އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުން ވަކި ކުރުމުގެ ކުރިން ކޮމިޓީއަށް ލިޔުމުން ޖަވާބުދާރީ ވުމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދެންމެ ފާސްކޮށްފިއެވެ.
ކޮމިޓީން އެގޮތަށް ފާސްކުރީ އޭސީސީގެ މެންބަރުން ވަކިކުރުމަށް މަޖިލިސް ގަވާއިދުގައިވާ ގޮތުގެމަތިން އެމްޑީޕީގެ 31 މެންބަރުންގެ އެދިވަޑައިގަތުމަށް، ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި، އޭސީސީ މެންބަރުން ވަކި ކުރުމުގެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައެވެ.
މިއަދުގެ ބައްދަލުވުމުގައި ޖަވާބުދާރީވާން އޭސީސީ މެންބަރުންނަށް އިތުރު ފުރުސަތު ދިނުމާ މެދު ކޮމިޓީގައި ދިގު ބަހުސެއް ވަނީ ކޮށްފައެވެ.
އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ވަނީ، އޭސީސީ މެންބަރުންނަށް ޖަވާބުދާރީ ވުމަށް އިތުރު ފުރުސަތެއް ދިނުމަށް ދެކޮޅު ހައްދަވައި ތަކުރާރުކޮށް ވާހަކަ ދައްކަވައިފައެވެ.
އޭނާ ވިދާޅުވީ، އޭސީސީގެ މެންބަރުންނަކީ އެތައް ފަހަރަކު ކޮމިޓީއަށް ހާޒިރުކޮށްފައިވާ ބައެއް ކަމަށާއި، އެމީހުން ކަން ކުރަނީ ކޮމިޓީގައި ވާހަކަ ދައްކާގޮތަށް ނޫން ކަމަށެވެ. އަދި އެތައް ފަހަރަކު ކޮމިޓީއަށް ޓައިމްލައިންތަކެއް ދިން ނަމަވެސް ޓައިމްލައިނަށް އޭސީސީން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
އޭސީސީ މެންބަރުން ވަކި ކުރަން ޖެހެނީ އޮޑިޓާ ޖެނެރަލް އެކުލަވައިލި ރިޕޯޓެއްގައި އެކަން ކުރަންޖެހޭ ކަަމަށް ބުނެފައިވާތީ ކަމަށާއި އެެހެންކަމުން ޖަވާބުދާރީވުމަށް އިތުރު ފުރުސަތު ދޭން ނުޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި ދިމާވެފައިވަނީ ހައްސާސް މައްސަލައެއް ކަމަށާއި ޖަވާބުދާރީވުމަށް އިތުރު ވަގުތު ދީފިނަމަ ނޭދެވޭ ކަންތަައްތަކެއް ދިމާވެދާނެ ކަމަށްވެސް ހަސަން އަހުމަދު ވިދާޅުވިއެވެ.
ނަމަވެސް ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމާއި އެހެން މެންބަރުން ވާހަކަދެއްކެވީ ޖަވާބުދާރީވުމަށް ކޮންމެވެސް ފުރުސަތެއް އެ ފަރާތްތަކަށް ދިނުމަށެވެ.
އެގޮތުން އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު ވިދާޅުވީ، މިނިވަން މުއައްސަސާތަކަށް މީހުން އައްޔަން ކުރަނީ ފަރުދީގޮތުން ވަކި ވަކިން އިންޓަވިއުކޮށްގެން ކަމަށާއި ކޮމިޝަންގެ މަސައްކަތްތަކާ ބެހޭގޮތުން ހެދި ޕާފޯމެންސް އޮޑިޓް ރިޕޯޓުގައި ހިމަނާފައިވާ ކަންތައްތަކަކީ ހުރިހާ މެންބަރުންގެ ދައުރު އެއްވަރަށް އޮންނާނެ ކަންކަމަށްނުވާތީ އާއި، ހައްސަކޮށް މަރުގެ މައްސަލަތަކުގައި ހިމެނޭ މީހުންނަށްވެސް ޖަވާބުދާރީ ވުމުގެ ފުރުސަތު ލިބިދީފައިވާ އިރު، އޭސީސީ މެންބަރުންނަށްވެސް އެ ފުރުސަތު ލިބެންޖެހޭނެ ކަމަށެވެ.
ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ މިއަދު ކޮމިޓީން އެ މެންބަރުން ވަކިކުރަން ނިންމައިފިނަމަ އުސޫލެއްގެ ގޮތުގައި އެކަން ކަނޑައެޅިގެންދާނެ ކަމަށާއި، ދެން ކޮމިޓީއަށް އަންނަ ބަޔަކު ހިތްހަމަނުޖެހޭ މެންބަރުންތަކެއް ތިބޭ ކޮންމެ ކޮމިޝަނެއް ޖެހިލުމެއްނެތި އުވާލުމުގެ ފުރުސަތު އެކަމުގެ ސަބަބުން ފަހިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެ މައްސަލައަށް މެންބަރުން ބަހުސް ކުރެއްވުމަށްފަހު ދެ ހުށަހެޅުމަށް ހުށަހެޅުނެވެ. ފުރަތަމަ ހުށަހެޅުމެއްގެ ގޮތުގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަމީމު ހުށަހެޅުއްވީ، ކޮމިޓީއަށް ހާޒިރުވެގެންނާއި އޮންލައިންކޮށްނާއި ލިޔުމުން، އެއިން ކޮންމެ ގޮތަކުންވެސް ކޮމިޓީއަށް ޖަވާބުދާރީވުމަށް ފަސްް ދުވަހުގެ ފުރުސަތެއް ދިނުމަށްފަހު މެންބަރުން ވަކި ކުރުމުގެ މަސައްކަތް ކޮމިޓީން ކުރިއަށް ގެންދިއުމަށެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދެވެ. އެ ހުށަހެޅުމަށް ލިބުނީ އެންމެ ދެ ވޯޓެވެ.
ދެން އޮތް ހުށަހެޅުމަކީ ކޮމިޓީއަށް ލިޔުމުން ޖަވާބުދާރީވާން ކޮމިޝަން މެންބަރުންނަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު މެންބަރުން ވަކި ކުރުުމުގެ މަސައްކަތް ކޮމިޓީން ކުރިއަށްގެންދަން ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ހުށަހަޅުއްވައި ވެލިދޫ ދާއިރާގެ މެންބަރު މަހައްމަދު އަބްދުﷲ ޝަފީގު ތާއީދުކުރެއްވި ހުށަހެޅުމެކެވެ.
ކޮމިޓީގެ ފަސް މެންބަރުންގެ ވޯޓާއެކު އެގޮތަށް ކުރިއަށްގެންދަން ފާސްކުރިއެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