Close
ޚަބަރު

އެމެރިކާއިން ހަދިޔާކުރި ފައިޒާގެ 100،620 ޑޯޒް ރާއްޖެ ގެނެސްފި

އައިޝަތު ނިއުޝާ

އެމެރިކާއިން ހަދިޔާކުރި ފައިޒާގެ 100،620 ޑޯޒް ރާއްޖެ ގެނެސްފިއެވެ.

ރާއްޖޭގައި ހުންނަ ޔުނިސެފްގެ އޮފީހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ކޮވެކްސް ފެސިލިޓީގެ ދަށުން އެމެރިކާއިން ހަދިޔާކުރި ފައިޒާ ވެކްސިންގެ އާ ޝިޕްމަންޓެއް މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

އެގޮތުން މި ވެކްސިންތަކުގެ ސަބަބުން ޝަރުތު ހަމަވާ އާބާދީއަށް ވެކްސިން ދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ލިބިގެންދާނެ ކަމަށާއި ބޫސްޓާ ޑޯޒް ޖެހުމަށް އެ ވެކްސިން ބޭނުންކުރާނެ ކަމަށެވެ.

ކޮވިޑު ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުމުގެ ފުރުސަތު މިމަހު އާންމުންނަށް ހުޅުވާލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި އެކަމަށް ޓަކައި ފައިޒާ ވެކްސިން ގަންނަން ފައިޒާ އެކްސްޕޯޓް ބީވީއާ އެކުގައި ސަރުކާރުން ވަނީ ސޮއިކޮށްފައެވެ. މިމަހު 15 އިން ފެށިގެން ތިން ވަނަ ޑޯޒް އާންމުންނަށް ދޭން ފަށާނެ ކަމަށް ކުރިން އޮތީ ބުނެފައެވެ.

ނަމަވެސް ވެކްސިންގެ އާ ސްޓޮކެއް ލިބޭނެ ދުވަހެއް ނޭނގޭތީ އާއްމުންނަށް ބޫސްޓާ ޑޯޒް ޖެހުމަށް ފަށަން އޮތް ޕްރޮގްރާމް އޮތީ މަޑުޖައްސާލައިފައެވެ.

ރާއްޖެއަށް އިތުރު ވެކްސިން ގެނެސްފައިވާއިރު، ފައިޒާއިންވެސް ވެކްސިން ގަންނަން ވަނީ ނިންމައިފައެވެ. އެގޮތުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް އަބްދުﷲ މާހިރު "ވަން" އަށް މީގެ ކުރިން ވިދާޅުވެފައިވަނީ ފައިޒާއިން 300،690 ޑޯޒް ވެކްސިން ގަންނަން ނިންމާފައިވާ ކަމަށެވެ. އެ ވެކްސިންތައް ގެންނާނީ ތިން ޝިޕްމަންޓަކަށް ބަހާލައިގެން ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގައި މިވަގުތު ބޫސްޓާ ޑޯޒް ދެމުން އަންނަނީ 50 އަހަރުން މަތީގެ މީހުންނަށެވެ. އަދި ސިއްހީ ދާއިރާ އާއި ޓޫރިޒަމް އަދި އެއާޕޯޓް ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށް މި ހަފުތާގައި ބޫސްޓާ ޑޯޒް ދޭން ވަނީ ނިންމައިފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، އިއްޔެގެ ނިޔަލަށް 22،000 އަށްވުރެ ގިނަ މީހުން ވަނީ ބޫސްޓާ ޑޯޒް ޖަހައިފައެވެ.