އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ވަގުތީ ގޮތުން އިޒުއްދީން ސްކޫލަށް ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެޑިއުކޭޝަނުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އަރަބިއްޔާ ސްކޫލުގެ އިމާރާތުގައި ރެނދުލާފައިވުމާ ގުޅިގެން އެ ސްކޫލަށް ދަރިވަރުން ފޮނުވަން ބެލެނިވެރިން ޖެހިލުންވާތީ އެ ސްކޫލުގެ ދަރިވަރުން ވަގުތީ ގޮތުން އިއްޒުދީން ސްކޫލަށް ބަދަލުކޮށް، ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ސްކޫލުތަކުގެ ތެރެއިން އެއް ސްކޫލު އަރަބިއްޔާއަށް ހާއްސަ ކުރަން ނިންމާފައިވާ ކަމަށެވެ.

އެޑިއުކޭޝަނުން ބުނީ އަރަބިއްޔާ ސުކޫލުގެ އިމާރާތުގެ ހާލަތު މިވަގުތު ހުރިގޮތުން އެތަނުގައި ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަކީ އެންމެ ރައްކާތެރި ކަމެއް ނޫން ކަމަށާއި އިމާރާތަށް ލިބިފައިވާ ގެއްލުންތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ހައްލެއް ހޯދެންދެންވެސް ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަކީ މިނިސްޓްރީގެ މައްޗަށް ލާޒިމުކަމެއް ކަމަށް ވެސް ބުންޏެވެ.

އެހެންކަމުން އަރަބިއްޔާ ސްކޫލުގައި ކިޔަވަމުން އަންނަ 700 ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދެވޭނީ އެ އަދަދަށް ޖާގަ ހުންނަ ސްކޫލެއްގައި ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.

މީގެ އިތުރުން އެޑިއުކޭޝަނުން ބުނީ، އަރަބިއްޔާ ސްކޫލަކީ ސަރުކާރުން ހިންގާ 213 ސުކޫލުގެ ތެރޭގައި ހިމެނޭ ހާއްސަ ސިފަތަކެއް އެކުލެވިގެންވާ އަދި އެ ސުކޫލަކަށް ހާއްސަ ސަމާލުކަމެއް ދެވިގެން ހިންގާ ސްކޫލެއް ކަމަށާއި އެ ސްކޫލަކީ ރާއްޖޭގެ ތައުލީމު ފޯރުކޮށްދިނުމުގައި އިސްލާމީ ވަހުދަތު ރަމްޒުކޮށްދޭ އެންމެ މުހިންމު ސްކޫލު ކަމަށެވެ.

އަރަބިއްޔާ ސްކޫލުގައި ފޯރުކޮށްދެވޭ ތައުލީމީ މަންހަޖާއި ދަރިވަރުން ހަދާ އިމްތިހާނުތަކަކީ ވެސް މިސްރުގެ އަލް އަޒުހަރު ޔުނިވާސިޓީ ގަބޫލުކުރާ އިމްތިހާނެއް ކަން ވެސް އެޑިއުކޭޝަންގެ ބަޔާނުގައި ފާހަގަކުރިއެވެ.

އަރަބިއްޔާ ސްކޫލުގެ އިމާރާތުގައި ރެނދުލަމުން ދާތީ އެ ސްކޫލުގެ ބެލެނިވެރިން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަރަބިއްޔާ ސްކޫލަކީ ރާއްޖޭގައި އަރަބި މީޑިއަމްއަށް ކިޔަވައިދޭ ހަމައެކަނި ސްކޫލެވެ.