ދިވެހިރާއްޖޭގައި ޓްރާންސިޓް ބަނދަރެއް ގާއިމުކުރެވިއްޖެނަމަ، އެކަމުގެ ސަބަބުން އިގްތިސޯދަށް ވަންނަ އާމްދަނީ، ފަތުރުވެރިކަމުން ރާއްޖެއަށް ލިބޭ އާމްދަނީއަށް ވުރެ އިތުރުވާނެ ކަމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޗެއާމަން ކެޕްޓަން މުހައްމަދު ޝަރީފް (ސެންކޯ ޝަރީފް) ވިދާޅުވެއްޖެ އެވެ.
"ރާއްޖެ ޓީވީގެ "ފަލަސުރުހީ ޕްރޮގްރާމު" ޝަރީފް ރޭ ވިދާޅުވީ، ރާއްޖޭގައި ޓްރާންސިޓް ބަނދަރެއް ގާއިމު ކުރުމުގެ މަޝްވަރާތައް ސަރުކާރާއެކު ކޮށްފައިވާ ކަމަށާއި ޓްރާންސިޓް ބަނދަރެއް ރާއްޖޭގައި އޮތުމަކީ، ރާއްޖޭގެ އިގްތިސޯދަށް މުހިންމު ކަމެއް ކަމަށެވެ.
"ހުޅަނގުން އިރަށް، އިރުން ހުޅަނގަށް ދަތުރުކުރާ ދުނިޔޭގެ ހުރިހާ ބޯޓުފަހަރެއް ރާއްޖެ ހުރަސްކޮށްފައި އެދަނީ، އުތުރުންނާއި، ދެކުނުންނާއި މެދުރާއްޖެ ތެރެއިންނާ. އެހެންވީމާ ދިވެހިރާއްޖޭގެ އިނޮކޮމީއަށް ހަމަ ބޫމް އެއް އަންނާނެ އެކަމުގެ ސަބަބުން. މިކަމާ ޓޫރިޒަމާވެސް އަޅައެއް ނުކިޔޭނެ. މި ޓްރާންސިޓް ބަނދަރު ހެދިގެން، ހިނގައިގަތީމަ ޓޫރިޒަމަށްވުރެ މާ ބޮޑު ފައިދާއެއް ކުރާނެ." ސީމަނުން (ބޯޓުދަތުރުކުރާ މީހުން) އެންމެ ގިނަ އަދަދަކަށް ރާއްޖެއިން ބޭރަށް ފޮނުވި މި ދާއިރާގެ ތަޖުރިބާކާރު ސެންކޯ ޝަރީފު ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ، ސިންގަޕޫރު ފަދަ ގައުމުތައްވެސް ކުރިއަރައިގެން ގޮސްފައިވަނީ ޓްރާންސިޓް ބަނދަރެއް އޮތުމުގެ ސަބަބުން ކަމަށާއި ރާއްޖެއަކީ ބޯޓުތަކަށް މާ މުހިންމު ޗެނަލެއް ކަމަށެވެ. އަދި މިހާރުވެސް ގިނަ އަދަދެއްގެ ބޯޓު ރާއްޖެ ހުރަސްކުރާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބެލިއިރުގައި އޭއީ މީގެ ދެތިން އަހަރެއް ކުރިން ރެއަކާ ދުވާލު 30 ހަކަށް 40 ހަކަށް ބޯޓު ތުރާކުނު ކައިރިން ވެސް ހުރަސްކުރޭ." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، ޓްރާންސިޓް ބަނދަރެއް ހެދުމަށް ރަނގަޅު ޕްލޭނެއް އެކުލަވާލަން ޖެހޭ ކަމަށާއި ޓްރާންސިޓް ބަނދަރު ގާއިމު ނުކޮށްވެސް ބޭރުގެ ބޯޓުތަކަށް ހިދުމަތް ދެވިދާނެ ކަމަށެވެ. އެގޮތުން ބަންކަރިންނާއި ކާބޯތަކެއްޗާއި ތެލާއި އެނޫންވެސް ތަކެތި ބޯޓުތަކަށް ފޯރުކޮށްދީ އާމްދަނީ ހޯދިދާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެނަށް ބަންކަރިން ދެވޭނެ، ކާއެއްޗެހި ދެވޭނެ، ފެން ދެވޭނެ ރިޕެއަރިން ދެވޭނެ ކުރޫ ޓްރާންސްފާ ކުރެވޭނެ. މިހުރީ ލާރި."ޝަރީފް ވިދާޅުވިއެވެ.
އިހަވަންދިއްޕޮޅުގައި އާގު ބޯޓުފަހަރަށް ހިދުމަތް ދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވަނީ މަޖިލީހަށް ގަރާރެއްވެސް ހުށަހަޅުއްވާފައެވެ.
މި ގަރާރުގައި ވަނީ ރާއްޖެއަކީ ހުޅަނގާއި އިރުން މުދާ ހިފައިގެންދާ އާގު ބޯޓު ފަހަރު، ދަތުރުކުރާ މަގުގައި އޮތް ގައުމަކަށްވެފައި، ހާއްސަކޮށް ރާއްޖޭގެ އުތުރުގައި އޮތް 8 ޑިގްރީ ޗެނަލަކީ ކާގޯ ބޯޓުފަހަރު ހުރަސްކުރާ ޗެނަލަކަށްވާތީ، އެކަމުން ހޯދެން އޮތް ނަފާއެއް ހޯދުމަކީ، ސަރަހައްދީ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖެއަށްވެސް އަމާޒު ހިފިދާނެ ސިނާއަތެއް ކަމަށާއި އެހެން ކަމުން ބޭރުގެ އާގުބޯޓުފަހަރަށް ހިދުމަތް ދިނުމުގެ ސިނާއަތެއް މިހިނދުން މިހިނދަށް ރާއްޖޭގައި ގާއިމުކުރުމަކީ، ބޭނުންތެރިކަމެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު