ކުރިއަށް އޮތް ފުޓުބޯޅަ ސީޒަން، އަދި މާދަމާ ރޭ އޮންނަ ޗެރިޓީ ޝީލްޑް މެޗަށްވެސް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އޮތީ ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި، އޭގެ ސަބަބުން ފައިދާތަކުގެ އިތުރުން ޕްރެޝަރެއްވެސް އެބައޮތް ކަމަށް ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނެފިއެވެ.
މާދަމާ ރޭ 9:00ގައި އޮންނަ ސީޒަން ހުޅުވާ މެޗުގައި މާޒިޔާ ނުކުންނާނީ ކްލަބު ވެލެންސިއާއާ ދެކޮޅަށެވެ. އެ މެޗާ ގުޅޭގޮތުން ގައުމީ ދަނޑުގައި މިއަދު ބޭއްވި ޕްރެސްގައި މޯހަން ބުނީ މާޒިޔާ އޮތީ ތައްޔާރުވެފައި ކަމަށާއި، އޭގެ ސަބަބުން ފައިދާތަކެއްގެ އިތުރުން ޕްރެޝަރެއް ޓީމަށް އެބައޮތް ކަމަށެވެ.
"އެޑްވާންޓޭޖަކަށް އޮންނާނީ އަޅުގަނޑުމެން ތައްޔާރުވެފައި އިންނާނީ ފިޒިކަލީ. ޓީމެއްގެ ގޮތުގައި ތައްޔާރުވުންވެސް އެއީ ލިބޭ ހިތްހަމަޖެހުމެއް. ދެން އިންނާނީ އަނެއް ކޮޅު. އެއީ ޕްރެޝަރު. އެއީ ކޮންމެ ގޮތެއް ވިޔަސް ތައްޔާރުވާ ޓީމެއް މޮޅުވާން މާ ބޮޑަށް އެދޭނެ. ތައްޔާރުނުވެ އަންނަ ޓީމަކަށް އެ ޕްރެޝަރު އެހާ ބޮޑެއް ނުވާނެ. ހަމަޖެހިލައިގެން އަރައި ކޮންމެ ގޭމެއް ބޭނުން ގޮތަކަށް ކުޅެލިޔަސް ވެސް. އެއީކީ މާ ބޮޑު ޝަކުވާއަކަށް ވެގެންނުދާނެ. އެއީ އަބަދުވެސް އޮންނާނެ ބުނެވެން ތިމަންނަމެން ރަނގަޅަށް ތައްޔާރުނުވަމޭ. ޕްރެކްޓިހެއް ނުކުރެވެއޭ. އެވަރަކަށް،" މޯހަން ބުންޏެވެ.
މޯހަން ބުނީ ޗެރިޓީ ޝީލްޑް ކާމިޔާބުކުރެވުމަކީ ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި، ޓީމު އޮތީ މެޗު ކާމިޔާބުކުރަން ފެންބޮވައިގެންފައި ކަމަށެވެ. ހާއްސަކޮށް މާޒިޔާއަކީ ހުރިހާ މުބާރާތަކަށްވެސް ތަށްޓަށް ނުކުންނަ ޓީމެއް ކަމަށާއި، އެޓީމަށް ކޮންމެ މެޗަކުންވެސް މޮޅުވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް މޯހަން ފާހަގަކުރިއެވެ.
މެޗުގެ ކުރިން ވެލެންސިއާ ޓީމުން ވާހަކަދެއްކި ކޯޗު އާފިއު މުހައްމަދު ބުނީ އެޓީމަށް އަދި ރަނގަޅަށް ތައްޔާރު ނުވެވި އޮތް ކަމަށެވެ. އެގޮތަށް ވެލެންސިއާގެ ވާހަކަ ހުރި ނަމަވެސް މޯހަންގެ ވިސްނުމުގައި ވެލެންސިއާ ފަސޭހަކޮށް ނުލާނެ ކަމަށް އޭނާ ބުންޏެވެ. މޯހަން ބުނީ އިދިކޮޅަށް ނުކުންނަ ޓީމެއްގެ ހާލަތަށް ބަލައި މާޒިޔާ ކުޅުންތެރިން މެޗުތައް ފަސޭހަކޮށްނުލާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އެކަން އެހާ ޔަގީންވަނީ ޕްރެކްޓިހުގައި ކުޅުންތެރިންގެ ފަރާތުން ފެންނަ ސީރިއަސް ކަމާއި ފޯކަސްގެ ސަބަބުން ކަމަށް މޯހަން ބުންޏެވެ.
