ރާއްޖޭގެ ރީތި ދިރުންތައް ދައްކުވައިދޭ އުރީދޫ މޯލްޑިވަސްގެ 2022 ވަނަ އަހަރުގެ ޑެސްކު ކަލަންޑަރު އިފުތިތާހުކޮށްފިއެވެ.

އީޖާދީ އޮގްމެންޓެޑް ރިއަލިޓީ ހިދުމަތް މެދުވެރިކޮށް ރާއްޖޭގެ ރީތި ދިރުންތައް ދިރުވައި އާލާކޮށްދޭ އެ ތަފާތު ކަލަންޑަރު ދައްކާލާފައި ވަނީ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމްއާއި އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނަޖީބު ހާންގެ ހާޒިރުގައި އުރީދޫ ހެޑް އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ.

ކަލަންޑަރުން ކޮންމެ މަހެއްގެ ކުރު ތައާރަފަކާ އެކު ރާއްޖޭގައި އާއްމުކޮށް ފެންނަ ތަފާތު ދިރުންތަކެއް ދައްކުވައިދެއެވެ. ކަލަންޑަރު ބޭނުންކުރާ ފަރާތްތަކަށް އެ މަހަކަށް ހާއްސަކޮށްފައިވާ ސޮފްހައިން ފެންނަ ސްނެޕްޗެޓް ކޯޑް ސްކޭންކޮށް ކަލަންޑަރު ފެންނަ ރާއްޖޭގެ ދިރުންތައް ދިރުވާލައި އޮގްމެންޓެޑް ރިއަލިޓީ ތަޖުރިބާ ކޮށްލެވޭނެއެވެ.

އޭގެ އިތުރުން އޭއާރު ފީޗާގައި ހުރިހާ އުމުރަކާ ގުޅުވާލައި ކޮންމެ މަހަކަށް ހާއްސަ ކުރެވިފައިވާ ދިރުން ތައްޔާރު ކޮށްލެވޭ އޮރިގަމީ ކަރުދާހެއްވެސް ކަލަންޑަރުގައި ހިމަނާފައިވާ އިރު، ކޮންމެ މަހަކަށް އޮރިގަމީ ހެދުމަށް ސްޓެޕް ބައި ސްޓެޕް އިރުޝާދު ދޭ ވީޑިއޯއެއް އުރީދޫގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ. ކިއުއާރު ކޯޓު ސްކޭން ކުރުމުން އެ ވީޑިއޯ ހުޅުވޭނެއެވެ.

އުރީދޫ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނަޖީބު ހާން ވިދާޅުވީ، މާގޭ ރައްޖެ-އުރީދޫ ކަލަންޑަރު 2022އަކީ އޮގްމެންޓަޑް ރިއަލިޓީ އާއެކު ރާއްޖޭގެ ރީތިކަން ދައްކުވައިދޭ އީޖާދީ ޕްރޮޖެކްޓެއް ކަމަށެވެ. އަދި ކަލަންޑަރުން އޮގްމެންޓަޑް ރިއަލިޓީ އެހީގައި ރާއްޖޭގެ އާންމު ދިރުންތައް ކޮންމެ ތަނެއްގައި ހުރެގެންވެސް ތަސައްވަރު ކޮށްލެވޭނެ ކަމަށް ވިދާޅުވިއެވެ.

ކަލަންޑަރު ފަރުމާކޮށްފައި ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބިލް ފާހަގަކުރުމުގެ މުނާސަބާތާވެސް ގުޅުވާލައިގެން ކަމަށާއި އުރީދޫއަކީ އަބަދުވެސް ރާއްޖޭގެ ތަރައްގީއަށް ކުރެވޭ މަސައްކަތުގައާއި ކާމިޔާބުތަކުގައި ބައިވެރިވާނެ ކުންފުންޏެއް ކަމަށްވެސް ނަޖީބު ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ، ކޮމިއުނިކޭޝަންއާއި ޓޫރިޒަމަކީ މީހުން ގުޅުވައިދިނުމުގައި އިސްރޯލެއް އަދާކުރާ ދެ ދާއިރާ ކަމަށެވެ. އަދި 2022 ވަނަ އަހަރުގެ ފަތުރުވެރިކަން އަލުން ދިރުވުމުގައާއި ޓޫރިޒަމްގެ ރަންޔޫބިލް ފާހަގަކުރުމަށް އުރީދޫން އިސްނަގައި ދެއްވި އެހީތެރިކަމާއި އެއްބާރުލުމަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

އަންނަ އަހަރުގެ ފަތުރުވެރިކަމުގެ ރަން ޔޫބިލް ފާހަގަކުރުމަށް ރާއްޖެ ތައްޔާރުވަމުންދާ އިރު، 2022 ވަނަ އަހަރުގެ އުރީދޫ ކަލަންޑަރު ޑިޒައިން ކޮށްފައިވަނީ އެ ހަފުލާއާ ގުޅުވާލެވޭ ރާއްޖޭގެ ރީތިކަމާއި ތަފާތު ދިރުންތައް ކުރިއެރުވުމަށެވެ.