ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެން އެ ދާއިރާގެ ބައި އިލެކްޝަން އަންނަ ފެބްރުއަރީ މަހުގައި ބާއްވަން އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު "ވަން" އަށް މިއަދު ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ގޮޑި ހުސްވުމާ ގުޅިގެން އެ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރަން އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ބައި އިލެކްޝަން ބާއްވަން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެގޮތަށް ނިންމީ ކޮމިޝަންގެ މެމްބަރުންގެ ބައްދަލުވުމެއް މިއަދު ބާއްވައި އެކަމުގައި މަޝްވަރާކުރުމަށްފަހު،" ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ ބައި އިލެކްޝަނާ ގުޅޭ އިދާރީ ކަންކަން ކުރަމުން އަންނަ ކަމަށާއި އެ ދާއިރާއަށް ވާދަކުރާ ފަރާތްތަކަށް މާދަމާއިން ފެށިގެން މިމަހުގެ 30ގެ ނިޔަލަށް ފޯމު ހުށަހަޅަން ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.

އާންމު އިންތިހާބުގެ ގާނޫނޫގައިވާ ގޮތުން އިންތިހާބީ ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަން ކޮމިޝަންގެ މައްޗަށް ލާޒިމުވެއެވެ.

ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވީ މިދިޔަ ހޯމަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި އޭޑީކޭގައެވެ،

ހުސައިން ވަނީ ރައްޔިތުންގެ މަޖިލީހުގައި ދެ ދައުރު މަސައްކަތް ކުރައްވައިފައެވެ،