ރާއްޖޭގެ އޮފީސް އަދި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ޝަރަފުވެރި މުބާރާތް، ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލަށް އެފްއެސްއެމް އާއި ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އިން ހޯދައިފިއެވެ.
މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު ރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅެފައިވާ އިރު، އެފްއެސްއެމްއިން ފައިނަލުގެ ޖާގަ ހޯދީ ސެމީގެ ފުރަތަމަ މެޗުގައި 2-1 އިން ޕްރިޒަން ބަލިކޮށް ގެންނެވެ. ދެވަނަ ސެމީ ފައިނަލް މެޗުގައި އާރްއާރްސީ އާއި ފެނަކަ ވާދަކުރި އިރު، އެ މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީގައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 3-3 އިން ނަތީޖާ އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި އާރްއާރްސީން މެޗު ކާމިޔާބުކުރީ 6-3 އިން އެއްވަރު ވެގެންނެވެ.
ފުރަތަމަ ސެމީ ފައިނަލް މެޗު ފެށިގެން ދެޓީމުންވެސް ކުޅުނީ ޑިފެންސިވް ކުޅުމެކެވެ. ކޮޅަށް ގޯލެއް ވައްދައިނުލަން މަސައްކަތް ކުރިކަން މެޗުން ފާހަގަވެގެން ދިޔަ އިރު، ދެވަނަ ހާފްގައި މެޗުގެ ތިން ގޯލު ފެނިގެން ދިޔައެވެ. މެޗުގެ ފުރަތަމަ ގޯލު އެފްއެސްއެމް އިން ޖެހި އިރު، އެ ގޯލު ޖަހައިދިނީ މުހައްމަދު ތޯހިރުއެވެ.
އޭގެ ތިން މިނިޓް ފަހުން ޕްރިޒަން އިން ވަނީ އާދަމް މަންސޫރު ޖެހި ގޯލާއެކު ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުން އެފްއެސްއެމް މޮޅުވި ގޯލު އެޓީމަށް ޖަހައިދިނީ މުހައްމަދު ޖުމާން ދިން ބޯޅައަކުން ނާއިފް ޝަފީގް (ސީއާރް3) އެވެ.
ސެމީ ފައިނަލް ދެވަނަ މެޗުގައި ފެނަކަ އާއި އާރްއާރްސީ ނުކުތް އިރު، އެ މެޗަށް ފެނަކަ ނުކުތީ ޓީމުގެ ތަރި އަޔާޒް އަހުމަދު (އަޔާ) ނުލަ އެވެ. ދެ ކާޑު ހަމަވެ އަޔާޒް ހުރީ ސަސްޕެންޝަނުގައެވެ. މެޗުގެ ކުރީކޮޅުގައި އާރްއާރްސީގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ވަނީ އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ފެނަކައިގެ ރިހާމް އަބްދުލް ގަނީ (ބޮބީ) އަތުން ބައިކޮޅަށް ވަން ގޯލުން އާރްއާރްސީން ލީޑު ފުޅާކުރިއެވެ.
ދެ ގޯލުގެ ލީޑަކާއެކު އާރްއާރްސީން މެޗުގެ ފުރަތަމަ ހާފް ނިންމާލަން ދަނިކޮށް، ފެނަކައިގެ ޔަސްފާދު ހަބީބު (މުލަކަ) ވަނީ ގޯލެއް ޖަހައިދީ އުއްމީދެއް ހޯދައިދީފައެވެ.
ދެ ވަނަ ހާފުގައި ބިޗަޑް އިތުރު ގޯލެއް ޖަހައި އާރްއާރްސީ އަށް ދެގޯލުގެ ލީޑެއް ނަަގައިދިން ނަމަވެސް މެޗުގެ ފަހު ވަގުތު ފުލުފުލުގައި ދެ ގޯލު ޖަހައި މުލަކޭ ވަނީ ފެނަކަ އަށް އެއްވަރުކޮށްދީފައެވެ.
އާރްއާރްސީގެ އާދަންނާ، އެ ޓީމުގެ ފުރަތަމަ ޕެނަލްޓީ ކާމިޔާބުކުރިއިރު، ފެނަކައިގެ އަހުމަދު ހަލީމް (އައްމަޑޭ)ގެ ޕެނަލްޓީއާއި މުލަކޭ އަދި އިބްރާހީމް އަރީޝް ޖެހި ޕެނަލްޓީތައްވެސް ނާކާމިޔާބުވިއެވެ. އާރްއާރްސީ އާއި އެފްއެސްއެމް ކުޅޭ ފައިނަލް އޮންނާނީ އާދިއްތަ ދުވަހުގެރޭގައެވެ.