި އިމާރާތް ކުރުމަށް ނިންމާފައިވާ ސްކޫލުތަކުގެ ތެރެއިން އެއް ސްކޫލު އަރަބިއްޔާއަށް ހާއްސަ ކުރުމުގެ ބަދަލުގައި އަރަބިއްޔާ ހާއްސަ ކުރަން އެންމެ ރަނގަޅީ ރާ ވަމުންދާ އިމާރާތެއް ކަމަށެވެ.
އަރަބިއްޔާ ސްކޫލަކީ ސަރުކާރުން ހިންގާ 213 ސުކޫލުގެ ތެރޭގައި ހިމެނޭ ހާއްސަ ސިފަތަކެއް އެކުލެވިގެންވާ އަދި އެ ސުކޫލަކަށް ހާއްސަ ސަމާލުކަމެއް ދެވިގެން ހިންގާ ސްކޫލެއް ކަމަށާއި އެ ސްކޫލަކީ ރާއްޖޭގެ ތައުލީމު ފޯރުކޮށްދިނުމުގައި އިސްލާމީ ވަހުދަތު ރަމްޒުކޮށްދޭ އެންމެ މުހިންމު ސްކޫލު ކަމަށް އެޑިއުކޭޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.
އަރަބިއްޔާ ސްކޫލުގައި ފޯރުކޮށްދެވޭ ތައުލީމީ މަންހަޖާއި ދަރިވަރުން ހަދާ އިމްތިހާނުތަކަކީ ވެސް މިސްރުގެ އަލް އަޒުހަރު ޔުނިވާސިޓީ ގަބޫލުކުރާ އިމްތިހާނެއް ކަން ވެސް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.
އަރަބިއްޔާ ސްކޫލަކީ ރާއްޖޭގައި އަރަބި މީޑިއަމްއަށް ކިޔަވައިދޭ ހަމައެކަނި ސްކޫލެވެ. އަރަބިއްޔާގައި މިހާރު ވެސް 700 ދަރިވަރުން ދަނީ ކިޔަވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު