ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ގުރުއަތުލުން އަލުން ނެގުމުން ޕީއެސްޖީން ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެން ޖެހުނު އިރު، ލިވަޕޫލާއި އިންޓަ މިލާންވެސް ކުރިމަތިލާން ޖެހިއްޖެއެވެ.
މިއަދު ހަވީރު ނެގި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރުއަތުލުން ބާތިލުކުރަން ޔޫއެފާއިން ނިންމީ ގުރުއަތުލުމުގެ ތެރެއިން ސޮފްޓްވެއާއަށް ހެދުނު ގޯހެއްގެ ސަބަބުންނެވެ. މިއަދު ފުރަތަމަ ނެގި ގުރުއަތުގައި ދެ މައްސަލައެއް ފާހަގަކުރެވުނެވެ. ފުރަތަމަ ފާހަގަކުރެވުނު މައްސަލަ އަކީ މެންޗެސްޓާ ޔުނައިޓެޑާއި ވިޔަރެއާލް ކުޅެން ޖެހޭގޮތަށް ގުރުއަތުން ދިމާވުމެވެ. ޔުނައިޓެޑާއި ވިޔަރެއާލަކީ އެއް ގްރޫޕެއްގައި ހިމެނޭ ދެ ޓީމު ކަމަށްވުމުން ގަވާއިދުގައި އޮންނަ ގޮތުން ނޮކައުޓް ފުރަތަމަ ބުރުގައި އެ ދެ ޓީމު ކުޅޭކަށް ނުޖެހޭނެއެވެ.
އެ ގުރު އަލުން ލުމުން ވިލަރެއާލާއި މެންޗެސްޓާ ސިޓީއާ ކުޅެން ޖެހުނު އިރު، ދެން ފާހަގަކުރެވުނު މައްސަލަ އަކީ ޔުނައިޓެޑްގެ ބޯޅައިގެ ބަދަލުގައި ލިވަޕޫލްގެ ބޯޅަ އެތުލެޓިކޯއާ ކުޅެން ޖެހޭ ގުރުއަތުލުމުގައި ހިމެނުމެވެ. އެތުލެޓިކޯ އާއި ލިވަޕޫލް އެއް ގްރޫޕެއްގައި ކުޅެފައިވާ އިރު، މި ދެ ޓީމު ދެވަނަ ބުުރުގައި ބައްދަލުނުކުރެވޭނެއެވެ. އެ ގުރުގައި ޔުނައިޓެޑް ހިމަނަން ޖެހޭ ނަމަވެސް ހިމެނިފައެއް ނުވެއެވެ.
ކުރިން އޮތް ގޮތުން ކްރިސްޓިއާނޯ ރޮނާލްޑޯގެ މެންޗެސްޓާ ޔުނައިޓެޑުން ލިއޮނަލް މެސީގެ ޕީއެސްޖީއާ ކުޅެން ޖެހުނު ނަމަވެސް، އަލުން ގުރު ނަގައިގެން ޔުނައިޓެޑް ވާދަކުރަން ޖެހުނީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ. ފުރަތަމަ ގުރު ބާތިލުކުރުމަށް ބެލި ދެވަނަ މައްސަލައަކީވެސް އެތުލެޓިކޯގެ ޕޮޓަށް ޔުނައިޓެޑްގެ ބޯޅަ ނުލެވުމުގެ މައްސަލައެކެވެ.
އަލުން ނެގި ގުރުގައި އެންމެ ފާހަގަކޮށްލެވެނީ 13 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ރެއާލް މެޑްރިޑުން ޔޫރަޕުގެ ތަރިންގެ ޓީމު ޕީއެސްޖީއާ ދެކޮޅަށް ނުކުންނަން ޖެހުމެވެ. ބާސާއަށް އެތައް ދުވަހެއް ވަންދެން ކުޅެ، ރެއާލް މެޑްރިޑާ ހާއްސަ ވާދަވެރިކަމެއް އޮންނަ މެސީއަށް އަނެއްކާވެސް ރެއާލްއާ ދެކޮޅަށް ނުކުންނަން ޖެހުނު އިރު، މިހާރު ޕީއެސްޖީގައި ހުރި ރެއާލްގެ ލެޖެންޑް ސާޖީއޯ ރާމޯސްއަށްވެސް މެޗު ހާއްސަ ވާނެއެވެ.
ރެއާލްއާއި ޕީއެސްޖީ ވަނީ 2017-18 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ގަދަ 16 ގައިވެސް ވާދަކޮށްފައެވެ. އެ ދެ މެޗު އެގްރިގޭޓް 5-2 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ރެއާލް މެޑްރިޑެވެ.
ލިވަޕޫލާއި އިންޓަ މިލާނަކީ ވާދަވެރި ކުރިމަތިލުމަކަށް ވާނެއެވެ. އެންމެފަހުން މި ދެޓީމު ވާދަކުރީ 2008 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައެވެ. އެ ދެމެޗު އެގްރިގޭޓް 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލިވަޕޫލެވެ. އަލުން ގުރު ނަގައިގެންވެސް އެންމެފަހުގެ ޗެމްޕިއަން ޗެލްސީން ވާދަކުރަން ޖެހުނީ ހަމަ ކުރިންވެސް ވާދަކުރަން ޖެހުނު ލިލްއާ ދެކޮޅަށެވެ.
- އެފްސީ ސާލްސްބާގު - ބަޔާން މިއުނިކް
- ސްޕޯޓިން ލިސްބަން - މެންޗެސްޓާ ސިޓީ
- ބެނިފީކާ - އަޔެކްސް
- ޗެލްސީ - ލޮސްކް ލިލް
- އެތުލެޓިކޯ މެޑްރިޑް - މެންޗެސްޓާ ޔުނައިޓެޑް
- ޔުވެންޓަސް - ވިލަރެއާލް
- އިންޓަ މިލާން - ލިވަޕޫލް
- ޕީއެސްޖީ - ރެއާލް މެޑްރިޑް
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު