އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީން ލީޑްސް ކޮޅަށް ހަތް ގޯލު ޖަހައި، ޗެމްޕިއަނުންގެ ފެންވަރު ދައްކާލައިފިއެވެ.

ރޭ ސިޓީގެ ދަނޑުގައި ކުޅުނު މެޗު 7-0 އިން ކާމިޔާބުކޮށް ސިޓީން ވަނީ ލީގު ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓަށް ލީޑު ފުޅާކޮށްފައެވެ. އެޓީމަށް 17 މެޗުން 41 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި މިވަގުތު އޮތް ލިވަޕޫލަށް 16 މެޗުން ލިބިފައި ވަނީ 37 ޕޮއިންޓެވެ. ތިންވަނައިގައި ޗެލްސީ އޮތީ 16 މެޗުން 36 ޕޮއިންޓާ އެކުގައެވެ. ޗެލްސީ އާއި ލިވަޕޫލުން މިހަފުތާގައި ކުޅޭ މެޗުތައްވެސް މިރޭ އޮންނާނެއެވެ.

ރޭގެ މެޗުގައި ސިޓީގެ ފަރާތުން ބަލައިލަން ފަސޭހަ ހިތްގައިމު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. ސިޓީން ކުޅުނު ޑޮމިނޭޓް އެޓޭކިން ފުޓުބޯޅައިގައި ފެނުނީ އެޓޭކިން "މާސްޓާ ކްލާސް"އެކެވެ. އެޓީމުގެ ފަރާތުން އެޓޭކަކަށްފަހު އެޓޭކެއް ފެނިގެން ގޮސްފައިވާ އިރު، ފުރުސަތުތައް ދިޔައީ އޮހެމުންނެވެ. ރޭގެ މެޗުގެ އޮއިވަރު ދިޔަ ގޮތުން ސިޓީއަށް ވަނީ ހަތް ގޯލަށްވުރެ އިތުރަށް ޖަހަންވެސް ފުރުސަތު ލިބިފައެވެ.

މެޗުގެ ފުރަތަމަ ހާފް ސިޓީން ނިންމާލީ ތިން ގޯލުގެ ލީޑަކާއެކުގައެވެ. ފިލް ފޮޑެންގެ ގޯލުން ސިޓީ ފުރަތަމަ ލީޑު ނެގި އިރު، އެޓީމުން ފުރަތަމަ ހާފްގައި ޖެހި އަނެއް ދެ ގޯލު ޖަހައިދިނީ ޖެކް ގްރީލިޝް އާއި ކެވިން ޑިބްރޭނާ އެވެ. ރޭގެ މެޗުގައި ފޮޑެން ޖެހި ގޯލަކީ ސިޓީން ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ލީގުގައި ކުޅުނު 207 މެޗުން އެޓީމު ޖެހި 500 ވަނަ ގޯލެވެ. އެ ރެކޯޑާއެކު ސިޓީއަށް ލިބިފައި ވަނީ ބޮޑު ޝަރަފެކެވެ.

ގާޑިއޯލާ ވެފައި ވަނީ ޕްރިމިއާ ލީގުގެ ޓީމެއް ގޮވައިގެން 500 ގޯލު އެންމެ އަވަހަށް ހަމަކުރި ކޯޗަށެވެ. ކުރިން ޕްރިމިއާ ލީގުގައި 500 ގޯލު އެންމެ އަވަހަށް ޓީމަކާއެކު ހަމަކުރި ކޯޗަކީ ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕެވެ. ކްލޮޕަށް ލިވަޕޫލާއެކު 500 ގޯލު ހަމަކުރެވުނީ 234 މެޗުންނެވެ.

ސިޓީން ފުލުފުލުގައި ހަތް މެޗުން މޮޅުވެފައިވާ އިރު، ރޭގެ މެޗުގައި ސިޓީގެ ބާކީ ގޯލުތައް ދެވަނަ ހާފުގައި ޖެހީ ނެތަން އަކޭ އާއި ރިޔާދު މަހަރޭޒް ގެ އިތުރުން ޖޯން ސްޓޯންސް އާއި ޑިބްރޭނާ އެވެ.