މޯހަން ބުނީ ވަރުގަދަ ސްކޮޑުތަކަށް އިރުޝާދު ދޭ ކޯޗުންނަށް ޕްރެޝަރެއް އޮންނާނެ ކަމަށާއި، އެއީ ކާމިޔާބީއަށް އަމިއްލައަށް ވާސިލުވާންވެސް މުހިއްމު ކަމެއް ކަމަށެވެ.
"އަމިއްލައަށް އަޅުގަނޑު ނިންމާފައި ހުރި ޓާގެޓުތަކެއް ހުންނާނެ. ސީޒަނުގައި މާޒިޔާ ކިހާ ހިސާބަކަށްތޯ ދާނީ. (އާންމުންނަށް) ހިއްސާނުކުރި ކަމުގައި ވިޔަސް އަޅުގަނޑު އަމިއްލައަށް ވެސް ޕްރެޝަރު ދެން. އެއީ އަޅުގަނޑަށް ކޮންމެ ޕްރެކްޓިހަކަށް ވެސް ސީރިއަސްވެ ތައްޔާރު މިވެވޭ ސަބަބަކީ. ކާމިޔާބު ހޯދަން ބޭނުންވާތީ،" ކުރިން ނިއު ރޭޑިއަންޓް އަދި ކްލަބު އީގަލްސްއަށްވެސް ކޯޗުކަން ކޮށްދިން މޯހަން ބުންޏެވެ.
މި ސީޒަނަށް މާޒިޔާ ނުކުންނާނީ ނޭޕާލް ގައުމީ ޓީމުގެ ގޯލްކީޕަރު ކިރަން ކުމާރާ އެކުގައެވެ. މާޒިޔާއިން މި ސީޒަނަށް ތައްޔާރުވާން ނ. ކެނދިކުޅުދޫގައި ކުރި ކޭމްޕުގެ ތެރެއިން ޒުވާން ގޯލްކީޕަރެއް އެ ޓީމަށް ގެންގޮސްފައިވާ އިރު، ދިވެހި ގޯލްކީޕަރަކަށް ފުރުސަތު ދޭން ވިސްނާނެ ދުވަހަކާ މެދު ސުވާލު ކުރުމުން މޯހަން އެ ސުވާލަށް ސީދާ ޖަވާބު ނުދިން ނަމަވެސް، ބޭރު ގޯލްކީޕަރަކަށް ދާން ޖެހުނު ސަބަބު ވަނީ ކިޔައިދީފައެވެ.
"މާޒިޔާއަކީ ހުރިހާ މުބާރާތެއް ކާމިޔާބު ކުރަން ނުކުންނަ ޓީމެއް. މާޒިޔާއަށް އެ ވަގުތަކު ކާމިޔާބު ހޯދަން މުހިއްމުވަނީ ބޭރު ކީޕަރެއް ގެނެސްގެން ކަމަށްވަންޏާ އެގޮތަށް މާޒިޔާ ފޯކަސް ކުރާނީ. އެއީ މާޒިޔާގެ ފޯކަސް އަކީ ކޮންމެ މެޗަކުން ވެސް މޮޅުވެ، ކޮންމެ މުބާރާތަކީ ވެސް ކާމިޔާބު މުބާރާތަކަށް ހަދަން. މިވަގުތަށް ބަލާއިރު ކިރަން މުހިއްމު ވާތީ އޭނާ ގެނެސްފައި އެ ހުރީ. އެ ތަށި ހޯދަން ކުރަން ޖެހޭ ކަންކަން ކުރަނީ. ދެން ސްކޮޑަށް ބަލައިލުމުން އެނގޭނެ ކިހާ ވަރަކަށްތޯ ރިސްކު ކުރެވެން އޮތީ. އެ ރިސްކަށް ބަލާ އިރު، ސްކޮޑުގައި ނެތް ދިވެހި ގޯލްކީޕަރަކަށް އެ ފުރުސަތު ރިސްކް ކުޑަކޮށް ދެވޭނެ ގޮތެއް. އަދި އޮތް ގޮތުން އެއީ ރިސްކެއް،" މޯހަން ބުންޏެވެ.
މި ސީޒަނަށް މާޒިޔާ ވަރުގަދަ ކުރުމަށް އެޓީމަށް ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ) އާއި ގައުމީ ޓީމުގެ ޑިފެންޑަރު ހައިޝަމް ހަސަން (ބިޑި) ވެސް ވަނީ ގެންގޮސްފައެވެ. މިވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ސްކޮޑަކީވެސް މާޒިޔާއެވެ. ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް އެޓީމުގައި ހިމެނެއެވެ.
ޗެރިޓީ ޝީލްޑް
ޗެރިޓީ ޝީލްޑް
ޗެރިޓީ ޝީލްޑް