އާޖެންޓީނާގެ ފޯވަޑް ސާޖިއޯ އަގުއޭރޯ، އަސަރުގަދަ މެސެޖަކާއެކު ރިޓަޔާމަންޓް އިއުލާންކޮށްފިއެވެ.

ހިތުގެ މައްސަލައެއްގެ ސަބަބުން އަގުއޭރޯ ރިޓަޔާކުރަން މަޖުބޫރު ވެފައިިވާ އިރު، އެކަން ރަސްމީކޮށް އިއުލާނުކޮށް ވަދާއީ މެސެޖު ދިނީ މިއަދުއެވެ. ބާސެލޯނާގެ ދަނޑުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ އިވެންޓެއްގައި ރިޓަޔާމަންޓް އިއުލާންކުރަމުން އަގުއޭރޯ ބުނީ "ކެރިއަރާ މެދު ފަހުރުވެރިވާ" ކަމަށާއި ރިޓަޔާކުރަން މަޖުބޫރުވީ "ސިއްހަތަށް އެންމެ އިސްކަމެއް،" ދޭތީ ކަމަށެވެ.

އުމުރުން 33 އަހަރުގެ އަގުއޭރޯ މިއަދު ރިޓަޔާކުރިކަން އިއުލާންކުރަމުން ދިން ހާއްސަ މެސެޖުގެ މެދުތެރެއިން އޭނާއަށް ރޮވުނެވެ.

"ފުރަތަމަ ޓެސްޓް ހެދިއިރުވެސް މެޑިކަލް ޓީމުން ބުނި އަހަންނަށް ކުޅެވޭނެ ކަމުގެ އުންމީދު ކުޑަކަމަށް. އެހިސާބުން ފެށިގެން ރިޓަޔާމަންޓް ނިންމަން ދިޔައީ ތައްޔާރުވަމުން. މިއީ އުނދަގޫ ހާލަތެއް. އެންމެން ކައިރީގައިވެސް ބުނަން ބޭނުންވަނީ ދަނޑު މައްޗަށް އަނބުރާ ނުކުތުމަށް އަހަންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރިކަމަށް،" އަގުއޭރޯ ބުންޏެނެވެ.

ކެރިއަރުގައި ކުޅުނު 786 މެޗުން 427 ގޯލު ޖަހައިދީފައިވާ އަގުއޭރޯ އަސަރާއެކު ބުނީ ފުޓުބޯޅަ ކުޅުމަކީ އެންމެ ފަސް އަހަރުން ފެށިގެންވެސް އޭނާ ދެކެމުން ދިޔަ ހުވަފެން ކަމަށާއި، ޔޫރަޕުގައި ކުޅެ، ފުޓުބޯޅައިގެ އެންމެ މަތީ ފަންތިއަށް ނުކުމެވުމަކީ އޭނާއަށް ހިތަށްވެސް ނުގެނެވި އޭރު އޮތް ހިސާބެއް ކަމަށެވެ. އެ ހިސާބަށް އައިސް ކެރިއަރުގައި ހޯދުނު ކޮންމެ ކާމިޔާބީއަކަށްވެސް ފަހުރުވެރިވާ ކަމަށް އަގުއޭރޯ ބުންޏެވެ.

އަގުއޭރޯ ރިޓަޔާކުރަން ބޭއްވި ހާއްސަ އިވެންޓަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާވެސް ގޮސްފައިވާ އިރު، ސިޓީއަކީ އަގުއޭރޯ ކެރިއަރުގައި އެންމެ ގިނަ ކާމިޔާބީތައްވެސް ހޯދި ކްލަބެވެ. އާޖެންޓީނާގެ ކްލަބު، އިންޑިޕެންޑިއޭޓް އިން ވިދާލި އަގުއޭރޯ ޔޫރަޕްގައި ފުރަތަމަ ކުޅުނީ ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑަށެވެ. އެ ޓީމަށް ކުޅެދިން 234 މެޗުން 101 ގޯލު އަގުއޭރޯ ޖަހައިފައިވެއެވެ.

އޭގެ ފަހުން ސިޓީއަށް ބަދަލުވެ އަގުއޭރޯ ވަނީ އެ ކްލަބަށް 10 އަހަރު ކުޅެދީފައެވެ. އަގުއޭރޯއަކީ މެންޗެސްޓާ ސިޓީއަށް ރެކޯޑު އަދަދަކަށް ގޯލު ޖަހައިދީފައިވާ ކުޅުންތެރިއެކެވެ. ސިޓީއަށް 390 މެޗުން 260 ގޯލު އޭނާ ޖަހައިދިން އިރު، ގޯލްސް ޕާ ގޭމް ރޭޝިއޯއަށް ބަލާއިރު، އަގުއޭރޯއަކީ ޕްރިމިއާ ލީގު ތާރީހު ދުށް އެންމެ ކާމިޔާބު ފޯވަޑެވެ. އަގުއޭރޯގެ ގޯލު އަދަދުތަކަށް ބަލާ އިރު އޭނާ ވަނީ ޕްރިމިއާ ލީގުގައި ކުޅުނު ކޮންމެ 108 މިނެޓަކުން ގޯލެއް ޖަހައިފައެވެ. ކެރިއަރުގައި 18 ހެޓްރިކް ހަދާފައިވާ އިރު، އޭގެ ތެރެއިން 12 ހެޓްރިކެއް ހެދީ ޕްރިމިއާ ލީގުގައެވެ.

އަގުއޭރޯ ވަނީ ސިޓީއާއެކު ފަސް ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބުކޮށް، އެފްއޭ ކަޕް އެއް ފަހަރު އަދި ލީގު ކަޕް ހަ ފަހަރު ކާމިޔާބުކޮށްފައެވެ.

އަގުއޭރޯ އަކީ މިއަހަރު އާޖެންޓީނާއަށް ކޮޕާ އެމެރިކާ ކާމިޔާބުކޮށްދިން ޓީމުގެ ކުޅުންތެރިއެކެވެ. އޭގެ އިތުރުން އޮލިމްޕިކް ރަން މެޑަލްވެސް އަގުއޭރޯ އާޖެންޓީނާއާއެކު ހޯދާފައިވާ އިރު، އަގުއޭރޯ ވަނީ އާޖެންޓީނާއެކު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ކުޅެފައެވެ.