ރިޕޯޓް

އޭޑީކޭ އިން ޓްރީޓޮޕުން އައިޖީއެމްއެޗް އަށް! މި ކުއްޖާގެ 16 ޕަސެންޓު ފިހިފައި، ބޭރަށް ދެވޭނެ ގޮތެއް ނެތް!

ރިފާ ހަލީލު

3

ސ، ހުޅުދުއަށް އުފަން އައިޝަތު ޝަރުފާ، ހޫނުފެން އެތި މޭޒުމަތީގައި ބެހެއްޓީ ހަގަށް ލިބުނު ތުއްތު ދެ ދަރީންނަށް ކާންދިނުމަށްފަހު އާވި އެރުވުމަށެވެ. ނަމަވެސް އުނދުން މަތީގައި ހުރި ސްޕެގެޓީކޮޅު ހިފައިގެން އެނބުރުނު އިރު މޭޒުމަތީގައި ހުރި ހޫނު ފެންއެތީގައި ކުޑަ ކުޑަ އައިރިން މުހައްމަދު ހުރީ ބާރަށް ހިފަހައްޓައިިގެންނެވެ. ދުވެފައި ގޮސް ފެން އެތީގައި ހިފުމުގެ ކުރިން އައިރިންގެ ގަޔަށް މުޅި ފެންތަށި ބަންޑުން ވެއްޖެ އެވެ. އޭގެން ކޮންމެވެސް ވަރަކަށް ޝުރުފާގެ ގަޔަށް ފެން އެޅުނު ނަމަވެސް އޭނާއަށް މާ ބޮޑު އަނިޔާއެއް ނުވެ އެވެ.

ހޫނު ފެނުގެ ސަބަބުން، އައިރިންގެ ހަށިގަނޑުގެ 16 ޕަސެންޓު ފިހިފައިވާއިރު އެތުއްތު ކުއްޖާ ގޮވައިގެން އެންމެ ފުރަތަމަ ދިޔައީ އޭޑީކޭ އަށެވެ. އެއީ ގެއާވެސް ކައިރިވުމުންނެވެ.

"އޭޑީކޭއަށް ދިޔައިމަ އެމީހުން ބާން ކްރީމް އުނގުޅި. އޭގެ ފަހުން ފުރަތަމަ ގެންދިޔަ ދުވަހު ނޫން އަނެއް ދުވަހު ފިޓު ޖެހުނީ، އޭގެ ފަހުން ޖެހި ޖެހިގެން ހަތަރު ފަހަރު ފިޓު ޖެހުނު. ގަދައަށް ހުން އައިސް ހުމެއް ނުފިލާ. ދެން ދިޔައީ ޓްރީ ޓޮޕަށް. އެތަނަށް ދިޔައިމަ ބުނީ އެތަނުން ދެވޭނެ ފަރުވާއެއް ނެތޭ. އައިޖީއެމްއެޗުގެ ފިހޭ މީހުންނަށް ފަރުވާ ދޭތަނަށް ދާށޭ ބުނީ. ދެން އެތަނަށް އައި ގޮތަށް ދެ ހަފުތާ ވަނީ އަދިވެސް ހުމެއް ނުފިލާ." އޭނާ ބުންޏެވެ.

ދަރިފުޅު ހުން އަންނަނީ އިންފެކްޝަންގެ ސަބަބުން ކަމަށް ބުނި ނަމަވެސް ލޭގައްޔާއި ކުޑަކަމުދާ ތަކެތި ނަގައިގެން އެތައް ދުވަހަކު ޓެސްޓު ކުރި ނަމަވެސް ޖަރާސީމު ހުންނަ ކަމަށް ނުދައްކާ ކަމަށް ޝުރުވާ "ވަން" އަށް ބުންޏެވެ. ކިހިލިފަތް ކައިރިން ފިހިފައިވާ ތަނުގައި ހެދިފައިވާ ފާރުގަނޑު ކޮންމެވެސް ވަރަކަށް އިންފެކްޓު ވެފައި ހުރި ކަމަށް ޑޮކްޓަރުން ބުނި ކަމަށް ޝަރުފާ ބުންޏެވެ. ނަމަވެސް އެންޓި ބަޔޮޓިކާއި ހުމަށްވެސް ހުއްޓުމެއް ނެތި ބޭސް ދެމުން އަންނައިރު އެއްވެސް ވަރަކަށް ހުން ނުފިލާތީ ވަރަށް ކަންބޮޑުވާ ކަމަށް އޭނާ ބުންޏެވެ.

ޝަރުފާ ބުނީ މިއީ ޓުވިންސް ދެ ކުދީންގެ ތެރެއިން އެއް ކުއްޖެއް ކަމަށެވެ. އުމުރުން އެންމެ އެއް އަހަރާއި ތިން މަހުގެ އައިރިންގެ ހަށިގަނޑުގައި އަޅާ ވޭނަށް ރުއިމުގެ އަޑު ނުކެނޑޭ ކަމަށް ޝުރުވާ ބުންޏެވެ. މިއީ މައެއްގެ ހިތަށް ކެތްވާނެ ކަމެއް ނޫނެވެ. މީގެ ކުރިން ކުދި ކުދި ބަސް ބަސް ބުނި ނަމަވެސް މިހާދިސާއަށްފަހު އެއްވެސް ވަރަށް އައިރިން ވާހަކައެއް ނުދައްކަ އެވެ. އައިރިންގެ ޓުވިންސް އަނެއް ކުއްޖާ ވެސް ހާދިސާއަށް ފަހު ވަރަށް ރޮއެ ހަދާ ކަމަށާއި އައިރިން މަތިން ހަނދާންވެ ހުންނަނީ ފާޑަކަށް ބަސް ހުއްޓިފައި ކަމަށް ވެސް ޝުރުފާ ބުންޏެވެ.

"މަންމާ އާދޭ. ބައްޕަ، ކޮއްކޮ، މިފަދަ ބަސްތައް ކުރިން ބުނާނެ. އެކަމަކު މިހެން ވީ ފަހުން އެއްވެސް ވަރަކަށް ވާހަކައެއް ނުދައްކާ. މަންމައޭވެސް ނުކިޔާ. ވަރަށް ރޮއެ ހަދާ. ދެން ފިހުނު ތަންތަން ރަނގަޅުވަމުންދާތީ ވަރަށް ހިރުވާތީވެސް އުޅޭ. ވަރަށް އަސަރު ކުރޭ އެހެންވެ." އަސަރާއެކު އޭނާ ބުންޏެވެ.

އައިރިންގެ ބޭސްފަރުވާ އަކީ ރާއްޖެއިން ކުރެވޭނެ ކަމެއް ކަމަށް ބުނާތީ، ރާއްޖެއިން ބޭރަށް ދާން އާސަންދައެއް ނުލިބެ އެވެ. ތަނަވަސް އާއިލާއަކަށް ނުވި ނަމަވެސް ދަރިފުޅުގެ ހިނތުންވުން އަނބުރާ ގެނައުމަށް މައިންބަފައިން ތިބީ އަމިއްލަ ހަރަދުގައި ނަމަވެސް ބޭރަށް ދާން ތައްޔާރަށެވެ. ނަމަވެސް މިއީ ބޮޑު ހަރަދެއް ދާނެ ކަމަކަށްވުމުން ދީލަތި އެހީތެރިކަމަށް އެދެ އެވެ.

އައިރީން އަށް އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކުން:

އެކައުންޓް ނަންބަރު: 7730000037388 އައިޝަތު ޝަރުފާ.