ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި ހަދާފައިވާ ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގެ ރަޖިސްޓްރީ މާލޭ ސިޓީ ކައުންސިލަށް ބާތިލު ނުކުރެވޭނެ ކަމަށް ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފިއެވެ.
އެލްޖީއޭއިން މިއަދު ބުނީ މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 30 ވަނަ ރަސްމީ ޖަލްސާގައި އެޗްޑީސީގެ ނަމުގައި ހަދާފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ކެންސަލްކުރި މައްސަލަ ބަލައި ދިނުމަށް އެޗްޑީސީގެ ފަރާތުން މިދިޔަ ބުރާސްފަތި ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބެލުމަށްފު އެ އޮތޯރިޓީން ނިންމީ ރަޖިސްޓްރީ ބާތިލުކުރުމަކީ މާލޭ ސިޓީ ކައުންސިލަށް ގާނޫނީ ގޮތުން ނިންމޭނެ ނިންމުމެއް ނޫން ކަމަށެވެ.
މީގެ އިތުރުން މާލޭ ސިޓީ ކައުންސިލުން ރަޖިސްޓްރީ ބާތިލުކުރި މައްސަލައިގެ އިންކުއައިރީއެއް ވެސް ހަދަން ނިންމާފައިވާ ކަމަށް އެލްޖީއޭ ބުންޏެވެ.
މިދިޔަ ބުދަ ދުވަހު މާލޭ ސިޓީ ކައުންސިލުގެ ބައްދަލުވުމެއްގައި ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރުމަށްފަހު، އެކަމާ ގުޅޭގޮތުން މައުލޫމާތުދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އެޗްޑީސީން ނަހަމަ ގޮތުގައި ރަޖިސްޓްރީ ބޭނުންކުރާ ކަމަށެވެ. އަދި ރަޖިސްޓްރީ ބާތިލުކުރަން ޖެހުނީ ސަރުކާރާއި އެލްޖީއޭއާ ވާހަކަ ދައްކައިގެން ހުޅުމާލޭގެ އިހުތިސޯސް، ސިޓީ ކައުންސިލަށް ނުލިބުމުން މާލޭ ރައްޔިތުންގެ ލާބަ އާއި މަންފާއަށް ކުރަމުން އަންނަ މަސައްކަތަށް ހުރަސް އެޅެމުންދާތީ ކަމަށެވެ.
ސިޓީ ކައުންސިލުން ހުޅުމާލޭގެ ރެޖިސްޓްރީ ބާތިލުކުރުމުގެ ކުރިން، ސިޓީ ކައުންސިލާއި އެޗްޑީސީއާ ދެމެދު ވަނީ ދެބަސްވުމެއް ވެސް ހިނގައިފައެވެ. އެއީ އިދިކޮޅު ކޯލިޝަނުން ހުޅުމާލޭގައި ޖަލްސާއެއް ބާއްވަން ތައްޔާރުވެފައި ވަނިކޮށް އެޗްޑީސީން އެ ޖަލްސާ ބޭއްވޭނީ އެކުންފުނީގެ ހުއްދަ ނަގައިގެން ކަމަށް ބުނުމުން އުފެދުނު ދެބަސްވުމެކެވެ.
ރަޖިސްޓްރީ ބާތިލުކުރި މައްސަލަ އެޗްޑީސީގެ ފަރާތުން ވަނީ ސިވިލް ކޯޓަށް ވެސް ހުށަހަޅައިފައެވެ. އެޗްޑީސީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ދެ މައްސަލައެކެވެ. އެއް މައްސަލައަކީ ސިޓީ ކައުންސިލުގެ ނިންމުން ބާތިލުކޮށްދިނުމަށް އެދުނު މައްސަލަ އާއި ސިޓީ ކައުންސިލުގެ އެ ނިންމުމުގެ ސަބަބުން ކުންފުންޏަށް ލިބުނު ރެޕިއުޓޭޝަން ޑެމޭޖުގެ ގެއްލުމުގެ ބަދަލު ހޯދަން ހުށަހެޅި މައްސަލައެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު މީގެ ކުރިން ވިދާޅުވެފައިވަނީ، ސިޓީ ކައުންސިލުގެ އެ ނިންމުގެ ސަބަބުން އެ ކުންފުނީގެ ރެޕިއުޓޭޝަން ވަރަށް ބޮޑަށް ދަށްވާނެ ކަމަށާއި އެކަމުގެ ސަބަބުން ކުރިމަގުގައި ކުންފުންޏަށް ދަތިތަކެއް ދިމާވެ ގެއްލުންތަކެއްވުން އެކަށީގެންވާ ކަމަށެވެ.
އެ މައްސަލައިގެ ޑިސްޕިއުޓް ރިސޮލިއުޝަން މަރުހަލާ އިއްޔެ ވަނީ ސިވިލް ކޯޓުގައި ކުރިއަށް ގެންގޮސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު