ބޮލީވުޑްތަރިން ކަމަށްވާ ކަރީނާ ކަޕޫރު ހާން އަދި އަމްރިތާ އަރޯރާ ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ގާތް ދެރަހުމަތްތެރީން ކަމަށްވާ ކަރީނާ އަދި އަމްރިތާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު މި ދެތަރީން ފަހަކަށް އައިސް ކޮވިޑުގެ ގަވާއިދުތަކާ ހިލާފަށް ގިނަ ހަފުލާތަކުގައި ބައިވެރިވެ މީޑިއާގައި ހިއްސާކުރަމުންދާ ފޮޓޯ އަދި ވީޑިއޯތަކާ ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވަމުން އައިސްފައެވެ.

ހަބަރުތައް ބުނާގޮތުގައި މި ދެތަރީންވަނީ ކޮވިޑު ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވެފައެވެ. އަދި މި ދެތަރިންނާއި އެއްތާވި ގިނަ ބަޔަކު ހިމެނޭނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އޭގެ ތެރޭގައި ބޮލީވުޑް އިންޑަސްޓްރީގެ ގިނަ ބަޔަކު ހިމެނޭނެ ކަމަށް ބެލެވިފައިވާއިރު ކޮންޓެކްޓް ޓްރޭސިން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް މިހާތަނަށް އެއްވެސް ބޮލީވުޑް ތަރިއެއްގެ ނަމެއް މީޑިއާތަކަށް ސާފުވާ ގޮތް ވަނީ ނުވެފައެވެ. ކަރީނާ އަދި އަމްރިތާ ކޮވިޑަށް ޕޮޒިޓިވް ވެ މިހާރު ކަރަންޓީން ވެގެން ތިބި ކަމަށާއި އަދި ފެންނަމުން ދަނީ އާދައިގެ އަލާމާތްތައް ކަމަށް ވެސް ހަބަރުތައް ބުނެއެވެ.

ކަރީނާ އާއި އަމްރިތާ މިހާތަނަށް ރަސްމީކޮށް މިކަމާ ގުޅިގެން އެއްޗެއް ބުނެފައެއް ނުވެއެވެ. މި ދެ ތަރިން ޕޮޒިޓިވް ވި ހަބަރު އައިސްފައި ވަނީ ބްރިހަންމުމްބާއީ މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ) އިން ކަރީނާ އަދި އަމްރިތާ އާއި އެންމެފަހުން ގާތުން ބައްދަލުވި އެންމެން އާރްޓީޕީސީއާރް ޓެސްޓު ހެދުމަށް އެންގުމާ ގުޅިގެންނެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ކަރީނާ އަދި އަމްރިތާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު، އެ ދެތަރިންވެސް ވަނީ ކޮވިޑުން ރައްކާތެރިވުމަށް އެޅިފައިވާ ފިޔަވަޅުތަކާ ހިލާފުވެ ގިނަ އަދަދެއްގެ ޕާޓީތަކުގައި ބައިވެރިވެފައެވެ. އެކަމާ ގުޅިގެން މި ދެތަރިންނާއި ގާތުން ބައްދަލުވި އެންމެން އާރްޓީ-ޕީސީއާރް ޓެސްޓު ހެދުމަށް އެންގިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުގެ ހަބަރުތަކަށް ބަލާއިރު ކަރީނާގެ ބައްޕަ ރަންދީރު ކަޕޫރު ވަނީ ކަރީނާ ކޮވިޑަށް ޕޮޒިޓިވް ވިކަން ޔަގީންކޮށްދީފައެވެ. އޭނާގެ ފަރާތުން ފެންނަމުން ދަނީ އާދައިގެ އަލާމާތްތައް ކަމަށާއި އަދި ކަރަންޓީން ވެގެން ހުރީ ތައިމޫރު އަދި ޖެހް އާ އެކުގައިކަން ރަންދީރު ވަނީ ބުނެފައެވެ.

''ކަރީނާ އިއްޔެ ޓެސްޓު ކުރީ ކޮންމެވެސް ވަރަކަށް ހުން އައިސް ގައިގަ ރިއްސާތީ. މިވަގުތު އޭނާގެ ހާލު ރަނގަޅު. ޑޮކްޓަރުން އަންނަނީ އޭނާގެ ކަންކަން ގާތުން ބަލަމުން.'' ރަންދީރު ބުނެފައިވެއެވެ.

ކަރީނާ އަދި އަމްރިތާ ވަރަށް ފަހުން ވަނީ ރިއާ ކަޕޫރު ބޭއްވި ޕާޓީއެއްގައިވެސް ބައިވެރިވެފައެވެ. އަމްރިތާގެ ދައްތަ މަލާއިކާ އަރޯރާ، ކަރީނާގެ ދައްތަ ކަރިޝްމާ ކަޕޫރު، ކަރީނާގެ މެނޭޖަރު އަދި މަސާބާ ގުޕްތާ ވަނީ އެ ޕާޓީގައި މިދެތަރިންނާއެކު ފެނިގެން ގޮސްފައެވެ. އެއަށްފަހު ކަރީނާ އަދި އަމްރިތާ ވަނީ ކަރަން ޖޯހަރުގެ ގޭގައި އޮތް ޕާޓީއެއްގައިވެސް ބައިވެރިވެފައެވެ. މަލާއިކާ، އަރްޖުން ކަޕޫރު، އާލިއާ ބަޓް، ކަރިޝްމާ ބައިވެރިވި މި ޕާޓީއަކީ ''ކަބީ ހުޝީ ކަބީ ގަމް'' އަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޕާޓީއެކެވެ.