ނައިބު ރައީސް ފައިސަލް ނަސީމް، ފުވައްމުލަކު ސިޓީގައި އިމާރާތްކުރާ އާ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވައިފިއެވެ.

ފުވައްމުލަކު ސިޓީގެ ދޫޑިގަން އަވަށުގެ ބަނދަރު ސަރަހައްދުގައި އިމާރާތްކުރާ މި މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރެވެ. ރަސްމިއްޔާތުގައި ނައިބު ރައީސްގެ އިތުރުން ވަޒީރުންނާއި ފުވައްމުލަކު ސިޓީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ އެ ސިޓީގެ ބަނދަރު ސަރަޙައްދުގައި މިސްކިތެއް ބިނާކުރުމަކީ ވަރަށް ގިނަ އަހަރުތަކެއް ކުރިން ފެށިގެން އެ ސިޓީގެ ރައްޔިތުން ކުރަމުން އައި އިންތިޒާރެއް ކަމަށެވެ.

މި މިސްކިތް ހުޅުވުމާއެކު އަޅުކަންކުރުމަށް މިސްކިތުގެ ފުރިހަމަ ބޭނުންކުރުމަށް ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.

ދައުލަތުގެ ބަޖެޓުން 11.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތްކުރާ މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ.

ޒަމާނީ ޑިޒައިނަކަށް އިމާރާތްކުރާ މި މިސްކިތް ނިންމުމަށް ހަމަޖެހިފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައެވެ.